ހަބަރު

އެމްޑީޕީގެ ވޯޓު: ގޮތް ނިންމާނީ އަތް ނަގައިގެން

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީއިން ހުށަހަޅާނެ ނަމެއް ފާސްކުރުމަށް މިރޭ އެ ޕާޓީގެ ޕީޖީ ގުރޫޕްގައި ވޯޓު ނަގާނީ، އަތް ނައިގެން ކަމަށް މައުލޫމާތު ލިބިއްޖެ އެވެ.

ޕީޖީ ގުރޫޕްގެ މެންބަރަކު މިއަދު ވިދާޅުވި ގޮތުގައި މިރޭގެ ވޯޓު ނެގުން އަދި ހަމަޖެހިފައި އޮތީ އަތް ނައިގެން، ފާޅު ވޯޓެއްގެ ގޮތުގަ އެވެ. މިރޭގެ ބައްދަލުވުން ކުރިއަށް ގެންދަނީ ވެސް މީޑިއާއަށް ހުޅުވާލައިގެންނެވެ.

މީގެ ކުރިން ޕީޖީ ބައްދަލުވުންތައް މީޑިއާއަށް ހުޅުވާނުލަ އެވެ. ދަރުބާރުގޭގައި ކުރިއަށްދާ ބައްދަލުވުމަށް މީޑިއާއަށް ވަދެވޭނެކަން އެ ޕާޓީއިން މިހާރު ވަނީ އަންގާފަ އެވެ.

މަޖިލީހުގެ ރައީސްގެ ބަހުސް ހޫނުވެފައިވާއިރު އެ ރޭހުގައި އެންމެ ވާދަވެރި ދެ ނަމަކީ މުހައްމަދު އަސްލަމާއި ހަސަން އަފީފެވެ. ނަމަވެސް ފެންނަ މަންޒަރުން އެ ރޭހަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި އެމްޑީޕީގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ރޭހެކެވެ. ރައީސް ނަޝީދާއި އެ މަނިކުފާނުގެ ބޭފުޅުން އަސްލަމް ކުރިއަށް ނެރުއްވާއިރު ރައީސް ސޯލިހާއި މިނިސްޓަރުންނާއި ސަރުކާރުގެ އިސް ބޭފުޅުން ތިއްބެވީ އަފީފުގެ ފަހަތުގަ އެވެ.

ޕާޓީ ތެރެ ވެސް ދެ ކަފިވެ، ޓްވިޓާގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ވެސް ދަނީ ރައްދު ކުރަމުންނެވެ. އަފީފު ވަނީ އޭނާއަށް 40 ވޯޓު ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފަ އެވެ. އަސްލަމް ވަނީ އިންތިހާބުވާނީ އޭނާ ކަމަށް ވިދާޅުވެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ރައީސް ހޮވުމަށް ބާއްވާ މަޖިލީހުގެ ޖަލްސާ އޮންނާނީ މާދަމާ ރޭ އެވެ. އެ ޖަލްސާގައި މެންބަރުން ދެއްވަނީ ސިއްރު ވޯޓެކެވެ.