ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލާގައި މީހަކު ހައްޔަރުކޮށްފި އެވެ.
ހަ އަހަރުގެ ފިރިހެން ކުއްޖަކާއި އަށް އަހަރުގެ ފިރިހެން ކުއްޖަކަށް ގަދަކަމުން ބަދު އަހުލާގީ އަމަލު ހިންގި ކަމަށް ބުނާ މައްސަލަ ފުލުހުން ހުށަހަޅާފައި ވަނީ މިދިޔަ ބުރާސްފަތި ދުވަހުގެ ރޭ ދަންވަރު އެވެ.
ފުލުހުން މިއަދު ބުނީ އެ މައްސަލައިގައި ތުހުމަތު ވެގެން ކޯޓު އަމުރެއްގެ ދަށުން 19 އަހަރުގެ ފިރިހެނަކު ރޭ ހައްޔަރުކޮށްފައިވާ ކަމަށެވެ.
ކުޑަކުދިންތަކަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކަށްވާތީވެ ފުލުހުން މި މައްސަލަ ތަހުގީގު ކުރަނީ ޖެންޑާ މިނިސްޓްރީއާ ގުޅިގެންނެވެ. މައްސަލާގައި ހިމެނޭ ދެ ކުދިންނަށް ރައްކާތެރިކަން ފޯރުކޮށްދިނުމަށް އާއިލާއާ ގުޅިގެން އަޅަން ޖެހޭ ފިޔަވަޅުތައް މިހާރު ވަނޫ އަޅާފަ އެވެ.
ހުޅުމާލޭގައި ކުޑަ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުންދާއިރު ގދ. ތިނަދޫގައި ނުވަ އަހަރުގެ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައެއް ވެސް ފުލުހުން ދަނީ ބަލަމުންނެވެ.
އެ ރަށުގައި އުމުރުން ނުވަ އަހަރުގެ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމުގެ މައްސަލާގައި ފުލުހުން ވަނީ 71 އަހަރުގެ ފިރިހެނަކު ހައްޔަރުކޮށްފަ އެވެ. އެ މައްސަލާގައި އަންހެން ކުއްޖާގެ ދެ ބޭބެއަށް ވެސް ތުހުމަތު ކުރެވެ އެވެ. އެއީ ވެސް ކުޑަ ދެ ކުދީންނެވެ. އޭގެ ތެރެއިން އެއް ބޭބެގެ އުމުރަކީ 16 އަހަރެވެ. އަނެއް ބޭބެގެ އުމުރަކީ 13 އަހަރެވެ.