ހަބަރު

200،000 ލީޓަރު ތެޔޮ ބަރުކޮށްގެން ދިޔަ ބޯޓެއް ފަރަށް އަރައިފި

އެސްޓީއޯގެ ސަބްސިޑަރީ ކުންފުންޏެއް ކަމަށްވާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބާޖެއް ކާށިދޫ ފަރަށް އަރައިފި އެވެ.

އެމްއެންޑީއެފްގެ އިންފޮމޭޝަން އޮފިސަރު ކެޕްޓަން އާޒިމް އިބްރާހިމް މިއަދު ވިދާޅުވީ އެފްއެސްއެމްގެ ތެޔޮ ބޯޓު އުރިފައި ވަނީ ކާށިދޫ ނެރުގެ ފައިކައްޓަށް ކަމަށާއި އެ ހާދިސާ ހިނގި އިރު އުޅަނދުގައި ހަ ދިވެއްސަކު ތިބި ކަމަށެވެ. މިހާތަނަށް އެއްވެސް ގެއްލުމެއް ލިބުނު ކަމުގެ މައުލޫމާތު ނުލިބޭ ކަމަށާއި އެމްއެންޑީއެފް ކޯސްޓްގާޑުގެ ޓީމެއް އެ ސަރަހައްދަށް ދިޔުމުގެ މަސައްކަތް ކުރާ ކަމަށް ވެސް އާޒިމް ވިދާޅުވި އެވެ.

ކާށިދޫ ނެރުމައްޗަށް އަރާފައި ވަނީ "މާތޮޅި" ނަމަކަށް ކިޔާ އެސްޓީއޯގެ 100 ފޫޓުގެ އުޅަނދެކެވެ. އެ އުޅަނދު ފަރަށް އެރި އިރު އޭގައި 27،000 ލީޓަރު ޕެޓްރޯލް އާއި 180،000 ލީޓަރު ޑީސަލް ހުއްޓެވެ. ނަމަވެސް ހާދިސާގައި އެއްވެސް ސަރަހައްދަކަށް ތެޔޮ ލީކުވުމުގެ ނިޝާނެއް ފެނިފައި ނުވާ ކަމަށް އާޒިމް ވިދާޅުވި އެވެ.

އާޒިމް ވިދާޅުވީ އެސްތީއޯގެ އެފްއެސްއެމް އިން އަންނަނީ އެމްޕީއެލްގެ ޓަގެއް ބޭނުންކޮށްގެން ބޯޓު ފުން ކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެ ހާދިސާއާ ގުޅިގެން އެ ކުންފުނީގެ ބަހެއް ނުލިބެ އެވެ.