ހަބަރު

ފަސްޓްލޭޑީ: "މި ކޮން ކަހަލަ ޗަރުކޭހެއް"

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް އެމްޑީޕީން ހުށަހަޅާނެ ނަމަކީ އެ ޕާޓީގެ ރައީސް މުހައްމަދު ނަޝީދު ކަމަށް ނިންމުމާއެކު ފަސްޓްލޭޑީ ފަޒްނާ އަހުމަދު ފޭސްބުކްގައި ތަފާތު ޕޯސްޓެއް ކުރައްވައިފި އެވެ.

ފޭސްބުކްގައި މިރޭ ފަސްޓްލޭޑީ ކުރެއްވި ޕޯސްޓްގައި އިނގިރޭސި ބަހުން ލިޔުއްވާފައި ވަނީ "ވަޓް އަ ސާކަސް" މިހެނެވެ. ފަސްޓްލޭޑީ އެހެން ވިދާޅުވިއިރު މަޖިލީހުގެ ރައީސް ކަމުގެ ރޭހާއެކު، އެމްޑީޕީގެތެރެ އޮތީ ވަރަށް ބޮޑަށް ދެ ބައިވެފަ އެވެ.

ރައީސް ނަޝީދާއި ފަސްޓްލޭޑީ ފަޒްނާއަކީ އެއް އާއިލާއެއްގެ ދެ ބޭފުޅުންނެވެ. މަޖިލީހުގެ ރައީސް ކަމަށް ގެންނާނެ ބޭފުޅަކާމެދު ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ރައީސް ނަޝީދު ހިޔާލު ތަފާތުވުމާއެކު، އެ އާއިލާގެ ތެރޭގައި ވެސް ނުތަނަވަސް ކަމެއް އުފުދުނެވެ. އަދި ސޯޝަލް މީޑިއާގައި އެއް ބޭފުޅަކު އަނެއް ބޭފުޅަކަށް ބަހުގެ ހަމަލާތައް ދެއްވި އެވެ.

ރައީސް ސޯލިހު، މަޖިލީހުގެ ރައީސް ކަމަށް ތާއީދު ކުރެއްވީ ހަސަން އަފީފަށެވެ. ރައީސް ނަޝީދު ތާއިދު ކުރެއްވީ މުހައްމަދު އަސްލަމަށެވެ. ނަމަވެސް މިރޭ ނަން ފާސްކުރުމަށް ބޭއްވި ޕީޖީ ބައްދަލުވުމުގައި އަސްލަމް ވަނީ އޭނާގެ ނަން ނަގައި، ރައީސް ނަޝީދުގެ ނަން ހުށަހަޅުއްވާފަ އެވެ.

އެ ހުށަހެޅުމަށް އަފީފް ވެސް ތާއީދު ކުރައްވައި އޭނާގެ ނަން ވެސް ނެންގެވި އެވެ. މަޖިލީހުގެ ރައީސް ކަމަށް ކެމްޕެއިން ކުރެއްވި ދެ ބޭފުޅުން ވެސް އެދިވަޑައިގެންނެވުމާއެކު ނަޝީދު ވަނީ "ގާތް ރަހުމަތެރިއަކަށް" ފޯނު ކޯލެއް ކުރެއްވުމަށްފަހު، އެ ހުށަހެޅުން ގަބޫލު ކުރައްވާ ކަމަށް ވިދާޅުވެފަ އެވެ. ނަޝީދުގެ ނަން ހުށަހަޅަން ފާސް ވެގެން ދިއައީ އެމްޑީޕީ ޕީޖީގެ 64 މެމްބަރުންގެ އިއްތިފާގުންނެވެ. ބެލެވޭ ގޮތުގައި ރައީސް ނަޝީދު ގުޅުއްވީ ރައީސް ސޯލިހަށެވެ.