މޯލްޑިވްސް ޕޮލިސް ސާވިސް

ފުލުހުން ޓޭޒާ ގަން ބޭނުންކުރަން ފަށަނީ

ކުށްކުރާ މިންވަރު ކުޑަކުރުމަށް އެޅޭނެ އިތުރު ފިޔަވަޅުތަކެއްގެ ގޮތުން ޕޮލިހުން ބޮޑީ ވޯން ކެމެރާއާއި ޓޭޒާ ގަން ނުވަަތ ކަރަންޓު ބަަޑި ތައާރަފްކޮށްފި އެވެ.

ފުލުހުން މިއަދު ވަނީ ޓޭޒާ ގަންއާ ބޮޑީ ވޯން ކެމެރާ ބޭނުންކުރާނެ ގޮތްތަަކާއި ހާލަތްތަކުގެ މައުލޫމާތު ނޫސްވެރިންނާ ހިއްސާކޮށްފަ އެވެ.

ފުލުހުން ބުނީ ޓޭޒަ ގަން ބޭނުންކުރާނީ ހަމައެކަނި ނުރައްކާތެރި އޮޕަރޭޝަންތަކުގައި ކުށްވެރިންނާ ދެކޮޅަށް ބާރުގެ ބޭނުން ކުރަންޖެހޭ ހާލަތްތަކުގައި އެކަނި ކަމަށެވެ.

"މިއީ ޕޮލިހުންނާއި އާންމުން ދެފަރާތުގެ ރައްކާތެރިކަމަށް ވިސްނާފައި އެޅި ފިޔަވަޅެއް. ޓޭޒާ ގަން ބޭނުންކުރުން މާރައްކާތެރި މުގުރަކުން ގޮސް ޖެހުމަށް ވުރެ. ޕެޕާ ސްޕްރޭ ބޭނުން ކުރުމަށް ވުރެ ވެސް،" ޓޭޒާ ގަންއާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ހިއްސާކުރައްވަމުން ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވި އެވެ.

ފުލުހުން ޓޭޒާ ގަން ބޭނުންކުރަން ތައްޔާރުވަނީ 25 ޓޭޒާ ގަން އާއި އެކު އެވެ. ގަން ބޭނުންކުރުމާ ގުޅޭ އުސޫލުތަކެއް ހަމަޖެހިފައި ހުންނާނެ ކަމަށް ފުލުހުން ބުނެ އެވެ.

ޓޭޒާ ގަން ބޭނުންކުރުމުގައި ގެންގުޅޭ އުސޫލުތައް

  • ޓޭޒާ ގަން ބޭނުންކުރެވޭނީ ހަމައެކަނި ސާޖެންޓުންގެ މަގާމާ އެއަށްވުރެ މަތީ މަގާމު ތަކުގައި ތިބޭ އޮފިސަރުންނަށް އެކަނި
  • ޓޭޒާ ގަން ބޭނުންކުރަން ފެށުމުގެ ކުރިން ފަސް ދުވަހުގެ ތަމްރީން ޕޮރޮގްރާމެއް ނިންމަންޖެހޭ
  • ޓޭޒާ ގަން ބޭނުންކުރެވޭނީ ހަމައެކަނި ބޮޑީ ވޯން ކެމެރާއާ އެކީގައި

ޓޭޒާ ގަން ބޭނުންކުރުމުން އޭގެ އަސަރު ދެމިގެން ދާނީ ފަސްވަރަކަށް ސިކުންތަށެވެ. އަދި މި ބަޑިން ދޫކޮށްލާ ކަރަންޓު ވަޒަން ހަށިގަނޑަށް އަމާޒުވާ ހިސާބުން މީހާ ވަގުތުން ވެއްޓި ސިކުންތު ކޮޅަކަށް ޕެރެލައިޒްވެ އެވެ. ނަމަވެސް މީގެ ސަބަބުން ފުރާނައަށް ނުރައްކާތެރިވާ ވަރުގެ ޒަހަމްތަކެއް ނުލިބޭނެެ ކަމަށް ފުލުހުން ބުންޏެވެ.

މީގެ އިތުރުން ބޮޑީ ވޯން ކެމެރާއާ ބެހޭ ގޮތުން މައުލޫމާތު ދެމުން ފުލުހުން ބުނީ އޮން ޑިއުޓީ އޮފިސަރަކަށް ކެމެރާ ހަވާލުކުރާ ހިސާބުން ކެމެރާއަށް ދާނީ އަބަދުވެސް މަންޒަރާ އަޑު ރިކޯޑުވަމުން ކަމަށެވެ. އަދި ކެމެރާ ބޭނުންކުރާ ފުލުހެއްގެ ވަނަވަރު އެ އިދާރާއަށް އަބަދުވެސް އެނގެން ހުންނާނެ ކަމަށްވެސް ބުންޏެވެ.

ޓޭޒާ ގަން ބޭނުންކުރާ ގޮތް ނޫސްވެރިންނަށް މިއަދު ދައްކާލި ނަމަވެސް ރަސްމީކޮށް ޓޭޒާ ގަން ބޭނުންކުރަން ނިންމާފައިވަނީ އަންނަ އަހަރުގެ ކުރީކޮޅު އެވެ.