އިލެކްޝަންސް ކޮމިޝަން

ޕާޓީތަކަށް ފައިސާ ދޫކުރަން ފިނޭސަށް އަންގައިފި

ސިޔާސީ ޕާޓީ ތަކުގެ ތެރެއިން 10،000 މީހުން ހަމަވާ ހަތަރު ޕާޓީއަކަށް 26 މިލިއަން ރުފިޔާ ދޫކުރަން އިލެކްޝަން ކޮމިޝަން (އީސީ) އިން ފިނޭސް މިނިސްޓްރީއަށް އަންގައިފި އެވެ.

އީސީގެ މެމްބަރު އަހުމަދު އަކްރަމް މިއަދު ވިދާޅުވީ، ޕާޓީތަކަށް ފައިސާ ދޫކޮށްދޭން ފިނޭސްގައި އެދިފައިވަނީ މިދިޔަ ބުރާސްފަތި ދުވަހުގައި ކަމަށެވެ. މިހާރު ފައިސާ ދޫކުރަން ނިންމާފައިވަނީ އެމްޑީޕީ އާއި ޕީޕީއެމާއި ޖުމްހޫރީ ޕާޓީ އަދި އެމްޑިއޭއަށް ކަމަށެވެ.

ފައިސާ ދިނުން ކުރިން މަޑު ޖައްސާފައިވާ ޕީޕީއެމަށް އަލުން ފައިސާ ދޫކުރަން ނިންމީ އެ ޕާޓީގެ ހުރިހާ ޖޫރިމަނާއެއް ދައްކާ ނިމިފައި ވުމުން ކަމަށް ވެސް އަކްރަމް މިއަދު ވިދާޅުވި އެވެ.

ޕާޓިތަކަށްދޭ ފައިސާގެ ތަފުސީލް

  • އެމްޑީޕީ: 12.8 މިލިއަން ރުފިޔާ
  • ޕީޕީއެމް: 9.3 މިލިއަން ރުފިޔާ
  • ޖުމްހޫރީ ޕާޓި: 2.5 މިލިއަން ރުފިޔާ
  • އެމްޑީއޭ: 2.03 މިލިއަން ރުފިޔާ

ސިޔާސީ ޕާޓީތަކުގެ ގާނޫނުގައިވާ ގޮތުން ސިޔާސީ ޕާޓީއަކަށް ދައުލަތުން ފައިސާ ދޫކުރާނީ އެ ޕާޓީއެއްގައި 10،000 މެންބަރުން ހަމަވާ ޕާޓީތަކަށެވެ. ފަހަކަށް އައިސް ގިނަ ޕާޓީތަކެއް ރަޖިސްޓާކޮށްފައިވާ އިރު އެއިން އެއްވެސް ޕާޓީއަކަށް އަދި މިހާތަނަށް އެ އަދަދަށް މެންބަރުން ހަމަ ކުރެވިފައެއް ނުވެ އެވެ.