ވިޔަފާރި

ލަކްސްގެ އާ ރިސޯޓުގައި ހާއްސަ ވިލާއެއް ހުޅުވައިފި

ލަކްސް ކުންފުނިން މި އަހަރު ހުޅުވި ލަކްސް ނޯތު މާލެ އެޓޯލް ރިސޯޓުގައި ލަކްސް ރިޓްރިޓްގެ ނަމުގައި ހާއްސަ ވިލާއެއް ހުޅުވައިފިި އެވެ.

ލަކްސް އިން ބުނެފައިވާ ގޮތުގައި ޓޫރިސްޓުންނަށް ހާއްސަ ހިދުމަތްތަކާއެކު ހުޅުވި މި ރެޒިޑެންސް ވިލާ އިން ގިނަ ހިދުމަތް ތަކެއް ލިބެން ހުންނާނެ އެވެ. މިތަން ފަރުމާކޮށްފައިވަނީ ޓޫރިސްޓުންނަށް ޕްރައިވެސީ ލިބޭ ގޮތަށް އަމިއްލަ ގެއެއްގެ އިހުސާސް ކުރެވޭނެ ގޮތް ބަލައިގެންނެވެ.

އެ ރިސޯޓުގެ މޫދު ވިލާތަކުގެ އެންމެ ބޭރަށް ވާގޮތަށް ހުޅުވި ލަކްސް ރިޓްރީޓް ހަދާފައިވަނީ ތިން ބުރި އަށެވެ. އަދި މިތަނުގައި 1000 އަކަފޫޓުގެ ބޮޑު އޭރިއާއެއް ޕްލޭ އޭރިއާގެ ގޮތުގައި ހާއްސަކޮށްފައިވެ އެވެ. އަދި މި ވިލާގައި އެއް ފަހަރާ ހަތަރު މީހުންނަށް ޗުއްޓީ ހޭދަކޮށްލެވޭނެ ޖާގަ އޮންނައިރު، މިއީ އާއިލާތަކާއި ރަހުމަތްތެރިންނަށް ހާއްސަ ތަނަކަށްވާނެ ކަމަށް ލަކްސް އިން ބުނެފައިވެ އެވެ.

ލަކްސް އިން ބުނެފައިވާ ގޮތުގައި މި ވިލާގައި 24 ގަޑިއިރު ބަޓްލަ ސާވިސް ދޭއިރު، މިތަނުގައި ސުވިމިން ޕޫލް ހުންނާނެ އެވެ. އަދި ވިލާ ފަރުމާކޮށްފައިވަނީ ލަކްސްގައި ބޭނުންކުރާ ހާއްސަ ލަގްޒަރީ ޔޮޓް ބަނދަރު ކުރެވޭ ގޮތަށެވެ. އެހެންވެ، މިތަނަށް އަންނަ މެހުމާނުންނަށް ޔޮޓުން ސީފާ ވިލާ އަށް އަރައި ފޭބުމުގެ ހިދުމަތް ލިބޭނެ އެވެ.

ދަތުރު ދާ ރަށެއްގެ ގޮތުގައި ކުރިން ބޭނުންކުރި އޮޅަހަލި އައިލެންޑުގައި ތަރައްގީ ކޮށްފައިވާ ލަކްސް ނޯތު މާލެ އެޓޯލްގައި ސްޕާ އާއި މޫދު ކުޅިވަރުގެ ހާއްސަ ސެންޓަރެއް ހުރެ އެވެ. މި ރަށުގެ އެއް ގަމުގައި ވެސް ހާއްސަ ވިލާތަކެއް ހުރެ އެވެ. މި ރިސޯޓުގައި ހަދާފައިވާ ސްޕާއަކީ މި ތަނަށް އަންނަ މީހުންނަށް އެންމެ މަތީ ޕްރައިވެސީ ލިބޭ ގޮތަށް ހަދާފައިވާ ތަންތަނެވެ. މި ރިސޯޓަކީ ދިވެއްސެއްގެ ފަރުމާއެކެވެ. އަދި ރިސޯޓުގެ އިންޓީރިއާ ފަރުމާ ކުރީ ސިންގަޕޫރު ކުންފުންޏަކުންނެވެ.