ކުޑަހުވަދޫ

ކުޑަހުވަދޫ މީރާ އޮފީހުގެ ތިޖޫރީ ވަގަށް ނަގައިފި

ދ. ކުޑަހުވަދޫގައި ހުންނަ މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) ގެ އޮފީސް ފަޅާލައި އެތާނގެ ތިޖޫރީ ވަގަށް ނަގައިފި އެވެ.

ފުލުހުން ބުނީ ކުޑަހުވަދޫ މީރާ އޮފީސް ފަޅާލައި ތިޖޫރީ ވަގަށް ނަގާފައިވާ ކަމަށް މިއަދު ހެނދުނު 9:30 ގައި ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެ ތިޖޫރީ ވަގަށް ގެންދިޔައިރު 1500 ރުފިޔާ އާއި 100 ޔޫއެސް ޑޮލަރު ހުއްޓެވެ. އޭގެ އިތުރުން 4682 ރެވެނިއު ސްޓޭމްޕާއި 50 އަހަރީ ފީ ސްޓިކާ އާއި 62،393 ރުފިޔާ ހިމެނޭ ހަތަރު ޗެކެއް ވެސް އެ ތިޖޫރީގައި އޮތެވެ.

އެ މައްސަލައާ ގުޅޭ އިތުރު ތަފްސީލެއް ނުލިބެ އެވެ. ފުލުހުން އަންނަނީ އެ މައްސަލަ ތަހުގީގު ކުރަމުންނެވެ.