ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރަން ޔޫރަޕްގެ ތިން ގައުމެއް ހިމެނޭ ގޮތަށް ނޫސްވެރިންގެ ޓީމެއް ރާއްޖެ ގެނެސްފި އެވެ.
މިދިއަ އާދީއްތަ ދުވަހު އެމްއެމްޕީއާރްސީން ރާއްޖެއަށް ނޫސްވެރިން ގެނައީ ޖަރުމަނާއި ސުވިޒަލޭންޑުގެ އިތުރުން އޮސްޓްރިއާއިންނެވެ.
މި ތިން ގައުމުގެ ނޫސްވެރިން ރާއްޖޭގައި ތިބޭނީ އަންނަ މަހުގެ އެއް ވަނަ ދުވަހުގެ ނިޔަލަށެވެ. ރާއްޖެއަށް ޓޫރިސްޓުންގެ ގެންނަ ޓްއާ އޮޕަރޭޓަރެއް ކަމަށްވާ ސީކްރެޓް ޕެރެޑައިސްގެ އެހީއާއެކު އެ މީހުން މާލެ އަތޮޅު ގުރައިދޫ ޕާމް އިސް ގެސްޓް ހައުސް އާއި ލިޔެލާ ރީޓްރީޓާއި ކުރަމަތި މޯލްޑިވްސް އަދި އިރުފުށީގައި ވަގުތު ހޭދަ ކުރާނެ އެވެ.
މި ދަތުރުގައި އެ ތިން ގައުމުގެ ނޫސްވެރިން ރާއްޖޭގެ ކަނޑުގެ އަޑީގެ ރީތި ކަމާއި، ރާއްޖޭގެ އާދަކާދަ އާއި ސަގާފަތާއި އަދި ދިވެހި ކެއުންތަކުގެ ރަހަތައް ތަޖުރިބާާ ކުރުމަށްފަހު އެ މީހުން މަސައްކަތް ކުރާ މެގަޒިންތަކާއި ނޫސްތަކުގައި ޝާއިއު ކުރާނެ އެވެ.
އެމްއެމްޕީއާރްސީ އިން ވަނީ ރާއްޖޭގެ ޓޫރިޒަމް ޕްރޮމޯޓް ކުރުމުގެ ގޮތުން މި ފަހުން އިނގިރޭސިވިލާތާއި އިންޑިއާގެ ނޫސްވެރިންގެ ގެނެސް ބޮޑު ހޭދައެއްކޮށްފައެވެ،
ރާއްޖޭގެ ޓޫރިޒަމް އިސްތިހާރު ކުރުމަށް ބޭރު ގައުމުތަކުގައި ހިންގާ ހަރަކާތްތައް ކަވަރު ކުރުމުގައި ކުރިން ރާއްޖޭގެ ނޫސްވެރިންނަށް ވެސް ފުރުސަތު ދެއެވެ. ނަމަވެސް މިހާރު އެ ފުރުސަތެއް ލޯކަލް ނޫސްވެރިންނަކަށް ނުދެ އެވެ.