ހަބަރު

އެމްޑީޕީގެ ބޮޑު ނިންމުން: ރައީސް ކަމަށް ނަޝީދުގެ ނަން

ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ދެމެދު އޮތް ގުޅުމަށް އެއްވެސް ބުރުލެއް ނާރާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.

ރައީސް ނަޝީދު މިހެން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އައްޔަން ކުރާނެ ބޭފުޅަކާ މެދު އެމްޑީޕީގެ ތެރޭގައި ހިޔާލު ތަފާތުވެ، ރައީސް ސޯލިހާއި ރައީސް ނަޝީދުގެ ސަޕޯޓަރުން ދެ ބަޔަކަށް ބެހި، އެމްޑީޕީގެ ތެރެއިން ސަރުކާރަށް ފާޑު ކިޔުން އަމާޒުވެފައި ވަނިކޮށެވެ.

އެކަމާ ގުޅޭ ގޮތުން ގޮތެއް ނިންމުމަށް މިރޭ ދަރުބާރުގޭގައި ކުރިޔަށް ގެންދިޔަ ބައްދަލުވުމުގައި އެމްޑީޕީގެ އިންތިހާބީ މެންބަރުން އިއްތިފާގުވެފައި ވަނީ މަޖިލިސް ރައީސް ކަމަށް ރައީސް ނަޝީދު އައްޔަން ކުރެއްވުމަށެވެ. އެ ބައްދަލުވުމަށް ފަހު ނޫސްވެރިންނާ ވާހަކަ ދައްކަވަމުން އެމަނިކުފާނު ވިދާޅުވީ ހިޔާލު ތަފާތުވުމެއް އޮތް ތަނެއްގައި އެފަދަ ހިޔާލު ތަފާތުވުންތަކާ އެކީ ކުރިޔަށް ދާން ބޭނުމެއް ނުވި ކަމަށާއި އެހެންވެ ޕާޓީއަށް އެއްބަސްވެވިގެން އެކައްޗެއް ކިޔާ ގޮތަކަށް ކުރިޔަށް ދާން ބޭނުންވި ކަމަށެވެ.

މިއިން އެކައްޗަކީ ވެސް އެމަނިކުފާނު ވިސްނާފައި އޮތް ގޮތެއް ނޫން ކަމަށާއި ކުރިޔަށް ދިޔުމަށް ނިންމާފައި އޮތް ގޮތެއް ވެސް ނޫން ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ. ނަަމަވެސް މެންބަރުންގެ އެދުމުގެ މަތިންނާއި ޕާޓީގެ ތެރޭގައި މަޝްވަރާ ކުރުމަށް ފަހު އެ މަގާމް ގަބޫލު ކުރެއްވީ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"ޕާޓީގެ މެންބަރުން އެގޮތަށް އެދިވަޑައިގެންފައި އޮތުމާއި އަދި އަޅުގަނޑު ވެސް ގަބޫލު ކުރަން އަޅުގަނޑުމެންނާ ކުރިމަތިވެފައި އޮތް އުނދަގޫ ދަތި މަގު ވެސް. އެހެންވީމަ އެ ހުރިހާ ކަމަކަށް ބަލައި އެ ބޭފުޅުންގެ އެދިވަޑައިގަތުން ގަބޫލު ކުރެއްވީ. އިރާދަ ކުރެއްވީއާ މަޖިލިސް ހިނގަމުން ދާނީ ގާނޫނު އަސާސީ އާއި ގާނޫނުތަކާ އެއްގޮތްވާ ގޮތުގެ މަތިން،" ނަޝީދު ވިދާޅުވި އެވެ.

ރައީސް ނަޝީދު ވިދާޅުވީ އެމްޑީޕީއަކީ އެތެރޭގެ ޑިމޮކްރަސީ ވަރަށް ވަރުގަދަ ޕާޓީއެއް ކަމަށާއި އެ ބަހުސްތަކުގެ ތެރޭގައި ނޭދެވޭ ވާހަކަތަކެއް ވެސް ހިނގާ ކަމަށެވެ. ނަމަވެސް ހުރިހާ ބޭފުޅުންގެ ވެސް އަމާޒަކަށް ވާން ޖެހޭނީ ސަރުކާރުގެ ވައުދުތައް ފުއްދުން ކަމަށާއި ސާބިތުކަމާއެކުގައި ކުރިޔަށް ދާނެ ކަމަށެވެ. އަދި އެމަނިކުފާނު ހުރިހާ ކަމެއްގައި ރައީސް ސޯލިހާއެކު މަޝްވަރާ ކުރައްވަމަށާއި އެމަނިކުފާނާ ދެމެދު އޮތް ގުޅުމަކަށް ބުރުލެއް ނާންނާނެ ކަމަށް ރައީސް ނަޝީދު ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ އެކުވެރިކަމަކަށް ރަހުމަތްތެރިކަމަކަށް ކުޑަކޮށްވެސް ބުރުލެއް ނާރާނެ، އަދި ކުރިޔަށް އޮތްތަނުގައި ވެސް ނާރާނެ. އަޅުގަނޑުމެން ދެ މީހުންނަކީ ވަރަށް ގިނަ ދުވަހު އެކުގައި މަސައްކަތްކޮށްފައިވާ ދެ މީހުން. އަޅުގަނޑުމެންނަކަށް އެއްވެސް ހާލެއްގައި ހުއްޓުމެއް ވެސް އަދި ދަތިކަމެއް ވެސް ނާންނާނެ،" ރައީސް ނަޝީދު ވިދާޅުވި އެވެ.

މަޖިލީހަށް އިންތިހާބުވި އާ މެންބަރުން ހުވާ ކުރެއްވުން މާދަމާ އޮންނާނެ އެވެ. އަދި އެ ޖަލްސާގައި މަޖިލީހުގެ ރިޔާސަތު ކަނޑައެޅުން ވެސް އޮންނާނެ އެވެ.