ދުނިޔެ

އިނގިރޭސި ބޮޑުވަޒީރުކަމަށް ޓްރަމްޕްގެ ތާއީދު އޮތީ ބޮރިސް ޖޯންސަންއަށް

Jun 1, 2019

ލަންޑަން (ޖޫން 1) - އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ތެރޭސާ މޭ، މި މަހުގެ ހަތް ވަނަ ދުވަހު އިސްތިއުފާ ދެއްވާނެކަން އިއުލާން ކުރެއްވުމާއެކު، ވެރިކަންކުރާ ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުގެ މަގާމަށް ޕާޓީގެ ތެރެއިން އިސް ބޭފުޅުން ޝައުގުވެރިކަން ފާޅުކުރަމުންދަނިކޮށް، ކުރީގެ ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަން އެމަގާމަށް ވަރަށް ގާބިލުކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅުގެ ތެރެއިން، އެގައުމުގެ "ސަން" ނޫހަށް ދެއްވި އިންޓިވިއުއެއްގައި ޓްރަމްޕް ވިދާޅުވީ، އެ މަގާމަށް ޝައުގުވެރިކަން ފާޅުކުރައްވާފައިވާ އެހެން ބޭފުޅުންވެސް އެމަނިކުފާނުގެ ތާއީދު ހޯދަން އެދެމުންދާ ކަމަށެވެ.

ކޮންޒަވޭޓިވް ޕާޓީގެ ލީޑަރުކަމަށް ވަޑައިގަންނަވާ ބޭފުޅަކު ވެގެންދާނީ އިނގިރޭސިވިލާތުގެ އާ ބޮޑުވަޒީރަށެވެ. އާ ލީޑަރެއް ހޮވުމުގެ މަރުހަލާ އަންނަ ޖުލައި މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް ޕާޓީތަކުން ވަނީ ބުނެފަ އެވެ.

ޕާޓީ ލީޑަރު ހޮވުމުގެ މަސައްކަތް ނިމެންދެން ބޮޑުވަޒީރުގެ މަސްއޫލިއްޔަތުތައް އަދާ ކުރެއްވުމުގައި ދެމިހުންނަވާނެ ކަމަށް މެއި ވަނީ ވިދާޅުވެފަ އެވެ.

ކޮންޒަވޭޓިވް ޕާޓީގައި އިސްކޮށް ހަރަކާތްތެރިވާ ހަތަރު ބޭފުޅަކު މިހާރު ވެސް ރަސްމީކޮށް ވަނީ ޝައުގުވެރިކަން ފާޅު ކުރައްވައިފަ އެވެ. ނަމަވެސް، ޕާޓީގެ އިތުރު މެމްބަރުން ވެސް އެ ރޭހުގައި ބައިވެރިވާނެ ކަމަށް ބެލެވެ އެވެ. ޕާޓީ ލީޑަރުކަމަށް ވަޑައިގެންނެވުމުގެ ފުރުސަތު އެންމެ ބޮޑީ، ކުރީގެ ފޮރިން ސެކްރެޓަރީ ބޮރިސް ޖޯންސަން ކަމަށް މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ލަފާކުރެ އެވެ.

އިސްތިއުފާ އިއުލާނު ކުރައްވަމުން މެއި ވިދާޅުވީ، އެ ނިންމެވުމުގެ ސަބަބަކީ ޔޫރަޕިއަން ޔޫނިއަން (އީޔޫ)އިން ވަކިވާން ނިންމުމާ ގުޅިގެން އެ ގައުމަށް ދިމާވެފައިވާ މައްސަލަތަކުން ގައުމު ސަލާމަތް ކުރުމުގައި ނާކާމިޔާބުވެފައިވާތީ އެވެ.

އެހެންވެ އިނގިރޭސިވިލާތަށް މި ވަގުތު އެންމެ ރަނގަޅު ވާނީ ގައުމުގެ މަސްލަހަތު އިސްކުރައްވާނެ އާ ބޮޑު ވަޒީރަކު ވަޑައިގެންނެވުން ކަމަށް މޭ ވިދާޅުވި އެވެ.

މޭ ވިދާޅުވީ ކޮންޒަވެޓިވް ޕާޓީއަށް ބްރެކްސިޓް ކާމިޔާބު ކުރެވޭނެ ކަމަށެވެ. އޭނާ ހިތާމަ ކުރައްވަނީ އޭނާގެ ލީޑަރު ކަމުގެ އެކަން ހާސިލް ނުވެވުމުން ކަމަށެވެ. ބްރެކްސިޓް މައްސަލާގައި ގާނޫނު ހަދާ މަޖިލީހުގެ މެންބަރުން ރުހޭ ގޮތެއް ހޯދައިނުދެވުންކަން ހިތާމައަކާއެކު ފާހަގަ ކުރެއްވި އެވެ.

ބްރެކްސިޓްއާ ގުޅިގެން ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން ޓްރަމްޕް ވިދާޅުވީ، އިނގިރޭސިންގެ އިހުމާލުން އެ މަޝްވަރާތަކުގެ ހުރިހާ ބާރެއް އީޔޫއަށް މިހާރު ލިބިފައިވާކަމަށެވެ.