އެމްއެންޑީއެފް

އަޑިއަށް ދިޔަ ފިޔާ ބޯޓްގައި ތިބި މީހުން ސަލާމަތްކޮށްފި

ފިޔާ ބަރުކޮށްގެން ރާއްޖެއަށް ދަތުރުކުރަމުން ދަނިކޮށް އަޑިއަށް ދިޔަ ބޯޓުގައި ތިބި މީހުން ސަލާމަތްކޮށް އެހެން ބޯޓަކަށް ނަގައިފި އެވެ. އެ މީހުންގެ ހާލު ރަނގަޅެވެ.

އެމްއެންޑީއެފުން ބުނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރުން ފިޔާ ބަރު ކޮށް ފުރައިގެން މާލެ ދަތުރު ކުރަނިކޮށް އަޑިއަށްދިޔަ ބޯޓް، "އެމްއެސްވީ އާކް އޮފް ގޯޑް" ގައި ތިބި މީހުން ކަނޑުވެފައި ތިއްބައި، ސަލާމަތްކޮށް އެހެން ބޯޓަކަށް އެ މީހުން ނަގާފައިވާ ކަމަށެވެ.

އެ މައުލޫމާތު ކޯސްޓްގާޑަށް ލިބިފައިވަނީ މިއަދު މެންދުރު ފަހު 1:00 ޖެހި އިރު އެވެ. އެ ބޯޓު އަޑިއަށް ދިޔައިރު، އޭގައި ނުވަ މީހުން ތިއްބެވެ. އެ އެންމެން ކަނޑުވެފައި ތިއްބައި، ނަގާފައިވަނީ މާލެއިން ޓުޓިކޮރިން ބަނދަރަށް ދަތުރު ކުރަމުންދިޔަ ރާއްޖޭގެ އެހެން ބޯޓެއް ކަމުގައިވާ "ވީބީ ޕްރޮގްރެސް" އަށެވެ.

"މި ބޯޓު، ކަނޑުމަތިން ނެގި މީހުންނާ އެކު މިހާރު ދަތުރު ކުރަމުންދަނީ އިންޑިއާގެ ޓުޓިކޮރިން ބަނދަރަށް ވަނުމަށް. މިބޯޓާއެކު، އިންޑިއާ ކޯސްޓްގާޑުގެ އުޅަނދެއް ދަނީ ހަރަކާތް ތެރިވަމުން." އެމްއެންޑީއެފުގެ އޮފިޝަލަކު ވިދާޅުވި އެވެ.

މި ބޯޓު އަޑިއަށްދިޔަ ސަރަހައްދާއި ސަބަބު އަދި ސާފެއް ނުވެއެވެ.

އަޑިއަށްދިޔަ ބޯޓަކީ، "މިޑް ސީ ޝިޕިން ޕްރައިވެޓް ލިމިޓެޑް" ގެ އެޖެންޓްކަމުގެ ދަށުން ދުއްވަމުން ދިޔަ ބޯޓެކެވެ. އޭގައި އެސްޓީއޯ އިން ރާއްޖެ ގެނައި 1500 ބަސްތާ ފިޔާ ހުއްޓެވެ.