އެމެރިކާ ރައީސް ޑޮނަލްޑް ޓްރަމްޕް އިރާނަށް ކުރަންޖެހޭ އިހްތިރާމް ނުކުރާހާ ހިނދަކު އެ ދެ ގައުމުގެ ދެމެދުގައި އެއްވެސް ބާވަތެއްގެ މަޝްވަރާއެއް ނުކުރާނެ ކަމަށް އިރާނުގެ ފޮރިން މިނިސްޓަރު މުހަންމަދު ޖަވާދް ޒާރިފް ވިދާޅުވެއްޖެ އެވެ.
ސީއެންއެން އަށް ދެއްވި އިންޓަވިއުއެއްގައި ޒާރިފް ވިދާޅުވީ އެމެރިކާގެ އަސްކަރީ ފައުޖީން މެދު އިރުމަތީގައި ގިނަ ކުރަމުން ދިއުމަކީ އެމެރިކާއިން ކުޅޭ ވަރަށް ނުރައްކާތެރި ކުޅިވަރެއް ކަމަށެވެ.
"އަސްކަރިއްޔާއެއްގެ މިހާ ބޮޑު ބައެއް ކުޑަކުޑަ ތަންކޮޅެއްގައި ތޮއްޖައްސާފައި އޮތުމުން އެކަނިވެސް އެކްސިޑެންޓެއް ދިމާވެދާނެ،" ޒާރިފް ވިދާޅުވި އެވެ.
އިރާނަށް ބިރު ދެއްކުމުގެ ނިޔަތުގައި އެމެރިކާއިން އަސްކަރީ މަނަވަރު ޔޫއެސްއެސް އެބްރަހަމް ލިންކަން ގަލްފު ކަނޑަށް ފޮނުވުމާއި ގުޅިގެން އިރާނުން އެމެރިކާއަށް ވަނީ ފާޑުކިޔާފަ އެވެ.
ޒާރިފް ފާހަގަ ކުރެއްވި ގޮތުގައި 2015 ގައި ވެފައިވާ ނިއުކްލިއާ އެއްބަސްވުމުން އެމެރިކާ
ވަކިވެފައި ވަނީ ވެސް އަމިއްލައަށް ފެނިގެނެވެ. އެހެންވެ ވައުދަށް ކަމޭ ނުހިތާ ބަަޔަކާ ވާހަކަ ދައްކަން ބޭނުން ނުވާ ކަމަށެވެ.
އެމެރިކާގެ އިތުރުން އިނގިރޭސި ވިލާތާއި ޗައިނާއާއި ފްރާންސްއާއި ޖަރުމަނު އަދި ރަޝިއާއިން ސޮޮއިކޮށްފައިވާ އެއްބަސްވުމަށް ކަމޭހިތަން އެ ފަރާތްތަކުން މަސައްކަތް ކުރާއިރު އެމެރިކާއިން ކަންތައް ކޮށްފައިވަނީ އެއާ އިދިކޮޅަށް ކަމަށް ވެސް ޒާރިފް ފާހަގަ ކުރެއްވި އެވެ.
އެމެރިކާއިން އިރާނަށް އެކި ގޮތްގޮތުން ދަތި ކުރުމުގެ ފިޔަވަޅުއަޅާ ބިރުދައްކަން ކުރާ މަސައްކަތަށް ރައްދު ދެއްވަމުން އެފަދައިން ކުރާ އެއްވެސް ކަމަކުން އިރާނު ނުގުޑާނެ ކަމުގެ ޔަގީންކަން ވެސް އޭނާ ދެއްވި އެވެ.
"އަހަރެމެން ބޭނުން ވަނީ އަހަރެމެންގެ ތެޔޮ ވިއްކަން. އަދި އެހެން ގައުމުތަކުން އިރާނުގެ ތެޔޮ ގަންނަން ބޭނުން ވާއިރު އެކަމަށް އެމރިކާއަށް ހުރަސް އެޅޭނެ އެއްވެސް ހައިސިއްޔަތެއް ނޯންނާނެ" ޒާރިފް ވިދާޅުވި އެވެ.
އެ މަނިކުފާނު ވިދާޅުވަނީ އެމެރިކާއިން އެ ގައުމާމެދު އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކުގެ ސަބަބުން އިރާނުގެ އިގްތިސޯދަށް ނޭދެވޭ އަސަރުތަކެއް ކުރާ ކަމަށާއި އެއީ ވެސް އެމެރިކާއިން ހިންގާ ޓެރަރިޒަމްގެ އަމަލެއް ކަމަށެވެ.