އެމްއޭސީއެލް

އޭޑީސީގެ ގޮތު 328.7 މިލިއަން ރުފިޔާ ލިބިއްޖެ

ބޭރަށް ފުރާ މީހުންނާއި ރާއްޖެއަށް ޓްރާންސިޓް ކުރާ ފަސިންޖަރުންގެ އަތުން ނަގާ، އެއާޕޯޓް ޑިވަލޮޕްމަންޓު ޗާޖް (އޭޑީސީ) ގެ ގޮތުގައި 328.7 މިލިއަން ރުފިޔާ ލިބިއްޖެ އެވެ.

ފިނޭންސް މިނިސްޓްރީން އާއްމުކުރި ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން މިމަހުގެ 23 ގެ ނިޔަލަށް އޭޑީސީގެ ގޮތުގައި 328.7 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. މި ފަންޑަށް މި އަހަރު ލިބޭނެ ކަމަށް އަންދާޒާކޮށްފައިވަނީ 705.6 މިލިއަން ރުފިޔާ އެވެ.

އޭޑީސީގެ ގޮތުގައި ނަގަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) އިން ފުރާ މީހުންގެ ތެރެއިން، ބޭރު މީހެއްގެ އަތުން 25 ޑޮލަރެވެ. އަދި ދިވެހިންގެ އަތުން 12 ޑޮލަރެވެ. މި ޓެކްސް ނަގަން އެންމެ ފުރަތަމަ ހުށަހަޅާފައިވަނީ ދިވެހިންނާއި ބޭރު މީހުންގެ އަތުން 25 ޑޮލަރެވެ. ނަމަވެސް ފަހުންވަނީ ދިވެހިންގެ އަތުން ނަގާ އަދަދު 12 ޑޮލަރަށް ދައްކޮށްފަ އެވެ. މި ފީ ނަގަން ފަށާފައިވަނީ މިދިޔަ އަހަރުގެ އެޕްރީލް މަހުން ފެށިގެންނެވެ.