ވިޔަފާރި

އެނބޫދޫ ފަޅު، ހާޑްރޮކް ހޮޓަލާއި ސައިލެގޫން ދައްކާލައިފި

އެނބޫދޫ ފަޅުން: މުހައްމަދު އަފްރާހު
May 25, 2019
10

ތައިލެންޑުގެ ސިންހާ އެސްޓޭޓް ކުންފުނިން އެނބޫދޫ ފަޅުގައި ތަރައްގީ ކޮށްފައިވާ، ސައިލެގޫން މޯލްޑިވްސް އާއި ހާޑްރޮކް ހޮޓެލާއެކު ތަރައްގީ ކުރި އެހެނިހެން ހިދުމަތްތައް ފުރަތަމަ ފަހަރަށް ދައްކާލައިފި އެވެ.

ރާއްޖޭގެ ޓޫރިޒަމްގެ މޫނުމަތި ބަދަލު ކޮށްލާނެ މަޝްރޫއެއްގެ ގޮތުގައި ކުރިއަށް ގެންދާ ކްރޮސްރޯޑް މޯލްޑިވްސްގެ މި މަޝްރޫއުގެ ދަށުގެ އެނބޫދޫ ފަޅުގައި ފުރަތަމަ ފިޔަވަހީގެ ދަށުން މަޝްހޫރު މިއުޒިކީ ބްރޭންޑް ހާޑްރޮކްގެ ހޮޓަލަކާއި ސައި ލެގޫންގެ ނަމުގައި ރިސޯޓެއްގެ އިތުރުން ރާއްޖޭގެ މައުލޫމާތުތައް ހިމެނޭ ކަލްޗަރަލް ސެންޓަރަކާއި މެރިން ޑިސްކަވަރީ ސެންޓަރެއް އަދި މެރީނާއެއް ވެސް ހަދާފައި ވެއެވެ.

މާލެ އިން ފުރައިގެން 15 މިނެޓުން ދެވޭ ރާސްތާގައި ހަދާފައިވާ މި ރިސޯޓުގައި ގިނައިން މަސައްކަތް ކުރާނީ ދިވެހިންނެވެ. ހާއްސަކޮށް ސީނިއަ ޕޯސްޓްތަކުގައި ތިބީ ދިވެހިންނެވެ.

މިއުޒިކީ ފުށީގައި - ހާޑްރޮކް ހޮޓެލް

މި މަޝްރޫއުގެ ދަށުން މަޝްހޫރު ހާޑްރޮކް ކުންފުނިން ތަރައްގީ ކޮށްފައިވާ "މިއުޒިކީ ފުށީ" ގެނަން ދީފައިވާ ރިސޯޓް ހުޅުވާނީ މި އަހަރުގެ ޖޫން މަހު އެވެ. އަދި ސައިލެގޫން މޯލްޑިވްސް ޖުލައި މަހު ހުޅުވާނެ އެވެ. ހާޑްރޮކް ބްރޭންޑުން ރާއްޖޭގައި ހުޅުވާ މި ރިސޯޓަކީ މި ރީޖަންގައި އެ ކުންފުނިން ހުޅުވާ ފުރަތަމަ ރިސޯޓެވެ.

މިއުޒިކީ އެކި ބައިތަކާއި މިއުޒިކަށް ހާއްސަ ހާޑްރޮކް ބްރޭންޑްގެ މި ރިސޯޓުގެ ޖެނެރަލް މެނޭޖަރު ޓޮލްގާ މިއަދު އަވަސް އަށް ވިދާޅުވީ މި ރިސޯޓު ވެގެންދާނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮޑަކްޓަށް އިތުރުވެގެން އަންނަ އާ އުފެއްދުމަކަށް ކަމަށާ، އަދި މި ބްރޭންޑު ވެގެންދާނީ ރާއްޖޭގެ ފަންނުވެރިންނަށް ފުރުސަތު ދޭނެ ބްރޭންޑަކަށް ކަމަށެވެ.

"އަޅުގަނޑުމެން އެންމެ ހާއްސަ ކަމެއް ދޭނީ ލޯކަލް ޓެލެންޓަށް އިސްކަން ދޭން. މި ރިސޯޓުގައި މިއުޒިކް ކުޅުމަށް އިންޓަނޭޝަނަލް ބޭންޑްތަކުގެ އިތުރުން ދިވެހި ލޯކަލް އާޓިސްޓުން ވެސް ހަރަކާތްތެރި ވާނެ. މިހާރު ވެސް ސްކައި ރޮކް ބޭންޑަށް ވާނީ ފުރުސަތު ދީފައި،" ޓޮލްގާ ވިދާޅުވި އެވެ.

ހާޑްރޮކް މޯލްޑިވްސްގެ ހުރިހާ ބައިތަކެއް ވެސް ފަރުމާކޮށްފައި ވަނީ މިއުޒިކާ އެކުގަ އެވެ. މިގޮތުން ބަދިގޭގައި ކެއުންތައް ތައްޔާރު ކުރާއިރު ޝެފުންނާއި ކައްކާއިން ވެސް ހަރަކާތްތެރި ވާނީ މިއުޒިކް ބޭންޑެއްގެ ގޮތުގަ އެވެ. އަދި މި ރިސޯޓުގެ ކޮޓަރިތަކާއި ސުމިވިން ޕޫލް ވެސް ފަރުމާކޮށްފައި ވަނީ ވެސް މިއުޒިކާ ގުޅޭ ގޮތަކަށެވެ. މިގޮތުން ޕޫލްގެ ތެރޭގައި އެރި އޮންނަ މީހަކަށް ވެސް މަޑުމަޑު މިއުޒިކެއްގެ އަޑު އިވޭ ގޮތަށް ޕޫލްގެ އަޑީގައި ސްޕީކަރު ހަރުކޮށްފައި ހުރެ އެވެ.

ހާޑްރޮކް މޯލްޑިވްސްގެ އެއްގަމުގައި އާއިލާ އެއްކޮށް ޗުއްޓީ ހޭދަކޮށްލެވޭ ކޮޓަރިތައް ހުރެ އެވެ. އަދި ރަށުގެ އުތުރު ފަރާތާއި ދެކުނު ފަރާތުނުގައި ނޯތް އަދި ސައުތް "ވިންގް ގެ ނަމުގައި ހަދާފައިވާ މޫދު ކޮޓަރިތަކާއެކު މި ރިސޯޓުގައި ޖުމުލަ 178 ކޮޓަރި ހުންނާނެ އެވެ.

ހިލްޓަން ކަލެކްޝަންގެ ސައި ލެގޫން

އެނބޫދޫ ފަޅުގައި ޖުލައި މަހު ހުޅުވަން ތައްޔާރުވެ، މިއަދު ދައްކާލާފައިވަނީ ހިލްޓަން ކަލެކްޝަންގެ ސައި ލެގޫން މޯލްޑިވްސް އެވެ. މި ރިސޯޓުގައި ޑުލެކްސް ރޫމް އާއި ބީޗް ވިލާ އަދި އޯވަ ވޯޓާ ވިލާ ހިމެނޭ ގޮތަށް 198 ކޮޓަރި ހުރެ އެވެ.

ސައިލެގޫންގެ ޖެނެރަލް މެނޭޖަރު އަދި ކްރޮސްރޯޑް މޯލްޑިވްސްގެ ވައިސް ޕްރެޒިޑެންޓް މާޓިން ވެންޑާ ވިދާޅުވީ މި ރިސޯޓް ވެގެން ދާނީ މުޅިން ތަފާތު އެކްސްޕީރިއަންސް އަކަށް ކަމަށެވެ

"މިއީ އެސް ހޮޓެލްގެ ފުރަތަމަ ރިސޯޓް! މި ރިސޯޓުން ފެނިގެންދާ ފަރުމާއަކީ އެފްރިކާ އާއި ސްރީލަންކާ އަދި އިންޑިއާގެ މިކްސްއެއް. ރިސޯޓުގެ ފަރުމާ ފެންނާނީ އެގޮތަށް. މި ރިސޯޓުގައި ވެސް ތަފާތު ކެއުންތަކަށް ހާއްސަ ގިނަ ރެސްޓޯރެންޓުތަކާއި ފުރިހަމަ ހިދުމަތް ހުންނާނެ،" މާޓިން ވިދާޅުވި އެވެ.