ހަބަރު

ލައިސަންސް ދިން ރިސޯޓުތަކުން 20 މިލިއަން ޑޮލަރު ދައްކަންޖެހޭ

ޓޫރިޒަމް ގާނޫނާ ހިފާލަށް ހިންގަމުން ދިޔަ ހަތް ރިސޯޓުން މިހާތަނަށް ދައުލަތަށް ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު (ގާތްގަނޑަކަށް 309 މިލިއަން ރުފިޔާ) ދައްކަން ޖެހޭ ކަމަށް ޓޫރިޒަމް މިނިސްޓްރީން އާއްމުކުރި މައުލޫމާތުން ހާމަ ވެއްޖެ އެވެ.

ލައިސަންސް ނެތި ހިންގަމުން ދިޔަ ހަތް ރިސޯޓަކަށް އަލުން ލައިސަންސް ދިންކަން ޓޫރިޒަމް މިނިސްޓްރީން ނޫސް ބަޔާނަކުން އާއްމުކުރީ މި މަހުގެ 23 ވަނަ ދުވަހު އެވެ. ނަމަވެސް އެ ދުވަހުގެ ބަޔާނުގައި ލައިސަންސް ދިން ރަށްރަތަކުގެ ނަންތަކާއި ފައިސާގެ އަދަދުތައް އާއްމުކޮށްފައެއް ނުވެ އެވެ. އެ ދުވަހު ޓޫރިޒަމުން ބުނީ ހުއްދަ ދީފައިވަނީ ޝަރުތުތަކެއް ކަނޑައަޅައި އެ ރިސޯޓު ތަކުން އެކަމަށް އެއްބަސްވެ ސޮއިކު ރުމުން ކަމަށެވެ.

ޓޫރިޒަމް މިނިސްޓްރީގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އަލީ ވަހީދު ވިދާޅުވީ މިނިސްޓްރީން ފޮރުވަން ޖެހޭ އެއްވެސް މައުލޫމާތެއް ނޯންނާނެ ކަމަށާ، އެހެންވެ ހުރިހާ މައުލޫމާތެއް ވެސް އާއްމު ކުރަން ނިންމާފައިވާ ކަމަށެވެ.

"ގަވާއިދަށް އަޅުވަން ދެވަނަ ފުރުސަތެއް ދިނީ ގާނޫނުގެ ތެރެއިން. ހުރިހާ ފަރާތް ތަކެއް ވެސް ގާނޫނާއި ގަވާއިދު ތަކަށް ވަންނަން ޖެހޭ. އެހެންވެ މި ދެނީ އެއް އަހަރު. މި ޓައިމްތައް ދިނުމަށްފަހު، ފިޔަވަޅު އަޅާނަން. އޭރުން ވަކި މީހަކަށް ވަކި ގޮތެއް، މޫނަކަށް ކަނދުރާއަކަށް ނުބަލާނަން،" އަލީ ވިދާޅުވި އެވެ.

މިނިސްޓްރީން މިއަދު އާއްމު ކުރި ލިސްޓުގައި މި ސަރުކާރާ ގުޅުންހުރި މުހިންމު ގިނަ ފަރާތްތަކަކަށް ނިސްބަތްވާ ރަށް ތަކެއް ވެސް ހިމެނެ އެވެ.

އަލުން ލައިސަންސް ދިން ރަށްތައް

  • ފިލިތެޔޮ އައިލެންޑް ރިސޯޓް
  • މެދުފުށި އައިލެންޑް ރިސޯޓް
  • ހޮނޑާފުށި އައިލެންޑް ރިސޯޓް
  • ޑްރިފްޓް ތެލުވެލިގާ
  • ކިހާ މޯލްޑިވްސް
  • ޕާމް ބީޗް އައިލެންޑް ރިސޯޓް
  • ވެލިދޫ އައިލެންޑް ރިސޯޓް

ޓޫރިޒަމް މިނިސްޓްރީން އާއްމު ކުރި މައުލޫމާތު ތަކުން އެނގޭ ގޮތުގައި މިމަހުގެ 23 ވަނަ ދުވަހާ ހަމައަށް މި ތަންތަނުން ގާތްގަނޑަކަށް 20 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. މިގޮތުން ތްރީއޭ ކުންފުނީގެ ފިލިތެޔޮ އައިލެންޑު ރިސޯޓުން ޖޫރިމަނާއާއެކު 8.1 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އަދި މެދުފުށި އިންވެސްޓްމަންޓުގެ، މެދުފުށި ރިސޯޓުން 4.2 މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. އަދި އަބްދުﷲ އަލީގެ، ހޮނޑާފުށި ރިސޯޓުން ޖޫރިމަނާއާއެކު ހަތަރު ލައްކައަށްވުރެ ގިނަ ޑޮލަރު ދައްކަން ޖޭއިރު، މީގެ ޑްރިފްޓް ތެލުވެލިގާ ރިސޯޓުން ތިންލައްކަ އަށްވުރެ ގިނަ ޑޮލަރު ދައްކަން ޖެހެ އެވެ. އަތަމާ މެރިންގެ، ކިހާމޯލްޑިވްސްއިން ތިން މިލިއަން ޑޮލަރު ދައްކަން ޖެހެ އެވެ. މީގެ އިތުރުން އިބްރާހިމް އަލިމަނިކުގެ ޕާމްބީޗް ރިސޯޓުން ތިން ލައްކަ އަށްވުރެ ގިނަ ޑޮލަރު ދައްކަން އެބައޮތެވެ.

މިނިސްޓަރު ވިދާޅުވީ ވެލިދޫ އައިލެންޑް ރިސޯޓުގެ ކަންތަކުގައި ހިއްސާދާރުންގެ މެދުގައި އުޅޭ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ

"ހިއްސާދާރުންގެ މެދުގައި މައްސަލަ ޖެހިފައިވަނީ. އެހެންވެ، އަޅުގަނޑުމެން ވާހަކަ ދައްކަން ޖެހެނީ ކޮން ފަރާތްތަކަކާ ތޯ ޔަގީން ކުރަން ވާނީ އިކޮނޮމިކް މިނިސްޓްރީގައި އެދިފައި، ފަތުރުވެރިންނެއް ނުބޭތިއްބޭނެ ގާނޫނާއި ގަވާއިދާ އެއްގޮތަށް ނޫނީ. އެހެންވެ، އެއް ފުރުސަތު ދޭން މި ނިންމަނީ،" އަލީ ވިދާޅުވި އެވެ.