ހަބަރު

ވޯޓްގެ މައްސަލާގައި އާއިލާ ތެރެ ވެސް ހޫނުވެފައި!

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އިންތިހާބު ކުރާނެ ބޭފުޅެއްގެ ބަހުސް މީގެ ކުރިން އޮތީ ފަރުދާއެއްގެ ފުރަގަހުގަ އެވެ. ތުންތުންމަތިން އިވެމުން އައީ އެކަމުގައި ހިޔާލު ތަަފާތު ކަމުގެ އަޑުތަކެވެ. އެ ދެބަސްވުން ހިފައިގެން މަގު މައްޗަށް ނުނުކުމެ އެވެ. ވޯޓު ކައިރިވެފައިވާއިރު މިކަން އެއްކޮށް ބަދަލުވެ، އާއިލީ ޒުވާބަކަށް ވެސް މި ވޯޓު މިހާރު ވަނީ ވެފަ އެވެ.

މަޖިލީހުގެ ރައީސް ކަމުގެ ރޭހުގައި އުޅުއްވަނީ ހަސަން އަފީފާއި މުހައްމަދު އަސްލަމެވެ. ނަމަވެސް ފެންނަ މަންޒަރުން އެ ރޭހަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރޭހެކެވެ. ރައީސް ނަޝީދާއި އެ މަނިކުފާނުގެ ބޭފުޅުން އަސްލަމް ކުރިއަށް ނެރުއްވާއިރު ރައީސް ސޯލިހާއި މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ތިއްބެވީ އަފީފުގެ ފަހަތުގަ އެވެ.

އަސްލަމާއި އަފީފުގެ ދެމެދު އޮތް ވާދަވެރިކަން މިހާރު ޓްވިޓާއަށް ނުކުމެ، ރައީސް ސޯލިހަށް ރައީސް ނަޝީދުގެ އާއިލީ ބޭފުޅުން ވެސް ވަނީ ބަހުގެ ހަމަލާތައް ދެއްވަން ފައްޓަވާފަ އެވެ. ރައީސް ސޯލިހާއި ރައީސް ނަޝީދަކީ އާއިލީ ގޮތުން ވެސް ގުޅިފައިވާ ދުވަސްވީ ދެ އެކުވެރިންނެވެ. ރައީސް ސޯލިހުގެ އަނބިކަނބަލުން ފަޒްނާ އަހުމަދަކީ ނަޝީދުގެ ބޮޑުބޭބެގެ ބޭފުޅެކެވެ.

ރައީސް ނަޝީދުގެ ކޮއްކޮ، އައިމިނަތު ނާޝިދާ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އަނެއް އިންތިހާބު އަންނަންދެން އަނެއްކާވެސް ރައީސް ނަޝީދު ކުޑަގޮޅީގައި ބާއްވާލަން ވަރަށް ފެންނަ ކަމަށެވެ.

"ބޭބޭފުޅުންގެ ޓިކެޓަށް ނަޝީދު ބޭނުންފުޅުވީމަ ކުޑަ ދުވަސްކޮޅަކަށް ނެރޭނީ،" ނާޝިދާގެ އެ ޓްވީޓްގައިވެ އެވެ.

ރައީސް ނަޝީދަށް ބޮޑުބޭބެ ވިދާޅުވާ އީވާ އަބްދުﷲ ވެސް ވަނީ ރައީސް ސޯލިހުގެ ސަރުކާރަށް ފާޑުވިދާޅުވެފަ އެވެ. އީވާ ވިދާޅުވީ ސަރުކާރުން ބޭނުންވާ ގޮތަށް މަޖިލީހުގެ ރައީސް ކަމަށް ވޯޓު ދީފިނަމަ އެ ދާއިރާއެއްގެ ތަރައްގީގެ މަޝްރޫއުތައް ކުރިއަށް ގެންދަން މިނިސްޓަރުން ވައުދުވަމުންދާ ކަމަށެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ބަދަލުކުރީ އެގޮތް ކަމުނުދާތީ ކަމަށް އޭނާ ވިދާޅުވި އެވެ.

ނަޝީދުގެ އާއިލީ އެހެން ބޭފުޅެއް ކަމަށްވާ އުމޭ މުހައްމަދު ވެސް ވަނީ އެމަނިކުފާނުގެ ދިފާއުގައި ޓްވީޓް ކުރައްވާފަ އެވެ. އުމޭ ވިދާޅުވީ ރައީސް ނަޝީދުގެ ދުވަސް ދުއްވާލަން ރައީސް ސޯލިހު އުޅުއްވާ ކަމަށެވެ. ބަޔަކު ހަަރާންކޯރުވާނީ މިހާ ވަރަށް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ރައީސް ސޯލިހަށް ދުވަހަކު މާފު ނުކުރައްވާނެ ކަމަށް ވެސް ވިދާޅުވެފައި ވެއެވެ.

އީވާގެ މަންމާ ޒުހެއިރާ ވިދާޅުވީ ވަކިވެ ގަތުމަކީ ނިކަމެތި ކަމެއް ކަމަށެވެ. ހިޔާލު ތަފާތުވުންތައް ބޮޑުވެފައިވާއިރު ރައީސް ސޯލިހުގެ އާއިލާގެ ބައެއް ބޭފުޅުން ވެސް ބަހުގެ ހަމަލާތައް ދެއްވާފަ އެވެ. ރައީސް ސޯލިހުގެ ކޮއްކޮ، އައިޝަތު މުހައްމަދު ސޯލިހު، ވިދާޅުވީ ފެނިގެން ދަނީ ހަމަ ހަސަދަވެރިކަން ކަމަށެވެ.

ރޭ ވަނީ އެމްޑީޕީގެ ގައުމީ މަޖިލީހުގެ ގުރޫޕްގެ ސްކްރީންޝޮޓްތަކެއް ވެސް ލީކްވެފަ އެވެ. އޭގައިވާ ގޮތުން ރައީސް ނަޝީދު ވިދާޅުވެފައިވަނީ އެމްޑީޕީގެ ޕީޖީ ގުރޫޕް ރުޅިވެރިވެ ބައިބައިވެއްޖެނަމަ އޭގެ ހިތި ސަރުކާރަށް ވެސް އަދި ރައްޔިތުންނަށް ވެސް ފޯރާނެ އެވެ. މިނިސްޓަރުންނަށް ވެސް ރައީސް ސޯލިހަށް ވެސް ދަތިފުޅުވާނެ ކަމަށެވެ.

އަންނަ ހޯމަ ދުވަހު، އެމްޑީޕީ ޕީޖީ ގުރޫޕްގައި މިކަމަށް ވޯޓު ނެގުމަށް ވަނީ ހަމަޖެހިފަ އެވެ. ރައީސަކު ހޮވާ އާ މަޖިލީހުގެ ފުރަތަމަ ޖަލްސާ އޮންނާނީ އަންގާރަ ދުވަހުގެ ރޭ އެވެ.

އަފީފަށް ތާއީދު ކުރައްވާ، މެންބަރު ރޮޒައިނާ އާދަމް ވިދާޅުވި ގޮތުގައި އޭނާއަކީ ސަރުކާރަށް ނިސްބަތްވާ މެންބަރަކަށް ވާއިރު މަސައްކަތް ކުރައްވާނީ ރައީސް ސޯލިހުގެ ލަފަޔާއެކު އެވެ. ސަރުކާރުގެ ވައުދުތައް ފުއްދުމަށް ރައީސް ސޯލިހަށް އެހީތެރިވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.