ހަބަރު

އިންޑިއާ އިން ސިއްހީ ސާމާނު ގެންނަން ހުއްދަ ދީފި

ސްޓޭޓް ޓްރޭޑިން އޯގަނައިޒޭޝަން (އެސްޓީއޯ) އިން ގަނެފައި ހުރި ކޮވިޑް-19 އަށް ފަރުވާ ކުރުމަށް ބޭނުންވާ ސިއްހީ ސާމާނު ގެނައުމުގެ ހުއްދަ އިންޑިއާ ސަރުކާރުން ދީފި އެވެ.

އިންޑިއާގައި ހުންނަ ރާއްޖޭގެ ހައި ކޮމިޝަނުން ކުރި ޓުވީޓެއްގައި މިއަދު ބުނީ އެސްޓީއޯ އިން ގަނެ، ބޯޑަރުތައް ބަންދުކުރުމުން ރާއްޖެ ނުގެނެވިފައި ހުރި ބައެއް ސާމާނު ގެނައުމުގެ ހުއްދަ ރާއްޖެ އަށް ދީފި ކަމަށެވެ. މި ތަކެތި އެސްޓީއޯ އަށް ނުގެނެވިފައި ހުރީ ކޮވިޑްގެ ސަބަބުން އިންޑާގެ ބޯޑަރު ބަންދުކޮށްފައިވާތީ އެވެ.

އެސްޓީއޯ އިން ގެންނަ ސާމާނުގެ ތެރޭގައި ކޮވިޑް-19 އަށް ޓެސްޓު ކުރަން ބޭނުންކުރާ ބައެއް ތަކެތި ހުރި ކަމަށް ވެސް ޓްވީޓުގައި ބުނެފައިވެ އެވެ.

އެސްޓީއޯ އިން އަވަސް އަށް މައުލޫމާތު ދެމުން ބުނީ، އިންޑިއާ އިން ގެންނަ ސާމާނުގެ ތެރޭގައި ހިމެނެނީ އެކި ބާވަތުގެ މެޑިކަލް ސާމާނު ކަމަށެވެ. އޭގެ ތެރޭގައި ކޮވިޑް އަށް ފަރުވާ ކުރަން ވެންޓިލޭޓަރުގައި ބޭނުން ކުރާ ބޭގްތަކުގެ އިތުރުން އޮކްސިޖަން ހޮޅިތައް ފަދަ ސާމާނު ހިމެނެ އެވެ.

އިތުރަށް ބުނީ، ފްލައިޓުތަކުގައި އެ ތަކެތި ގެނައުމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށެވެ.

ކޮވިޑް-19 ގެ ސަބަބުން ގިނަ ގައުމުތަކުން ބޯޑަރުތައް ބަންދު ކުރި އެވެ.