ކުޅިވަރު

މެޗު ވިއްކާލި ރެއާލްގެ ކުރީގެ ޑިފެންޑަރު ހައްޔަރު ކޮށްފި

މެޗު ފިކްސިން ނުވަތަ އަގު ދީފައި މެޗު ގަތުމާއި ވިއްކި ކަމުގެ ތުހުމަތުގައި ސްޕެނިޝް ލީގް ކުޅުންތެރިންތަކެއް ހައްޔަރު ކޮށްފި އެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި، ސްޕެނިޝް ލީގްގައި، މި އަހަރު އަލަށް ވާދަ ކުރި ހުއެސްކާގެ ރައީސް އަގޮސްޓިން ލަސައޯސާ ވެސް ހިމެނެ އެވެ. ހައްޔަރު ކުރި އެންމެ މަޝްހޫރު މީހަކީ ރެއާލް މެޑްރިޑްގެ ކުރީގެ ޑިފެންޑަރު ރައުލް ބްރާވޯ އެވެ. ދެހާސް ވަނަ އަހަރު ރެއާލްގެ ޖޫނިއާ ޓީމުތަކަށް ކުޅެން ފެށި، ބްރާވޯ ރެއާލްގެ ސީނީއާ ޓީމަށް ކުޅެން ފެށީ 2001 ވަނަ އަހަރު އެވެ. އޭގެ ފަހުން ލޯން އުސޫލުން ބައެއް ކުލަބުތަކަށް ކުޅުމަށް ފަހު އެކީ އެކަޗަކަށް ރެއާލްއިން އޭނާ ދޫކޮށްލީ 2007 ވަނަ އަހަރު އެވެ.

މެޗު ވިއްކުމަށް ހިނގާދިޔަ ޑީލްގެ އަޑިން ހަދަން ޖެހޭ ހުރިހާ ޑީލެއް ހެދީ ރައުލް ބްރާވޯ އެވެ. ހައްޔަރު ކުޅުންތެރިންގެ ތެރޭގައި، މި ސީޒަންގައި ރެއާލް ވަލަޑޮލިޑަށް ކުޅުނު ބޮރަހާ ފެނާންޑޭޒް އާއި ކުރީގެ ކުޅުންތެރިޔާ ކާލޯސް އަރަންޑާ، ގެޓަފޭއަށް ލޯނެއްގެ ދަށުން ކުޅުނު ސެމިއުލް ސައިޒް އަދި ޑިޕޯޓިވޯ ލަކަރޫނިއާގެ އިނިގޯ ލޯޕޭޒް ވެސް ހިމެނެ އެވެ.

ހައްޔަރު ކުރި މީހުންގެ ތެރޭގައި ހުއެސްކާގެ ހެޑް އޮފް މެޑިކަލް ހުއާން ކާލޯސް ގަލިންޑޯ ވެސް ހިމެނެ އެވެ. މެޗް ފިކްސިންގެ ތުހުމަތު އެ ފަރާތްތަކަށް ކުރެވެނީ، މިދިޔަ އަހަރު މެއި މަހު ދެ ވަނަ ޑިވިޝަންގައި ނަސްޓިކް އާ ދެކޮޅަށް ކުޅުނު މެޗެއްގަ އެވެ. އެ މެޗުން ހުއެސްކާ ބަލިވީ 1-0 ންނެވެ.

އެ ޓީމުން އެ މެޗަށް ނިކުތް އިރުވެސް އޮތީ ލަލީގާ އަށް އޭރު ޕްރަމޯޓް ވެފަ އެވެ. އެ މަޗަކީ ނަސްޓިކް އަށް ދެ ވަނަ ޑިވިޝަންގައި އޮތުމަށް މުހިންމު މެޗެކެވެ. އެ މެޗުން މޮޅުވެގެން ނަސްޓިކް އަށް ދެ ވަނަ ޑިވިޝަންގައި ދެމި އޮވޭނެ އެވެ.

އެ މެޗުގެ 72 ވަނަ މިނެޓްގައި ނަސްޓިކްގެ ލަނޑު ޖެހީ ނައިޖީރީއާގެ އުޗޭ އެވެ. ބެޓިން ކުންފުނިތަކުން ބުނެފައި ވަނީ އެ މެޗުގެ ހާފް ޓައިމަށް ފަހު ބެޓް ކުރުން ކެންސަލް ކުރި ކަމަށެވެ. ބެޓް ކުރުމަކީ ޔޫރަޕްގެ ބައެއް ގައުމުތަކުގައި ހުއްދަ ކޮށްފައި އޮންނަ ނުރަނގަޅު ވިޔަފާރި އެކެވެ.