ރައްޔިތުންގެ މަޖިލިސް

ހަފުތާއަކު ދެ ފަހަރު މަޖިލީހުން ނޫސްވެރިންނާ ބައްދަލު ކުރަނީ

ކޮންމެ ހަފުތާއަކު ދެ ފަހަރު ރައްޔިތުންގެ މަޖިލީހުގެ ފަރާތުން ނޫސްވެރިންނާ ބައްދަލުކުރާ ގޮތަށް ހަމަޖައްސައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށްފަހު ނޫސްވެރިންނާ ބައްދަލު ކުރައްވައި މަޖިލީހުގެ އަމީންއާންމު ފާތިމަތު ނިއުޝާ ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާއަށް މައުލޫމާތު ދިނުމުގެ ގޮތުން ކޮންމެ ހަފުތާއަކު ދެ ފަހަރު ނޫސްވެރިންނާ ބައްދަލުކުރާ ގޮތަށް މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނިންމަވާފައިވާ ކަމަށެވެ.

"ރައްޔިތުންގެ މަޖިލީހުގެ މަސައްކަތްތަކާ ގުޅޭ ގޮތުން މީޑިއާއަށް މަޢުލޫމާތު ދިނުމަށް ހަފްތާއަކު ދެ ފަހަރު ނޫސްވެރިންގެ ބައްދަލުވުން ބޭއްވުމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވަނީ ނިންމަވާފައި." ނިއުޝާ ވިދާޅުވި އެވެ.

ނިއުޝާ ވިދާޅުވި ގޮތުގައި، ކޮންމެ ބައްދަލުވުމެއްގައި ވެސް އެ ދުވަހެއްގައި މަޖިލީހުގައި ކުރި މަސައްކަތުގެ މައުލޫމާތުގެ އިތުރުން ހަފުތާގެ ތެރޭގައި މަޖިލީހުގައި ކުރުމަށް ރޭވިފައި ހުރި މަސައްކަތްތަކާ ގުޅޭ ގޮތުން މައުލޫމާތު ހިއްސާ ކުރެވޭނެ އެވެ. އަދި ނޫސްވެރިންގެ ސުވާލުތަކަށް ޖަވާބު ދެވޭނެ ކަމަށް ވެސް މަޖިލީހުން ބުނެ އެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވެސް މަޖިލީހުގެ އަމީންއާންމު ވަނީ މަޖިލީހުގައި މިއަދު ކުރިއަށް ގެންދިޔަ މަސައްކަތުގެ މައްޗަށް އަލިއަޅުވާލައްވައި ވާހަކަ ދައްކަވާފަ އެވެ.

މިއަދު ބޭއްވި މަޖިލީހުގެ ޖަލްސާގައި ވަނީ އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ ރާއްޖެއަށް ކުރައްވާ ދަތުރުފުޅުގައި މަޖިލީހުގައި ތަގުރީރު ދެއްވުމުގެ ފުރުސަތު ދިނުމަށް ނިންމާފަ އެވެ. އޭގެ އިތުރުން ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ގެ މެންބަރު ކަމަށް ތުޅާދޫ ދާއިރާގެ މެންބަރު ހިސާން ހުސައިން އައްޔަން ކުރުމަށް ނިންމާފަ އެވެ. އަދި 30 ދުވަހުގެ ތެރޭގައި މަޖިލީހުގެ ގަވާއިދު އިސްލާހު ކުރުމަށް ވަގުތީ ކޮމިޓީއަކަށް ފޮނުވަން ފާސްކޮށްފަ އެވެ.