ރާއްޖޭގައި ހެލްތް އެކްސްޕޯއެއް ބާއްވަން އިންޑިއާގެ މެޑްހޯޕް އިން ނިންމައި މަސައްކަތް ފަށައިފި އެވެ.
ރާއްޖޭގެ ސިއްހީ ދާއިރާއަށް އެހީތެރިވެ ދިނުމަށް ބާއްވާ މި އެކްސްޕޯގައި އިންޑިއާގެ ބޮޑެތި ހޮސްޕިޓަލުތަކުންންނާއި މަޝްހޫރު ޑޮކްޓަރުންނާއެކު ބައިވެރިވާނެ އެވެ. އެކްސްޕޯގައި އެ ފަރާތްތަކުގެ ސްޓޯލްތައް ގާއިމް ކުރުމުގެ އިތުރުން އެކްސްޕޯގެ މުއްދަތުގައި ސިއްހީ ދާއިރާގެ ސެމިނާތައް ވެސް ކުރިޔަށް ގެންދާނެ އެވެ.
ރާއްޖޭގެ އަސަރީ ސާވިސްއާ ގުޅިގެން ބާއްވާ މި ހެލް އެކްސްޕޯ އޮންނާނީ އަންނަ ޖޫން މަހުގެ 13 އިން 15 އަށް މާލޭގެ ދަރުބާރުގޭގަ އެވެ.
މި އެކްސްޕޯގެ އޯގަނައިޒިން ޑިރެކްޓަރު އަދި އަސަރީ ސާވިސްގެ އައިޝަތު މުއީނާ މިއަދު ވިދާޅުވީ، މި އެކްސްޕޯން ރާއްޖެއަށް ލިބޭނެ އެންމެ ބޮޑު ފުރުސަތަކީ ސިއްހީ ދާއިރާ އަށް އިންވެސްޓް ކުރުމުގެ ފުރުސަތު ފަހިވުން ކަމަށެވެ. އޭނާ ވިދާޅުވީ ގިނަ އަދަދެއްގެ އިންވެސްޓަރުންނާއެކު ކުރިއަށް ގެންދާ އެކްސްޕޯގައި ރާއްޖޭގެ ކްލިނިކް ތަކުން އަދި ފޯރުކޮށް ނުދުވޭ، ހިދުމަތްތަކާ ބެހޭގޮތުން އިންޑިއާގެ ހޮސްޕިޓަލުތަކާއެކު ޕާޓްނާޝިޕް ހެދުމުގެ ފުރުސަތުތައް ވެސް ފަހިވެގެން ދާނެ އެވެ.
"ރާއްޖޭގެ ކްލިނިކް ތަކުން މިހާރު ނުދޭ އެކި ކަހަލަ ފަރުވާތަކަށް ދިނުމަށް މި [އިންޑިއާގެ] ހޮސްޕިޓަލް ތަކާއެކު ޕާޓްނާޝިޕެއް ހެދިގެން ދާނެ. އިންޑިއާގެ ހެލްތް ސެކްޓާ އިން ރާއްޖެއަށް ވަރަށް ގިނަ ފުރުސަތު ތަކެއް ހުޅުވިގެން ދާނެ." މުއީނާ ވިދާޅުވި އެވެ.
މުއީނާ ވިދާޅުވި ގޮތުގައި މި އެކްސްޕޯއިން ބޭނުންތެރި ގިނަ މައުލޫމާތު ތަކެއް އާންމުންނަށް ވެސް ލިބިގެންދާނެ އެވެ. އެގޮތުން ބައެއް ބަލިބަލީގައި ރާއްޖެއިން ފޯރުކޮށްނުދޭ ހިދުމަތްތަކާ ބެހޭގޮތުން ޑޮކްޓަރުން މައުލޫމާތު ދެއްވާނެ އެވެ.