އުތުރު ކޮރެއާއިން މި މަހުގެ ކުރީކޮޅު ކޮށްފައިވާ މިސައިލް ޓެސްޓްތަކަކީ އދ. ގެ ގަރާރުތަކާއި މުޅިން ހިލާފަށް ކޮށްފައިވާ ކަމެއް ކަމަށް އެމެރިކާގެ ގައުމީ ސަލާމަތާބެހޭ ވަޒީރު ޖޯން ބޯލްޓޮން ވިދާޅުވެއްޖެ އެވެ.
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ޖަޕާނަށް ކުރައްވާ ދަތުރުފުޅާއި ގުޅިގެން އެ ގައުމަށް ވަޑައިގެން ހުންނެވި ބޮލްޓަން އެ ގައުމުގެ ނޫސްވެރިންނާއި ވާހަކަ ދައްކަވަމުން ވިދާޅުވީ އެމެރިކާ އަދިވެސް އޮތީ އުތުރު ކޮރެއާ އާއެކު ނިއުކްލިއާ މަޝްވަރާތައް ކުރިއަށް ގެންދަން ތައްޔާރަށް ކަމަށެވެ.
އަދި ދެފަރާތުން ވެސް އދ.ގެ ގަރާރުތަކަށް ކަމޭ ހިތަން ޖެހޭނެ ކަމަށާއި އެމެރިކާއިން އުތުރު ކޮރެއާގެ ނިއުކްލިއާ މައްސަލަ ހައްލުކުރަން އަބަދުވެސް ބާރު އަޅަމުން އަންނަ އިރު ކޮންމެ ފަހަރަކު ކުރާ މަޝްވަރާތަށް ބޭކާރު ވިޔަ ނުދިނުމަށް ވެސް ބޮލްޓަން އެދިވަޑައި ގަތެވެ.
2017 ގައި ހަތިޔާރު ޓެސްޓު ކުރުން ހުއްޓާލުމަށް ފަހު އުތުރު ކޮރެއާއިން ކައިރި ރާސްތާއަށް ދަތުރުކުރާ ދެ މިސައިލް މޭ 4 އަދި 9 ގައި ވަނީ ޓެސްޓު ކޮށްފަ އެވެ.
ބައެއް ފަރާތްތަކުން އެ މިސައިލްތައް ޓެސްޓު ކޮށްފައިވަނީ އެމެރިކާއަށް ނިއުކްލިއާ މަޝްވަރާތަކުގައި ޕްރެޝަރު ކުރަން ކަމަށް ބުނާއިރު އދ.ގެ ގަރާރުގައި އުތުރު ކޮރެއާއިން އެއްވެސް ވައްތަރެއްގެ ބަލިސްޓިކް މިސައިލެއް ޓެސްޓުކުރުން ވަނީ މަނާ ކޮށްފަ އެވެ.
"ކަން އެހެން އޮތްއިރު އުތުރު ކޮރެއާއިން މިސައިލް ޓެސްޓު ކުރުމަކީ ކަނޑައެޅިގެން މަނާކަމެއް. އަދި އދ.ގެ މަޖިލީހުގެ ގަވާއިދާ ހިލާފުވާ ކަމެއް" ބޮލްޓަން ވިދާޅުވި އެވެ.
ބޮލްޓަން މިމޭރުމުން ވާހަކަ ދައްކަވާފައި ވަނީ އެމެރިކާގެ ހުދުމުހުތާޜު ގޮތްގަނޑު ދޫކޮށްނުލަނީސް މަޝްވަރާތައް ދެން ކުރިއަށް ނުގެންދާނެ ކަމަށް އުތުރު ކޮރެއާގެ މީޑިއާތަކުން ރިޕޯޓުކުރިތާ އެއް ދުވަސް ފަހުން ނެވެ.
އަދި އެމެރިކާއިން އަތުލައިގަނެފައިވާ އުތުރު ކޮރެެއާގެ ކާގޯ ބޯޓު އަނބުރާ އެ ގައުމާ ހަވާލުކުރުމަށް ވެސް ވަނީ އަންގާފަ އެވެ.