ފިޝަރީޒް އެންޑް އެގްރިކަލްޗާ މިނިސްޓްރީ

ކަނޑުފަޅު ނަފާ ލޯނުގެ މުއްދަތު އިތުރުކޮށްފި

ފިޝަރީޒް ޑިވެލޮޕްމެންޓް ޕްރޮގްރާމްގެ ދަށުން އެސްއެމްއީ ބޭންކުން ދޫކުރާ "ކަނޑުފަޅުގެ ނަފާ" ލޯނަށް އެދުމުގެ ފުރުސަތު އެއް މަސް ދުވަހަށް އިތުރުކޮށްފި އެވެ.

ކަނޑުފަޅުގެ ނަފާގެ ލޯނަށް އެދުމުގެ ފުރުސަތު ކުރިން ހުޅުވައުފައިވަނީ މިމަހު 27 ވަނަ ދުވަހުގެ ނިޔަލަށެވެ. ލޯނަށް އެދުމުގެ މުއްދަތު އިތުރުކުރި ސަބަބެއް ފިޝަރީސް މިނިސްޓްރީން ބުނެފައެއް ނުވެ އެވެ.

ކަނޑުފަޅު ނަފާ ލޯނުގައި ދޫކުރަނީ ޖުމްލަ 3,084,000.00 ރުފިޔާ އެވެ. މަސް ދޯނި ފަހަރުގައި ލޮނު ފެނުން މަސްފިނިކުރާ ނިޒާމް ގާއިމްކުރުމަށް ލުއި ލޯނު ދޫކޮށްދިނުމަކީ މިސަރުކާރުގެ ވައުދެކެވެ.

އެސްއެމްއީ ބޭންކް މެދުވެރިކޮށް ދޫކުރާ މި ލޯނަކީ ރާއްޖޭގެ އަތޮޅުތަކުގައި ގާއިމްކޮށްފައިހުރި އައިސް ޕްލާންޓްތަކުން މަސްވެރިން ބޭނުންވާ ވަރަށް އައިސް ނުލިބޭތީ އާއި އައިސް ހޯދަން ކުރަންޖެހޭ ހޭދަ ކުޑަކޮށް މަސްވެރިން ބާނާ މަސް ގިނަވަގުތު ތާޒާކަންމަތީ ރައްކާތެރިކޮށް ދިނުމުގެ ބޭނުމުގައި ދޫކުރާ ލޯނެކެވެ.

ދަނޑުވެރިކަމަށް ހާއްސަކޮށްގެންވެސް އެސްއެމްއީ ބޭންކުން ވަނީ ދަނޑުވެރިކަމުގެ ނަފާ ލޯނު ވެސް ދޫކުރަން ފަށައިފަ އެވެ.