ރާއްޖޭގައި މިހާރު ހިނގަމުންދާ ޖަލުތަކުގެ ހާލަތު ހުރީ ލަގު ގަންނަން ޖެހޭ މިންވަރަށް ކަމަށާއި އެ ޖަލުތަކަކީ އިންސާނުން ގެންގުޅެން އެކަށީގެންވާ ތަންތަން ނޫން ކަމަށް، ޖަލުތައް އޮޑިޓް ކުރި ކޮމިޝަނުން ބުނެފި އެވެ.
ރާއްޖޭގެ ޖަލުތަކުގެ ހާލަތު ދިރާސާކުރުުމަށް ހޯމް މިނިސްޓްރީން އެކުލަވާލި ކޮމިޝަންގެ އޮޑިޓް ނިންމައި މިއަދު ނެރުނު ރިޕޯޓްގައި ބުނެފައިވަނީ އޮޑިޓް ރިޕޯޓް އެކުލަވާލުގައި ހަ ޕޮލިސް ކަސްޓޯޑިއަލް ހިމެނޭ ގޮތަށް 11 ޖަލެއް ބަލައި ކަރެކްޝަންސް ސާވިސްގެ ހުރިހާ ލިޔެކިޔުމެއް ދިރާސާކޮށްފައިވާ ކަމަށެވެ.
މި މަސައްކަތުގެ ތެރޭގައި ކޮމިޝަނަށް ހޯދުންތަކުގެ ތެރޭގައި، ނުހަނު ކަންބޮޑުވެ، އަދި ލަދު ގަންނަންޖެހޭ ފަދަ ކަންތައްތަކެއް ހުރިކަމަށް ގަބޫލު ކުރެވޭ ކަމަށް ރިޕޯޓުގައި ބުނެފައިވެއެވެ. މިގޮތުން ޖަލުތަކުގެ ހާލަތު ގޮސްފައި ވަނީ އިންސާނުން ބަންދުކޮށްގެން ބައިތިއްބަން އެކަށީގެންނުވާ ވަރަށް ކަމަށް ބުންޏެވެ.
ކޮމިޝަނުން ބެލިބެލުމުގައި، މަންޑޭލާ ރޫލްސްގައި ކޮށްފައިވާ ތަސައްވުރާ އެއްގޮތަށް އިމާރާތްކުރެވިފައިވާ އެއްވެސް ޖަލެއް
ރާއްޖޭގައި ނެތް ކަން ފާހަގަކުރެވުނު ކަމަށް ކޮމިޝަނުން ބުންޏެވެ. އަދި އެއީ ގައިދީންގެ ހައްގުތައް ލިބޭ މިންވަރު ކަށަވަރުކޮށް، އެމީހުންނަށް ލިބިދޭންޖެހޭ އަސާސީ ހިދުމަތްތަށް ފޯރުކޮށްދިނުމަށް ހުރި ގޮންޖެހުމެއްކަމަށް ކޮމިޝަނުން ބުންޏެވެ.
ރާއްޖޭގައި މިހާރު ހުރި ޖަލުތަކުގެ ހާލަތު ގޯސްވެފައިވާތީ، ތިން އަހަރު ދުވަހުގެ ތެރޭގައި އިންސާނުން ބަންދުގައި ބައްތިއްބަން އެކަށީގެންވާ އާ އިމާރާތްތަކެއް ޖަލުގެ ގޮތުގައި އެޅުމަށް ވަނީ ލަފާ ދީފަ އެވެ. އަލަށް އަޅާ ޖަލުތަކަކީ އދ. ގެ "މަންޑޭލާ ރޫލްސް" ތަކަށް ފެތެން ވާނެ ކަމަށް ލަފާ ދީފައިވެ އެވެ.
އަލަށް އިމާރާތް ކުރެވޭ ޖަލުތައް އަޅާ ނިމި މިހާރު ހުރި ޖަލުތަކުން އާ ޖަލުތަކަށް މީހުން ބަދަލުކުރުމަށްފަހުގައި، މިހާރު ހުރި ޖަލުތަކަކީ މީހުން ބަންދުކުރުން މަނާ ތަންތަން ގޮތުގައި ކަނޑައަޅަން ޖެހޭނެ ކަމަށް ރިޕޯޓުގައިވެ އެވެ.
ރާއްޖޭގެ އުތުރާއި ދެކުނުގައި ރިމާންޑް ޖަލެއް ނެތުމުން، ތިން އަހަރު ދުވަހުގެ ތެރޭގައި އުތުރާއި ދެކުނުގައި ރިމާންޑް ޖަލުތައް އިމާރާތް ކުރުމަށް ވެސް ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ. މިހާރު އެ ސަރަހައްދުތަކުގައި މީހުން ބަންދުކޮށްގެން ބަލަހައްޓަން ޖެހެނީ އެ ތަނެއްގައި ހުންނަ ޕޮލިސް ސްޓޭޝަންތަކުގަ އެވެ. ހުކުމް ތަންފީޒުކުރުމަށް ރިމާންޑް ޖަލުތައް ހުންނަ ސަރަހައްދަށް ގެންނަނީ އެވެ.
މީގެ އިތުރުން ޖަލުތަކުގައި އެކަށިގެންވާ ވަރަށް މުވައްޒަފުން މަދުވުމުގެ ސަބަބުން ގައިދީންގެ ކަންކަން ރަނގަޅަށް ނުބެލެހެއްޓޭ ކަން ވެސް ރިޕޯޓުގައި ވަނީ ފާހަގަކޮށްފަ އެވެ. މިކަން ރަނގަޅު ކުރުމަށްޓަކައި ގައިދީންގެ އިންސާނީ ކަރާމަތަށް އުނިކަމެއް ނުލިބޭ ގޮތަށް ޖަލުތަކުގެ އެކި ހިސާބުތަކުގައި ސީސީޓީވީ ކެމެރާ ހަރުކުރުމަށް ވަނީ ލަފާ ދީފަ އެވެ. މިގޮތުން އެއް އަހަރު ދުވަހުގެ ތެރޭގައި އެ މަސައްކަތް ކޮށް ނިންމުމަށް ލަފާ ދީފައިވެ އެވެ.
މީގެ އިތުރުން ޖަލުތަކާ ގުޅުން ހުރި ބައެއް ގާނޫނުތަކާއި ގަވާއިދުތަކަށް ބައެއް އިސްލާހުތައް ގެނައުމަށް ވެސް ކޮމިޝަނުން ވަނީ ލަފާ ދީފަ އެވެ.