ހަބަރު

ކާށިދޫ ފަރަށްއެރި ތެޔޮ ބޯޓު ފުންކޮށްފި

Jun 1, 2019

ކ. ކާށިދޫ ފަރަށް އެރި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) ގެ ތެޔޮ ބޯޓު މިއަދު ފުންކޮށްފި އެވެ.

އެސްޓީއޯގެ ސަބްސިޑަރީ ކުންފުނި، އެފްއެސްއެމްގެ "މާތޮޅި" 100 ފޫޓުގެ އެ އުޅަނދު ކާށިދޫ ފަރަށް އަރާފައިވަނީ މިދިއަ ބުރާސްފަތި ދުވަހު އެވެ. އެ އުޅަނދު ފަރަށް އެރި އިރު އޭގައި 27،000 ލީޓަރު ޕެޓްރޯލް އާއި 180،000 ލީޓަރު ޑީސަލް ހުއްޓެވެ.

އެމްއެންޑީއެފް އިން ބުނި ގޮތުގައި، އެ ބޯޓް މިއަދު ހެނދުނު ވަނޫ ފުންކޮށްފައެވެ. ފުން ކުރި އިރު އެ އުޅަނދަށް އިތުރު އެއްވެސް ގެއްލުމެއް ލިބިފައެއް ނުވެއެވެ. އަދި އެ އުޅަނދުން އެއްވެސް ވަރަކަށް ތެޔި ލީކުނުވާތީ، މިހާރު ވަނީ މާލެ އައުމުގެ ދަތުރު ފަށާފަ އެވެ.

ތެޔޮ ބޯޓު އުރިފައި ވަނީ ކާށިދޫ ނެރުމައްޗަށެވެ. އެ ހާދިސާ ހިނގި އިރު އުޅަނދުގައި ދިވެހީންގެ ހަ މީހަކު ތިއްބެވެ.