ރޯދަ މަހާ ރޯއްޖާ

އިހުގެ ނޫސް: ޓޫރިޒަމް ތަރައްގީގައި ޗާޓާ ފްލައިޓްގެ ދައުރު

ދުނިޔޭގެ ޓޫރިޒަމް ކުރިއަރައިގެން އައި ބާރު ދުވެލީގެ ބޮޑު ހިއްސާއެއް ކުރާ އެއް ދާއިރާއަކީ ދަތުރުފަތުރުގެ ނިޒާމެވެ. އެއް ގައުމުން އަނެއް ގައުމަށް ޗުއްޓީ ހޭދަކުރަންދާ ފަތުރުވެރިންގެ އަދަދު މިހާރު އަހަރަކު ބިލިއަނަކަށް އަރާފައިވާއިރު، އެކަމުގައި އެއާލައިން އިންޑަސްޓްރީގެ ދައުރު ވަނީ ގުޅި ލާމެހިފަ އެވެ.

ޓޫރިޒަމަށް ރާއްޖެ މީގެ ފަންސާސް އަހަރުކުރިން ތައާރަފުވެގެން ދިޔުމުގައި މައިގަނޑު ދައުރެއް އަދާކޮށްފައިވަނީ 1966 ވަނަ އަހަރު ހުޅުވިގެންދިއަ ހުޅުލެ އެއާޕޯޓެވެ. ރާއްޖޭގައި 1972 އެންމެ ފުރަތަމަ ރިސޯޓް ހުޅުވިގެން، ދިވެހިންގެ ދޮން ވެލިގަނޑުގައި ފައި ބީއްސާލި ފުރަތަމަ ބޭރުގެ ފަތުރުވެރިންނަކީ ގައުމުގެ ތާރީހުގައި އާ ބާބެއްގެ ފެށުމެވެ.

އެ ޒަމާނުގައި ރާއްޖެފަދަ ކުޑަ ގައުމަކަށް ފަތުރުވެރިން އުފުލައިދިނީ ޗާޓަރު ފްލައިޓްތަކުގަ އެވެ. ހުޅުލެއަށް ޒަމާނީ ތަރައްގީ ގެނައުމުގެ ކުރިން، ޔޫރަޕުންނާއި އެއާ ސިލޯނުގެ ޗާޓަރު ފްލައިޓުތައް ވަނީ ރާއްޖޭގައި ޓޫރިޒަމް ތަރައްގީވެގެން އައުމުގައި ވަރަށް މުހިންމު ދައުރެއް އަދާކޮށްދީފަ އެވެ.

އެ ޒަމާނުގައި ހަމަޖެހިފައި އޮންނަ ގަވައިދުގެ ތެރެއިން، 1972 ވަނަ އަހަރުގެ ތެރޭގައި ރާއްޖެ އައި ޗާޓަރު ފްލައިޓެއްގެ މައުލޫމާތު އެއާޕޯޓް އޮފީހުން ވަނީ "މޫންލައިންޓް" ނޫސް މެދުވެރިކޮށް އިއުލާނުކޮށްފަ އެވެ. އެގޮތަށް ރާއްޖެ އަންނަ ޗާޓަރު ފްލައިޓްތަކުގެ މައުލޫމާތު އާންމު އިއުލާނަކުން އެންގުމަކީ އެޒމާނުގައި އަމަލުކުރި އުސޫލެވެ.

ރާއްޖޭގެ ޓޫރިޒަމްގެ ކާމިޔާބީގެ ވާހަކަ ތަފާތު ގޮތް ގޮތަށް ދެކެވެ އެވެ. އެ ކާމިޔާބީގެ ސަބަބުތައް ވެސް ބައިވަރެވެ. ނަމަވެސް، ރާއްޖޭގެ ގުދުރަތީ ރީތީކަމުން މުޅި ދުނިޔެ އާޝޯހުކޮށްލިތާ ބައިގަރުނު ފަހުންވެސް، ދިވެހިން މިއަދު މިދެކޭ ޒަމާނީ ޓޫރިޒަމްއާއި، އެ ސިނާއަތުން އިގުތިސޯދަށް ކުރާ ހިއްސާގެ ޝުކުރު، ޗާޓަރު ފްލައިޓުތަކަށް ވަރަށް ބޮޑުތަނުން ހައްގުވާނެ އެވެ.