ނައުޝާގެ ހެލްތު ކޮލަމް

ސްކްރީނާއެކު ހޭދަކުރުމުން އޮތް ގެއްލުން!

ދުނިޔޭގައި ޓެކްނޮލޮޖީގައި އާ އުފެއްދުންތައް ދަނީ ދުވަހުން ދުވަހަށް އިތުރުވަމުންނެވެ. ކުޑަ ކުދިންނަށް ބަލައިލި ނަމަވެސް ގިނަ ފަހަރު ފެންނަނީ އައިޕެޑާއި ޓެބްލެޓް ނުވަތަ ފޯނެއް ހިފައިގެން އުޅޭ ތަނެވެ. ބޫމް ބޫމް ލައްވަމުން ނުހަނު އުނދަގުލުން މަންމަމެން ކުދިންގެ އަނގަޔަށް ލައްވަމުން އައި ބަކުން ސަމްސާތައް މިއަދު ކުދިންގެ އަނގަޔަށް ފަސޭހައިން ވަންނަނީ ސްކްރީން ތަކުން ފެންނަ ކުލަ ތަކަށް ކުއްޖާ ގެއްލި ހުސްވެފައި ހުންނަ ހާލު އެވެ. މެހުމާނަކު ގެއަށް އައިސް "މިގޭގައި ކުޑަ ކުއްޖަކު އުޅޭހެންވެސް ހީ ނުވޭ، މިގޭ ކުދިން ހާދަ ބަސްއަހައޭ!" ބުނާ އިރު ހަގީގަތަކީ ގިނަ ފަހަރު މި ކުދިން ތިބޭނީ ޔޫޓިއުބް ވީޑިއޯއެއް ބަލެމުގައި ނުވަތަ ގޭމެއް ކުޅުމުގައި އަވަދި ނެތި އެވެ. މިއީ އެންމެ ރަނގަޅު ގޮތް ބާއެވެ؟ ކޮންމެ ކުއްޖެއްގެ އަތުގައިހެން ޓެބްލެޓެއް ފަދަ ޓެކްނޮލޮޖީގެ މިފަދަ ކޮންމެވެސް ވަސީލަތެއް އޮންނަ މި ޒަމާނުގައި، ސްކްރީނަށް ބަލަހައްޓައިގެން ދަރިފުޅު ހޭދަ ކުރާ ވަގުތުގެ ސަބަބުން ދަރިފުޅުގެ ހެދިބޮޑު ވުމަށާއި ވިސްނުމަށް އަދި ސިއްހަތައް މީގެ ސަބަބުން ކުރާ އަސަރުތަކާ މެދު ވިސްނާލަން އެބަ ޖެހެ އެވެ.

ސިކުނޑި ހެދިބޮޑުވުމާއި މަސައްކަތްކުރުން

ތުއްތު ކުދިންނަކީ އެކުދިންގެ ސިނކުޑި ނުހަނު ހަލުވި ސްޕީޑުގައި ހެދިބޮޑު ވަމުން އަންނަ ކުދިންނެވެ. އެހެނީ ހާއްސަކޮށް ކުއްޖާގެ އުމުރުގެ ފުރަތަމަ ދެ އަހަރަކީ ނުހަނު މުހިންމު ދުވަސްވަރެކެވެ. އެހެނީ މިއީ އެކުދިންގެ ވަށައިގެންވާ މާހައުލުން އެތަކެއް ކަމެއް ނަގައިގަނެ ނުހަނު އަވަހަށް ދަސްކުރަމުން އަންނަ ދުވަސްވަރެކެވެ. އެގޮތުން ވަށައިގެންވާ މާހައުލުގައި ހުންނަ ތަކެތި ހޯދައި، ބަލައި، ދަސްކުރަން ފަށަ އެވެ. އަދި ހަނދާން ކުރުމާއި، ވާހަކަ ދެއްކުމާއި ކަންކަމާމެދު ވިސްނަން ފަށަ އެވެ. އަދި ކުއްޖާގެ އުމުރުން އަށް އަހަރާއި ނުވަ އަހަރު ވަންދެން މިފަދަ ހުނަރުތައް ނުހަނު ހަލުވިކަމާއެކު ދަސްކުރުން ކުރިޔަށްދެ އެވެ.

ވީމާ ހެދި ބޮޑުވަމުން ކުއްޖާ އަންނަ މި މުހިންމު މަރުހަލާ ތަކާއި ޓެކްނޮލޮޖީގެ ވަސީލަތްތަކާ ކުދިން އަހުލުވެރިވުމާ ހުރި ގުޅުމަކީ ކޮބައި ހެއްޔެވެ؟ މި ދެންނެވުނު މުހިންމު ހުނަރުތައް ކުދިން ދަސްކުރަނީ ވަށައިގެންވާ މާހައުލުންނެވެ. ހާއްސަކޮށް މަންމަ، ބައްޕަ އަދި ކުއްޖާގެ ގާތުގައި އުޅޭ އެހެން މީހުންގެ ފަރާތުން ލިބޭ އަޅާލުމާއި އެފަރާތްތައް ކުއްޖާއާ ކުރާ މުއާމަލާތްތަކަށް ބިނާކޮށެވެ.

ސްކްރީނަކަށް ބަލަހަށްޓައިގެން ކުއްޖާ ގިނަ ވަގުތު ހޭދަ ކުރުމަކީ ކުއްޖާގެ ހެދިބޮޑު ވުމަށް އެޅޭ ހުރަހަކަށް ވެދާނެ އެވެ. ދިރާސާތަކުން ދައްކާ ގޮތުގައި އުމުރުން ދެ އަހަރާއި ފަސް އަހަރަށް ވުރެ ކުޑަ ކުދިންނަށް ސްކްރީނަކުން ފެންނަ 2ޑީ ފޮޓޯ ގަނޑުތަކުން ކުއްޖާއަށް ނަގައިގަނެވޭ މައުލުމާތު އަސްލު ކުއްޖާގެ ވަށައިގެންވާ މާހައުލުން ނަގައިގަނެވޭ މައުލުމާތައް ވުރެން އެތައް ގުނައެއް މަދެވެ. ވީމާ މުޖުތަމައުން މިއަދު ފެންނަ ކުދިން ރޯ އިރުގައާއި ކުދިން ފަސޭހައިން މަސަލަސް ކުރުމުގެ މަގްސަދުގައި އަބަދު ފޯނު، ޓެބްލެޓް ފަދަ އެއްޗިހި ދިނުމަކީ ބުއްދިވެރި ކަމެއް ނޫނެވެ.

ގިނަ ވަގުތު ސްކްރީނަށް ބަލަހައްޓައިގެން ހުރުމުގެ އިތުރުން އަވަސް އަވަހަށް މަންޒަރު ބަދަލުވާ ކާޓޫނާއި އެފަދަ ވީޑިއޯ ތަކުގެ ސަބަބުން ކުދިންނަށް ކިޔެވުމުގަ އާއި އެހެން ކަންކަމުގައި ކޮންސެންޓްރޭޓް ކުރަން އުނދަގޫވާ ކަމަށް ވެސް ދިރާސާތަކުން ހާމަ ކުރެ އެވެ. މިއީވެސް ބެލެނިވެރިން ސަމާލުވާންޖެހޭ ކަމެކެވެ.

ފާހަގަ ކޮށްލަންޖެހޭ އަނެއް ކަމަކީ ޓެބްލެޓް ފަދަ ތަކެތީގައި މިއަދު ވަރަށް ގިނަ ކިޔެވުމަށް އެހީތެރިވެދޭ އެޕްސްތައް ވެސް ހުރެ އެވެ. މިސާލެއް ނަގަނީ ނަމަ، އިންޓަރެކްޓިވް ވާހަކަތައް ހުރެ އެވެ. ނަމަވެސް ވިސްނާލައިފި ނަމަ އެނގެނީ އެފަދަ އެޕްސް ތަކުގައި ވެސް އާންމުކޮށް ކުއްޖާ ޖެހެނީ ވާހަކައިގެ ބައެއް ނިމުމުން ވަކި ތަނަކަށް ފިއްތާލާށެވެ. އޭރުން ދެން އޮތް ޕޭޖަށް ނުވަތަ ބަޔަށް ދެ އެވެ. ނަމަވެސް ހަމަ މި ވާހަކަ ކުއްޖާއަށް މީހަކު ކިޔާދޭ ނަމަ، ކުއްޖާއާ އެކި ސުވާލުކޮށް، އެކުދިންގެ ހިޔާލު ހޯދާ، އެކުދިންނަށް ވާހަކަ ދައްކަން ފުރުސަތު ލިބި އެ ކުދިންގެ ވިސްނުމާއި ވާހަކަ ދެއްކުންތެރިކަަމުގެ ހުނަރު ފަދަ، ސްކްރީނެއްގެ ފަހަތުގައި ހުރެގެން ދަސް ނުވާނެ އެތަކެއް ހުނަރެއް ދަސްވެގެން ދާނެ އެވެ.

ވީމާ ހަގީގަތުގައި ކުދިން ސްކްރީންތަކަށް ބަލަހައްޓައިގެން ހުންނަ ގިނަ ވަގުތުތައް ވެގެން ދަނީ އެކުދިންނަށް ވަށައިގެންވާ މާހައުލަށް ދޭންޖެހޭ ސަމާލުކަން ނުދެވި، ވަށައިގެންވާ މީހުންގެ ފަރާތުން އެތަކެއް މުހިންމު ހުނަރުތަކެއް ދަސްވުމަށް ލިބޭ އަގުހުރި ވަގުތުން ގެއްލިގެންދާ ވަގުތު ތަކެއް ކަމުގައެވެ.

ކުއްޖާގެ އުޅުމަށް އަންނަ ބަދަލު

އާންމުކޮށް ބަލާ ކާޓޫން ނުވަތަ މިހާރު އާންމުކޮށް ކުދިން ބަލާ އެކި ޔޫޓީއުބް ވީޑިއޯތަކުގައި ފެންނަ ކަންތައްތަކާ އެއްގޮތަށް ކުދިންގެ އުޅުން ބަދަލުވާތަން ފެނެއެވެ. އެގޮތުން އެންމެ އާންމުކޮށް ދިވެހި މުޖުތަމައު އިން ފެންނަ މަންޒަރަކީ އިނގިރޭސިން ކުދިން ވާހަކަ ދަށްކާލޭ ފަރިތަކެމެވެ. ނަމަވެސް ފަހަގަ ކޮށްލަން ޖެހޭ ހަގީގަތަކީ ވޭތުވެދިޔަ އަހަރުގެ އޯލެވެލް ނަތީޖާއަށް ބަލާއިރު ފާހަގަ ކުރެވޭ ނިސްބަތެއް އިނގިރޭސިން ފާސް ނުވާ ކަމެވެ.

މިއިންވެސް ދައްކައިދެނީ ކުއްޖާ އިނގިރޭސިން ކުޑައިރުންސުރެން ވާހަކަ ދެއްކުމަކީ އަދި އިނގިރޭސިއަށް މޮޅުވުން ނޫން ކަމެވެ. އެހެނީ ގިނަ ފަހަރު ކުދިން ބަލާ ޔޫޓިއުބް ވީޑީއޯސް ތަކުގައި ވާހަކަ ދައްކަނީ އިނގިރޭސީގެ ގްރެމާ ހަމަތަކާ އެއްގޮތަކަށެއް ނޫނެވެ. ފާހަގަ ކޮށްލަން ބޭނުންވަ އަނެއް ކަމަކީ ގިނަ ދިރާސާތައް ހެކި ދޭ ގޮތުގައި އަމިއްލަ މާދަރީ ބަހަށް އަހުލުވެރި ނޫން ކުއްޖަކަށް ދެވަނަ ބަހެއް އޭގެ އެންމެ ފުރިހަމައަށް ނަގައިގަތުމަކީ ފަސޭހަކަމެއް ނޫނެވެ. ވީމާ ކުދިން ކުޑައިރުންސުރެ ބަލާ އެއްޗިއްސަކީ އެކުދިން ބޯޑުވަމުން އަންނަ އިރު އޭގެ އަސަރު އެ ކުދިންގެ ކިބައިން ފެންނާނެ ކަންތައްތައްކަން ގަބޫލު ކުރަންޖެހެ އެވެ.

ކުދިން ބަލާ ތަފާތު ވީޑިއޯ ތަކާ އެއްގޮތަށް އުޅުން ބަދަލުވާ ކަމުގެ އަނެއް މިސާލަކީ އެކި ވީޑިއޯ ގޭމް ކުޅޭ ކުދިންގެ ގެ އުޅުމަށް އަންނަ ނުރަގަޅު ބަދަލުތަކެވެ. އެހެނީ ހޯދުންތައް ދައްކާ ގޮތުގައި ތަޅާފޮޅުމާއި ބަޑި ޖެހުން ފަދަ ކަންކަން ހިމެނެ ގޭމްތައް ކުޑައިރުންސުރެން ކުޅޭ ކުދިންގެ އުޅުން ހަލަނިވެ، ނުރަގަޅު ބަދަލުތަކެއް އެހެން ކުދިންނާ އެކުގައި އުޅޭއިރު އަންނަކަން ފާހަގަ ކުރެވިފައިވެ އެވެ. ވީމަ ކުދިން ކުޅޭ ގޭމްތަކާއި ބަލާ ވީޑިއޯ ތަކާ މެދު ބެލެނިވެރިން އިތުރަށް ސަމާލުވާން ޖެހެ އެވެ.

ސިއްހީ މައްސަލަތައް

ހަމަ ނިދި ނުލިބުން

ގިނައިން ކޮމްޕިއުޓާ، ތީވީ، އައިޕެޑް ފަދަ ތަކެތި ބަލާ ކުދިންނަށް ހަމަ ނިދި ލިބުމަށް އުނދަގޭތަކެއް ވެއެވެ. މީގެ އެންމެ ބޮޑު އެއް ސަބަބަކީ ނިދުމުގެ ކުރިން ސްކްރީނަށް ބެލުމުގައި މަސްއޫލުވެ އުޅުމެވެ. އެހެނީ ނިދުމުގެ ކުރިން ފޯނާ ކުޅުމަކީ ބޮޑެތި މީހުންނަށްވެސް ހަމަ ނިދި ލިބުމުން މަހްރޫމު ކުރުވަނިވި ކަމަކަށްވާ އިރު ކުޑަ ކުދިންނަށް ވެސް މީގެ ނޭދެވޭ އަސަރު ކުރެ އެވެ. މިއީ ސްކްރީނަށް ބަލަހައްޓައިގެން ހުންނަ އިރު މެލެޓޮނިން ނަމަކަށް ކިޔާ ހޯމޯންއެއް ހަށިގަނޑުގައި އިތުރަށް އުފެދޭތީކަމަށް ބައެއް ތަޖުރިބާ ކާރުން ބުނެ އެވެ. ވީމާ ނިދުމުގެ އެންމެ މަދުވެގެން އެއް ގަޑި އިރު ކުރިން ސްރީނާ ދުރުވުން ވަރަށްވެސް މުހިންމެވެ. އެހެނީ ހަމަ ނިދި ނުލިބިއްޖެނަމަ އަނެއް ދުވަހުގެ މަސައްކަތަށް ބުރޫއަރާ ހާއްސަކޮށް ސްކޫލަށްދާ ކުދިންގެ ކިޔެވުމަށް އޭގެ ނުރަގަޅު އަސަރު ދިގު މުއްދަތުގައި ކުރާތަން ފެނިގެން ދިއުން ވަރަށްވެސް ގާތެވެ.

މާބޮޑަށް ފަލަވުން

ގިނައިން ޓީވީ ނުވަތަ މިފަދަ އެނޫންވެސް ވަސީލަތްތަކުން ތަފާތު އެކި ޕްރޮގްރާމްތައް ބެލުމަށް ވަގުތު ހޭދަކުރާ ކުދިން މާ ބޮޑަށް ފަލަވުމާ ގުޅުމެއްވާ ކަމަށް ގިނަ ހޯދުންތަކުން ބުނެ އެވެ. އެގޮތުން އެއްޗެއް ބަލަމުން ކާއިރު މާ ގިނައިން ކެވޭގޮތް މެދުވެރިވެ އެވެ. ވީމާ ކާ ވަގުތުގައި ސްކްރީނާ ދުރުވުމަކީ ބުއްދިވެރި ކަމެކެވެ. އެގޮތުން ކާ ވަގުތަކީ ކުދިންނާ ވާހަކަ ދައްކާ، އާއިލާއާ އެކު ހޭދަ ކުރާ ވަގުތަކަށް ހެދި ދާނެ އެވެ.

މީގެ އިތުރުންވެސް މާގިނައިން ސްކްރީނަށް ބަލަހައްޓައިގެން ހުރުމާ ގުޅިފައިވާ ސިއްހީ މައްސަލަތައް ވެއެވެ. އެގޮތުން ކުދިންގެ ލޮލަށް ކުރާ ނޭދެވޭ އަސަރަކީ އެންމެންނަށްހެން އެނގޭ މިއިން މެދިވެރި ކުރުވާ ސިއްހީ މައްސަލައެކެވެ. ދިވެހި ކުދިންގެ ތެރެއިން ނިސްބަތުން ވަރަށް ގިނަ އަދަދެއްގެ ކުދިން އައިނު އަޅަށް މެދުވެރިކުރުވާ އެއް ސަބަބު ކަމުގައި ވެސް މިކަން ވުން އެކަށޭނަ އެވެ. މީގެ އިތުރުން ވެސް ކުދިން ހެދި ބޮޑު ވުމުގައި މުހިންމު ދައުރެއް އަދާ ކުރާ އަނެއް ކަމަކީ އެހެން ކުދިންނާ އެކު ވަގުތު ހޭދަކޮށް ކުޅެ، ހެލި ފެލިވެ އުޅުމެވެ. މިއީ ވެސް ހުސްވަގުތުގައި އަމަލީ ގޮތުން ކުޅެ އުޅުމެގެ ބަދަލުގައި ޓެބްލެޓް ފަދަ ތަކެއްޗާ ކުޅުމުން ގެއްލިގެންދާ ފުރުސަތެކެވެ.

ކަން މިހެން ހުރިނަމަވެސް ޓެކްނޮލޮޖީގެ މި ވަސީލަތްތަކަކީ މުޅިން ނުރަގަޅު އެއްޗެކޭ ނުބުނެވޭނެ އެވެ. އެހެނީ އެއް ދުވަހުން އަނެއް ދުވަހަށް އެޑިއުކޭޝަނަލް އެކި އެކި އެޕްސްތަކާއި ކުދިންގެ ކިޔެވުމުގައި އެހީތެރިވެދޭނެ އެކި އެކި ޕްރޮގްރާމްތަކާއި ވެބްސައިޓްތައް އަންނަނީ ތައާރަފް ވަމުންނެވެ. އެހެނީ މިއަދުގެ ކުދިންނަކީ ޓެކްނޮލޮޖީއަށް އަހުލުވެރި ބަޔަކަށްވެސް ވާންޖެހެ އެވެ. ވީމާ މި ވަސީލަތްތަކުން ކުދިންނަށް ކޮށްފާނެ ނޭދެވޭ އަސަރު ތަކާ މެދު ހޭލުން ތެރިވެ، އުސޫލުތަކަކާއި މިންގަނޑުތަކެއްގެ ދަށުން މި ވަސީލަތްތަކާ ކުދިން އަހުލުވެރި ކުރުމަކީ ވެސް ބެލެނިވެރިން ގެ ޒިންމާއެއް ކަމަށް ދެކެމެވެ.

ސްކްރީން ޓައިމް ވަކި މިނެއްގައި ހިފެހެއްޓުމަށް ކުރެވިދާނެ ކަންތައްތައް

  • 18 މަހަށް ވުރެން ކުޑަ ކުދިންނަށް ސްކްރީން ވީހާވެސް ނުދެއްކުން
  • 18 މަހާއި 24 މަހުގެ ކުދިންނަށް އެޑިއުކޭޝަނަލް ވީޑިއޯސް ބެލެނިވެރިންނަ އެކު (ކުދިންނާ އެ ވީޑިއޯއާ ބެހޭ ގޮތުން ވާހަކަ ދައްކާ ހަދަމުން) ބެލިދާނެ
  • 2 އަހަރާއި 5 އަހަރާ ދެމެދުގެ ކުދިން އެކުދިންގެ އުމުރާ ގުޅޭ ޕްރޮގްރާމްތައް ދުވާޅަކު އެންމެ ގިނަވެގެން އެއްގަޑި އިރަށް ބެލިދާނެ
  • 6 އަހަރުން މަތީގެ ކުޑަ ކުދިންނަށް ކޮންމެ ދުވަހަކު ވެސް ވަކި ވަގުތެއް ކަނޑައެޅިދާނެ، އެއީ އެކުދިންގެ ނިންޖައް ބުރޫނާރާނެ ވަގުތެއް ކަމުގައި ހެދުން މުހިންމު
  • ކާގަޑި ތަކުގަޔާއި ނިދުމުގެ ކުރިން އެއްވެސް އެއްޗެއް ބެލިޔަ ނުދިނުން
  • ކުދިންނަށް ގަވައިދުން އެކްސަސައިޒް ކުރުނ ފަދަ ހެލި ފެލިވެ އުޅެވޭނެ ފަދަ ކުޅިވަރެއްގައި ބައިވެރި ކުރުން
  • ކުދިންގެ ގެންގުޅޭ ޓެބްލެޓްފަދަ ތަކެތި ބަލާ އެތަކެއްޗަށް އަޅާ އެޕްސްތަކާއި ޕްރޮގްރާމްތައް ބެލެނިވެރިން ބެލުން
  • ކުދިންނާ އެކު ވީހާވެސް ގިނަ ވަގުތު ހޭދަކޮށް ވާހަކަ ދައްކާ ކަންކަން ހިއްސާކޮށް އަޅާލުން