އިންޑިއާ ސަރުކާރުން ރާއްޖެއަށް ދޭން އެއްބަސްވި 100 މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީގެ ތެރެއިން އިތުރު ތިން މަޝްރޫއެއް ހިންގަން ބޭނުންވާ ފައިސާ އިންޑިއާ ސަރުކާރުން ހަމަޖައްސައިދީފި އެވެ.
ފޮރިން މިނިސްޓްރީން މިއަދު ވަކި ވަކީން ނެރުނު ދެ ނޫސް ބަޔާނެއްގައިވާ ގޮތުން އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން އިތުރު ދެ މަޝްރޫއަކަށް ހޭދަކުރުމަށް 8.7 މިލިއަން ރުފިޔާ ވަނީ ދިވެހި ސަރުކާރަށް ދީފަ އެވެ.
އިންޑިއާ ސަރުކާރުން ދީފައިވާ 8.7 މިލިއަން ރުފިޔާއިން ހަރަދު ކުރުމަށް ނިންމާފައިވާ ދެ މަޝްރޫއަކީ ހއ. އިހަވަންދޫގެ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ޚިދުމަތް ދިނުމަށް ތަނެއް ގާއިމު ކުރުމުގެ މަޝްރޫއާއި، ރ. ކިނޮޅަހުގައި ހަ ކްލާސް ރޫމް އަދި ނ. ޅޮހީގައި ހަ ކްލާސް ރޫމް އިމާރާތް ކުރުމުގެ މަޝްރޫއަކަށެވެ.
މީގެ ތެރެއިން އިހަވަންދޫ ހެލްތު ސެންޓަރުގައި އިމަޖެންސީ ހިދުމަތް ދިނުމަށް ގާއިމު ކުރާ ތަނަށް 7.5 މިލިއަން ރުފިޔާ އިންޑިއާ ސަރުކާރުން ވަނީ ދީފަ އެވެ. ކިނޮޅޮހާއި ޅޮހީގައި އިމާރާތް ކުރާ ކްލާސް ރޫމުތަކަށް ދީފައި ވަނީ 12 މިލިއަން ރުފިޔާ އެވެ.
އިންޑިއާ ސަރުކާރުން ދިނުމަށް އެއްބަސްވެފައިވާ 100 މިލިއަން ރުފިޔާގެ ހިލޭ އެހީ ތެރެއިން މީގެ ކުރިން ވަނީ އއ. އުކުޅަހުގައި ބައިނަލްއަގްވާމީ ކޮންވެންޝަން ސެންޓަރެއް ގާއިމު ކުރުމުގެ މަޝްރޫއަށާއި ދ. ވާނީގައި ގާއިމު ކުރާ ފުލުހުންގެ ޓްރެއިނިން ސްކޫލުގެ މަޝްރޫއަށް 14.8 މިލިއަން ރުފިޔާ ދީފަ އެވެ.
އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މިހާތަނަށް މި ވަނީ ފަސް މަޝްރޫއަކަށް ޖުމުލަ 23.5 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދީފަ އެވެ.