ހަބަރު

ދިއްފުށީ ހަމަނުޖެހުންތަކާ ގުޅިގެން މީހަކު ހައްޔަރުކޮށްފި

May 24, 2019

ވަގުން ހޯދައި އަތުލުމަށް ކަމަށް ބުނެ، ކ. ދިއްފުށީގައި ހިންގި ހަމަނުޖެހުންތަކާ ގުޅިގެން އެ ރަށުން މީހަކު ހައްޔަރުކޮށްފި އެވެ.

ހައްޔަރުކޮށްފައިވަނީ އުމުރުން 32 އަހަރު މީހެކެވެ. އޭނާގެ ބަންދަށް ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުން ވަނީ 10 ދުވަސް ޖަހާފަ އެވެ.

ދެ ރޭގެ މަތިން ދިއްފުށީގައި ބަޔަކު ނުކުމެ ހަމަނުޖެހުން ހިންގީ އެ ރަށުގައި ވައްކަން އިތުރުވެ، ވަގުން ހިފަން ކަމަށް ބުނެ އެވެ. އެ ހަމަނުޖެހުންތައް ފެށުނީ ރަށުގެ ފިހާރައަކުން ތިޖޫރީއެއް ގެއްލުނު ހިސާބުންނެވެ.

ރޭ ދިއްފުށީގައި ބަޔަކު ނުކުމެ، ގެއްލުނު ތިޖޫރީ ވަނީ ހޯދާފަ އެވެ. ތިޖޫރީ ފެނުނީ އެ ރަށު ތުނޑީ ކޮޅުންނެވެ. އަދި އެ ވައްކަމުގައި ތުހުމަތުވާ މީހުންނަށް ދެ ރޭގެ މަތިން ހަމަލާ ވެސް ރަށުގެ ބަޔަކު ދިނެވެ. ހާލު ސީރިއަސްވެގެން އެއް ބަޔަކަށް މާލެ ގެނެސް ފަރުވާ ވެސް ދޭން ޖެހުނެވެ.

ހަމަނުޖެހުންތަކާ ގުޅިގެން އެ ރަށަށް ފުލުހުން ގޮސް، ރަށު ތެރޭގައި ވަނީ ހަރަކާތްތެރިވެފަ އެވެ.