ގާސިމް އިބްރާހިމް

މަޖިލީހުގެ ރައީސް ކަމަށް ގާސިމްގެ ނަން ހުށަހަޅައިފި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމްގެ ނަން ހުށަހަޅުއްވައިފި އެވެ. އޭނާގެ ނަން ހުށަހެޅުއްވީ މަހިބަދޫ ދާއިރާގެ މެންބަރު އަހުމަދު ތޯރިގެވެ. ނަމަށް ތާއިދު ކުރެއްވީ ފަރެސްމާތޮޑާ ދާއިރާގެ މެންބަރު ހުސެއިން ލަތީފް މުހައްމަދެވެ.

ގާސިމްގެ ނަން ހުށަހެޅުއްވި ތޯރިގަކީ އިދިކޮޅު، ޕީޕީއެމްއަށް ނިސްބަތްވާ މެންބަރެކެވެ. އޭނާއަށް ތާއިދު ކުރެއްވި މެންބަރު ހުސެއިންއަކީ އަމިއްލަ މެންބަރެކެވެ.

ނިމިގެންދިޔަ މަޖިލީހުގެ ރައީސްކަން އެންމެ ފަހުން ކުރައްވާފައިވަނީ ގާސިމެވެ. އޭނާ އެ މަގާމަށް ވަޑައިގެންނެވީ ކުރިން ރައީސްގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު އިސްތިއުފާ ދެއްވުމުންނެވެ. އެއީ ވެރިކަން ބަދަލުވުމަށްފަހު އެވެ. ގާސިމް އެ ފަހަރު މަޖިލީހުގެ ރައީސް ކަމަށް ވަޑައިގެންނެވީ އެމްޑީޕީގެ ވެސް ތާއިދާއެކު އެވެ.

ގާސިމްގެ އިތުރުން ދެން ހުށަހަޅާފައިވަނީ މަންޗައްގޯޅި މެދު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދުގެ ނަމެވެ. އެމަނިކުފާނުގެ ނަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އެ ނަމަށް ތާއިދު ކުރެއްވީ ހެންވޭރު މެދު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

މިހާރު ކުރިއަށްދާާ 19 ވަނަ ރައްޔިތުން މަޖިލީހުގެ ފުރަތަމަ ޖަލްސާގައި ތާވަލުކޮށްފައި އޮތީ މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރުމެވެ. އެ މަސައްކަތް ކުރުމަށް ފުރަތަމަ އެކުލަވައިލީ ފަސް މެންބަރުންގެ ކޮމިޓީއެކެވެ. އެ ކޮމިޓީއަށް މެންބަރުންގެ ނަންތައް ހުށަހެޅީ އެމްޑީޕީގެ ފަރާތުން އަލިފުށީ ދާއިރާގެ މެންބަރުު މުހައްމަދު ރަޝީދު އިބްރާހިމް އެވެ. އެގޮތުން ކޮންމެ ޕާޓީއަކުންނާއި އަމިއްލަ ގޮތުން ދާއިރާ ތަމްސީލު ކުރައްވާ މެންބަރަކު އެ ކޮމިޓީގައި ހިމެނުއްވި އެވެ.

ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުން

  • ތުޅައިދޫ ދާއިރާގެ މެންބަރު ހިސާން ހުސެއިން
  • އިސްދޫ ދާއިރާގެ މެންބަރު އަލީ ހަމީދު
  • ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް
  • މާވަށު ދާއިރާގެ މެންބަރު މުހައްމަދު ސައީދު
  • ވިލިނގިލި ދާއިރާގެ މެންބަރު ސައުދު ހުސެއިން

މަޖިލީހުގެ ނައިބު ރައީސް ކަމަށް ހުށަހަޅުއްވާފައިވަނީ އެންމެ ނަމެކެވެ. އެއީ އެމްޑީޕީގެ ފަރާތުން ގަލޮޅު ދެކުނު ދާއިރާގެ މެންބަރު އީވާ އަބްދުﷲގެ ނަމެވެ. އެ ނަން ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އެ ނަމަށް ތާއިދު ކުރެއްވީ ހެންވޭރު މެދު ދާއިރާގެ މެންބަރު އަލީ އާޒިމެވެ.

މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް ހޮވުމަށް މެންބަރުންގެ މެދުގައި ނަގާނީ ސިއްރު ވޯޓެކެވެ. މިހާރު އެ ވޯޓު ނެގުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.