އދ. އިން ޔަމަނަށް ކަނޑައަޅާފައި ހުންނަ ހާއްސަ މަންދޫބު މާޓިން ގްރިފިތްސް އާއި ޔަމަނުގައި ހަރަކާތްތެރިވާ ހޫތީ ހަނގުރާމަވެރިންނާއި ގުޅުން އޮންނަ ކަމަށާއި ހަަނގުރާމަވެރިންނާ އެއްކޮޅަށް މަންދޫބު މަސައްކަތް ކުރައްވާ ކަމަށް ބައިނަލް އަގްވާމީ ދުނިޔެ ބަލައިގަންނަ ޔަމަނުގެ ރައީސް ތުހުމަތު ކުރައްވައިފި އެވެ.
ޔަމަނުގެ ރައީސް އަބެދް ރައްބޯ މަންސޫރު ހާދީ އދ. ގެ ސެކްރެޓަރީ ޖެނެރަލް، އެންޓޯނިޔޯ ގުޓެރޭޒަށް ލިޔުއްވާފައިވާ ސިޓީފުޅެއްގައި މާޓިންގެ ސަަބަބުން ސުލްހައިގެ ވާހަކަތަކަށް ދެވޭ އަހައްމިއްޔަތު ކުޑަވާ ކަމަށާއި އެގޮތަށް ވަމުން ދާނަމަ ޔަމަނު ސަރުކާރުން މާޓިންއާ ވާހަކަ ދައްކަން ބޭނުން ނުވާނެ ކަމަށް ވިދާޅުވެފައި ވެއެވެ.
"ހާއްސަ މަންދޫބު ގަވާއިދާ ހިލާފަށް ކުރަމުންދާ ކަންތައްތަކާމެދު އިތުރަށް ކެތެއް ނުކުރާނަން. އޭގެ ސަބަބުން އަހަރެމެން ހާސިލް ކުރަން ބޭނުންވާ ކަންކަމަށް ހުރަސް އެޅޭ،" ފަސް ގަނޑުގެ ދިގު ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ. އެ ސިޓީގެ ކޮޕީއެއް ބުރާސްފަތި ދުވަހު ނޫސްވެރިންނާ ވެސް ހިއްސާކޮށްފައި ވެއެވެ.
ހޫތީ ހަނގުރާމަވެރިންނާއި ޔަމަނުގެ ރައްޔިތުން ހޮވާފައިވާ ސަރުކާރާއި އެއްގޮތް ކުރާ ކަމަށް ވެސް ހާދީގެ އެ ސިޓީފުޅުގައި ތުހުމަތުކޮށްފައި ވެއެވެ. އަދި އދ. ގެ ކުޑައިގެ ދަށުގައި ތިބެ ހޫތީ ހަނގުރާމަވެރިން ހުދެއިދާގެ މައި ބަނދަރުތަކަށް އަތްގަދަ ކުރަން މާޓިންގެ ސަބަބުން ހިތްވަރު ލިބޭ ކަމަށް ވެސް ހާދީގެ ސިޓީފުޅުގައި ވިދާޅުވެފައި ވެއެވެ.
މާޓިން އާއި ރައީސް ހާދީގެ ދެމެދުގައި ރުޅިވެރިކަމެއް އުފެދިފައިވަނީ މިދިޔަ ހަފުތާގައި ހުދެއިދާގެ ޕޯޓް ސިޓީގައި ތިބި ހޫތީ ހަނގުރާމަވެރިން އެތަނުން ނުކުންނަން އެއްބަސް ވެއްޖެކަމަށް އދ. އިން ބުނި ހިސާބުން ނެވެ.
ޔަމަނު ހަމަނުޖެހުމުގެ ކުރީކޮޅު ސައުދީ އަރަބިއްޔާއަށް ވަޑައިގެންނެވި ހާދީ ވިދާޅުވަނީ ޔަމަނު ހަމަނުޖެހުމުގެ އެއްވެސް ކަމެއް މާޓިންއަށް ވިސްނި ވަޑައި ނުގަންނަވާ ކަމަށާއި އެ މަގާމަށް އޭނާ އެކަށީގެން ނުވާ ކަމަށެވެ.
ހާދީގެ ސިޓީފުޅަށް ރައްދު ދެއްވަމުން ހޫތީންގެ ހަނގުރާމަވެރި ލީޑަރު މުހަންމަދު އަލީ އަލް-ހޫތީ ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ހާދީ އދ. އަށް ފޮނުވާފައިވާ ސިޓީއަކީ ސުލްހަ ގާއިމްކުރަން ކުރަމުންދާ މަސައްކަތަށް ހުރަސް އަޅަން ކުރައްވާފައިވާ ފިނޑި އަމަލެއް ކަމަށެވެ.