ހަބަރު

11 އެމްބިއުލާންސާއި 61 ރަށެއްގެ ޖިމް ހަދަން އިންޑިއާގެ އެހީ

11 އެމްބިއުލާންސާއި 61 ރަށަކަށް އައުޓްޑޯ ފިޓްނަސް އެކިއުޕްމަންޓް ގެންނަން ބޭނުންވާ ފައިސާ، ހިލޭ އެހީގެ ގޮތުގައި އިންޑިއާ ސަރުކާރުން ހަމަޖައްސައިދީފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނީ ރާއްޖޭގެ 61 ރަށެއްގައި ބަހައްޓާނެ އައުޓްޑޯ ފިޓްނަސް އިކްއިޕްމަންޓް ގަތުމަށް އަށް މިލިއަން ދިވެހި ރުފިޔާގެ ހިލޭ އެހީއެއް އިންޑިއާ ސަރުކާރުން ދިވެހި ސަރުކާރަށް ދީފައިވާ ކަމަށެވެ.

މިއަދު ނެރުނު އެހެން ނޫސް ބަޔާނެއްގައި ފޮރިން މިނިސްޓްރީން ބުނީ ރާއްޖޭގެ ހޮސްޕިޓަލުތަކުގަ އާއި ހެލްތު ސެންޓަރުތަކުގައި ބޭނުން ކުރުމަށް 11 އެމްބިއުލާންސް ގަތުމަށް 7.7 މިލިއަން ރުފިޔާ އިންޑިއާ ސަރުކާރުން ދީފައިވާ ކަމަށެވެ.

ފިޓްނަސް އެކިއުޕްމަންޓާއި އެމްބިއުލާންސް ގަތުމަށް އިންޑިއާ ސަރުކާރުން ހަމަޖައްސާދީފައިވާ ފައިސާ އަކީ، އިންޑިއާގެ އެކްސްޓާނަލް އެފެއާޒް މިނިސްޓަރު ސުޝްމާ ސްވަރާޖް ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި 100 މިލިއަން ރުފިޔާގެ ހިލޭ އެހީގެ ތެރެއިން ހަމަޖައްސައިދޭ ކަމެކެވެ.

އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ދަށުން މީގެ ކުރިން ވަނީ ފަސް މަޝްރޫއަކަށް ޖުމުލަ 23.5 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދީފަ އެވެ. އެމްބިއުލާންސްތަކާއި ފިޓްނެސް އެކިއުޕްމަންޓް ގަންނަން ބޭނުންވާ 15.7 މިލިއަން ރުފިޔާ ވެސް އިންޑިއާ ސަރުކާރުން ހަމަޖައްސައިދިނުމުން، އިންޑިއާ ސަރުކާރުގެ ހިލޭ އެހީގެ ތެރެއިން މިހާތަނަށް މި ވަނީ 39.2 މިލިއަން ރުފިޔާ ދިވެހި ސަރުކާރަށް ދީފަ އެވެ.