މާޒިޔާ

އުމުރާ ވުމަށާއި ޓްރޭނިން ކޭމްޕަށް މާޒިޔާ ސައުދީއަށް

އެފްއޭއެމުން ހޯދައިދިން ފުރުސަތުގައި، ޓްރޭނިން ކޭމްޕާއި އުމުރާގެ އަޅުކަން އަދާ ކުރުމަށް، މާޒިޔާއިން ސައުދީ އަރަބިއްޔާއަށް ދާން ފުރައިފި އެވެ.

މިއަދު ޖިއްދާއަށް ފުރި، މާޒިޔާގެ ޓީމުގައި އެޓީމުގެ 20 ކުޅުންތެރިންނާއި ކޯޗުން ސްޓާފުންނާއި ޓީމުގެ އޮފިޝަލުން ހިމެނޭ ގޮތަށް 30 މީހުން ހިމެނެ އެވެ. މިއީ އޭއެފްސީ ކަޕުން ޖާގަ ލިބެން އޮތް މާޒިޔާ އާއި ޓީސީއަށް އެފްއޭއެމުން ދޭ ޓްރެއިނިން ކޭމްޕްތަކުގެ ތެރެއިން ދޭ ފުރުސަތެކެވެ. މާޒިޔާގެ ޓްރެއިނިން ކޭމްޕާއި އުމުރާގެ އަޅުކަމަށް ދިއުމުގެ އިންތިޒާމު ހަމަޖައްސަނީ އެފްއޭއެމް އާއި ސައުދީ އަރަބިއްޔާގެ ފުޓްބޯޅަ ފެޑްރޭޝަން ގުޅިގެންނެވެ.

އުމުރާގެ އަޅުކަން އަދާ ކުރުމަށް ހަމަޖެހިފައި ވަނީ މާދަމާ އާއި މާދަމާ ރޭ ގަ އެވެ. މާޒިޔާއިން ވަނީ އުމުރާގެ އަޅުކަމާ ގުޅިގެން، ދީނީ ނަސޭހަތް ދިނުމުގެ ޝެޝަންނެއް މާޒިޔާގެ ކުޅުންތެރިންނަށް ބާއްވާފަ އެވެ.

އެފްއޭއެމުން ބޭރުގެ ޓްރެއިނިން ކޭމްޕެއް ހަމަޖައްސައި ދިނުމުން މާޒިޔާއިން ވަނީ އެކަން ވަރަށް ބޮޑަށް ފާހަގަ ކޮށްފަ އެވެ. މާޒިޔާގެ އޮފިޝަލަކު ވިދާޅުވީ އުމުރާގެ އަޅުކަން އަދާ ކުރެވޭނެ ގޮތަށް ޓްރޭނިން ކޭމްޕް ހަމަޖެއްސުމަކީ އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ އިސްނެންގެވުމެއް ކަމަށެވެ.

"އުމުރާގެ އަޅުކަން އަދާ ކުރަން ފުރުސަތު ލިބި ޓްރެއިނިން ކޭމްޕެއް ހަމަޖެހުމަކީ މާޒިޔާގެ ކުޅުންތެރިންނަށް ލިބުނު ވަރަށް ބޮޑު ހިތްހަމަޖެހުމެއް،" އޮފިޝަލް ވިދާޅުވި އެވެ. "ރޯދަ މަހެއްގައި އުމުރާގެ އަޅުކަން އަދާ ކުރެވޭނެ ގޮތަށް މި ލިބުނީ، މީ އެންމެ ބޮޑު ހިތްހަމަޖެހުމަކީ، މި ފުރުސަތު ހޯދައިދިނުމަށް ބައްތު [ބައްސާމް] ކޮށްދިން މަސައްކަތް ފާހަގަ ކުރަން."

އަންނަ މަހު ފަށާ، ރާއްޖޭގެ ފުޓްބޯޅަ ސީޒަނަށް ތައްޔާރު ވުމުގެ ގޮތުން މާޒިޔާއިން ވަނީ ރޯދަމަސް ކުރިން މަހިބަދޫގައިވެސް 10 ދުވަހުގެ ޓްރެއިނިން ކޭމްޕެއް އެ ޓީމުގެ އަމިއްލަ ހަރަދުގައި ކުރި އަށް ގެންގޮސްފަ އެވެ. އާ ސީޒަނަށް ޓީމު ވަރުގަދަ ކުރުމުގެ ގޮތުން މާޒިޔާއިން ވަނީ ޓްރާންސްފާގެ ބޮޑެތި އެއްބަސްވުންތަކެއް ހަދާފަ އެވެ.

ޓީސީއަށް މިދިޔަ ދެ ސީޒަންގައި ކުޅުނު، އިބްރާހިމް މަހްދީ ހުސައިން 'ހަބޭސް އިއްބެ' އިބްރާހިމް ވަހީދު ހަސަން 'ފެލެއިނީ އިއްބެ' ތަޖުރިބާކާރު ޑިފެންޑަރު އަބްދުﷲ ހަނީފު 'ބެންޖޯ' މާޒިޔާއިން ވަނީ ގެނެސްފަ އެވެ. އަދި ނިއު ރޭޑިއަންޓަށް ކުޅުނު އެޓޭކިން މިޑްފީލްޑާ ހަމްޒާ މުހައްމަދު 'ހަމްޕް' އަދި ޑިފެންޑަރު އަހްމަދު އަބްދުﷲ 'ލިލީ' އާއި ވިކްޓަރީއަށް ކުޅުނު މިޑްފީލްޑާ ހުސައިން ނިހާން 'ނިހާޓް' ގެ ސޮއި މާޒިޔާއިން ވަނީ ހޯދާފަ އެވެ.

މާޒިޔާއިން އެ ޓީމުގެ ކޯޗެއްގެ ގޮތުގައި ހަމަޖެއްސީ 2017 ވަނަ އަހަރު އެ ޓީމަށް ކޯޗް ކޮށްދިން، މެސަޑޯނިއާގެ މަރުޔާން ސެކްލޮވްސްކީ އެވެ. އޭނާ ވަނީ އާ ސީޒަނަށް މާޒިޔާއިން އެކުލަވާލަފައިވާ ޓީމަށް ތައުރީފް ކޮށްފަ އެވެ.

ކޮންޓްރެކްޓް ހަމަވުމުން މާޒިޔާއިން ދޫކޮށްލި ކުޅުންތެރިންނަކީ، ވިންގާ އަހްމަދު އިމާޒް 'އާއްކ' ޑިފެންޑަރު ގާސިމް ޝަމާމް، މިޑްފިލާޑާ، ޔަޝްފާދު ހަބީބު 'މުލަކޭ' އެޓޭކިން މިޑްފީލްޑާ އިސްމާއީލް އީސާ 'މެސީ' އެވެ. އިސްމާއީލް ޓީސީއަށް ބަދަލުވިއިރު، އާއްކޮ، މުލަކޭ އަދި ޝަންމޭ ބަދަލުވީ ދަ ގްރޭންޑޭ އަށެވެ. މިދިޔަ އަހަރު މާޒިޔާއަށް ކޯޗް ކޮށްދިން އިސްމާއީލް މަހްފޫޒު 'އިންމަ' ވެސް މިއަހަރު ފެންނާނީ ދަ ގުރޭންޑޭއިންނެވެ.