ދިވެހި ޓޫރިޒަމްގައި އަމިއްލަ ފަރާތްތަކުގެ ކާމިޔާބު ކިތަންމެ ސްޓޯރީއެއް އެބަހުއްޓެވެ. އަމިއްލަ ވިޔަފާރިވެރިންގެ ބުރަ މަސައްކަތަކުން ކޮޅަށްޖެހި ދުނިޔޭގެ މަގުބޫލު ބްރޭންޑް "މޯލްޑިވްސް" ސްޓޯރީ ފުރިހަމަވަނީވެސް ހުރިހާ ސްޓޯރީއެއް އެއްކޮށްލުމުންނެވެ. ދިވެހި ވިޔަފާރިވެރިން ޓޫރިޒަމަށް ކޮށްދިން ހިދުމަތްތަކާއި ގެނެސްދިން ޒަމާނީ ބަދަލުތަކުގެ ވާހަކަ މުޅި ދުނިޔެ ވެސް ކިޔަނީ ޝައުގުވެރިކަމާއެކުގަ އެވެ. ދިވެހި ޓޫރިޒަމް 50 އަހަރާ ދިމާއަށް ދަތުރުކުރާއިރު، ސަރުކާރު ކުންފުންޏަކުން މި ދާއިރާގައި ކުރި ކާމިޔާބު މަސައްކަތެއްގެ ސްޓޯރީއެއް ނެތެވެ. އޮތްނަމަ އޮތީ ސަރުކާރު ކުންފުންޏަކުން މަސައްކަތެއް ފަށައި ކޮންމެވެސް ސަބަބަކާ ލައިގެން ހުއްޓުނު ގޮތުގެ ސްޓޯރީ އެވެ. އެ މަޝްރޫއެއް ފޭލުވި ގޮތުގައި ސްޓޯރީ އެވެ. އަމިއްލަ މީހުން ކާމިޔާބުކަމާއެކު މަސައްކަތް ކުރާއިރު ސަރުކާރު ކުންފުނިތައް ފޭލިވަނީ ކީއްވެގެން ހެއްޔެވެ؟ ސަރުކާރު ކުންފުނިތަކަށް މަދުވަނީ ކޯންޗެއް ހެއްޔެވެ؟
ހޮޓެލް އެންޑް ރިސޯޓް ކޮންސްޓްރަކްޝަން (އެޗްއާރްސީ) ގެ ޗެއާމަން މުހައްމަދު އަލީ ޖަނާހު (ޖަނާ) ވިދާޅުވި ގޮތުގައި އަބަދުވެސް އެންމެ މުހިންމު ކަމަކީ ރަނގަޅު ބިޒްނަސް މޮޑެލްގައި މަސައްކަތް ކުރުމާއި ކޮރަޕްޝަނާއި ނުލައި މަސައްކަތް ކުރުމެވެ. އަދި ރަނގަޅު ވަގުތުގައި ރަނގަޅު ޑިސިޝަން ނެގުމެވެ.
"އެކަމަކު ސަރުކާރުން ހިންގާ މި ފަދަ މަސައްކަތްތަކުގައި ވާގޮތަކީ، އަމިއްލަ އިންޓްރެސްޓް ވަންނަނީ. ޕްރައިވެޓް ސެކްޓާގައި ޑެޑިކޭޝަންއާއެކު، ވަގުތު ދީގެން މަސައްކަތް ކުރޭ. ސަރުކާރު ކުންފުނިތަކަށް ޓޫރިޒަމް ސިނާއަތުގައި ކާމިޔާބު ނުވާ ސަބަބަކީ އެއީ،" ބޭރުގެ އިންވެސްޓަރުންނާ ގުޅިގެން ކާމިޔާބުކަމާއެކު ޓޫރިޒަމްގެ ގިނަ މަޝްރޫއުތަކެއް ހިންގަމުން ގެންދާ ޖަނާ ވިދާޅުވި އެވެ.
ސަރުކާރު ކުންފުނިތައް ޓޫރިޒަމަށް ވަންނަން މަދުވަކީ ކޯންޗެއް ހެއްޔެވެ؟ ތަޖުރިބާ ހެއްޔެވެ؟ އިހުލާސްތެރިކަން ހެއްޔެވެ؟ ވަގުތު ދިނުން ހެއްޔެވެ؟ މިއިން ކޮންމެ ގޮތެއްގައި ބެލިއަސް ވަސީލަތްތަކާއި މީހުންނާ ހުރި ފުރުސަތު ތަކަށް ބަލާއިރު ޓޫރިޒަމްގައި އެންމެ ބޮޑަށް އިންވެސްޓް ކުރެވޭނީ ސަރުކާރު ކުންފުނި ތަކަށެވެ. ރަންބިސް އަޅާ ކުކުޅު ކޮށީގައި އިންވެސްޓް ކުރެވިއްޖެނަމ ހަމަ ގައިމު ވެސް ކުންފުނިތަކުގެ ހިއްސާ ގަނެގެން ތިބި ހިއްސާދާރުން އުފާވަރުގެ ނަތީޖާއެއް ނެރެވިދާނެ އެވެ. ނަމަވެސް މިވީހާ ދުވަހު ސަރުކާރު ކުންފުންޏެއް ޓޫރިޒަމަށް ނުކުންނަން ކުރި މަސައްކަތް އޮތީ ބޮޑު ތަނުން ފޭލިވެފަ އެވެ. މީގެ އެތައް ސްޓޯރީއެއް މިދިޔަ 15 ވަރަކަށް އަހަރުގެ ތެރޭގައި ވެސް ލިޔެވިއްޖެ އެވެ.
އެމްޓީޑީސީ ބޮޑު ފޭލިން ފޭލި!
ސަރުކާރު ކުންފުންޏަކުން ޓޫރިޒަމްގައި އިންވެސްޓް ކުރަން އެންމެ ދިގު ތާރީހެއް މިވަގުތަށް އޮތީ، މޯލްޑިވްސް ޓޫރިޒަމް ޑިވްލޮޕްމަންޓް ކޯޕަރޭޝަން (އެމްޓީޑީސީ) ގަ އެވެ. އަދި އެންމެން ދަންނަ ވާހަކަ އަށް ވެސް ވަނީ ހަމަ އެ ވާހަކަ އެވެ. ރައީސް މައުމޫނުގެ ވެރިކަމުގައި އެމްޓީޑީސީ އުފެއްދީ ސަރުކާރު ކުންފުންޏަކުން ޓޫރިޒަމް ވިޔަފާރިކޮށް އޭގެ ފައިދާ ރައްޔިތުންނަށް ހޯދައިދިނުމަށެވެ.
އެ މަގުސަދުގައި ސަރުކާރުން 15 ރަށެއް އެމްޓީޑީސީއާ ހަވާލު ކުރި އެވެ. އަދި ބައެއް ރަށްތައް ހިންގޭތޯ މަސައްކަތް ކުރި އެވެ. އަދި ހއ. އުލިގަމް ފަދަ ރަށްރަށުން ބިން ނަގައިގެން ހޮޓާ ތަރައްގީ ކުރުމުގެ އަމަލީ މަސައްކަތް ވެސް ފެށި އެވެ. ނަމަވެސް އާހިރުގައި އެ ކުންފުންޏަށް ވެސް އެކަން ކާމިޔާބުވާ ގޮތެއް އޮތީ ނުވެފަ އެވެ. އަދި މިއާއެކު ރާއްޖޭގެ ހިއްސާގެ ބާޒާރުގައި އިންވެސްޓްކޮށްފައިވާ މި ކުންފުނީގެ ހިއްސާދާރުންނަށް ކުންފުނީގެ ޗާލާކީ ދުވަސްވަރު އެއްޗެއް ލިބުނު ނަމަވެސް، ހުސްއަތާ މާލީ ރިޕޯޓް ކިޔަން ތިބެން ޖެހޭތާ ލައްކަ ޒަމާން ވެއްޖެ އެވެ.
އެމްޓީޑީސީގެ މެނޭޖިން ޑިރެކްޓަރުކަން ކުރިން ކުރެއްވި އެއް ބޭފުޅަކު އޭނާގެ ނަން ޝާއިއު ނުކުރެއްވުމަށް އެދިވަޑައިގެން ވިދާޅުވި ގޮތުގައި ޓޫރިޒަމްގެ ތެރެއިން އެމްޓީޑީސީއަށް ކުރިޔަށް ދެމިނުގަނެވުމުގެ މައިގަނޑު ޒިންމާ އުލުފަން ޖެހެނީ ސަރުކާރެވެ. އަދި އޭގައި ރާއްޖޭގެ އެންމެ ބޮޑެތި ބައެއް ވިޔަފާރިވެރިންގެ ޒިންމާވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވެ އެވެ.
"ސަރުކާރުން ދޭން ޖެހޭ އެކަށީގެންވާ އެއްބާރުލުން ހަގީގަތުގައި ނުލިބުން އެންމެ ބޮޑު މައްސަލައަކަށް އެމްޓީޑީސީއަށް ދިމާވީ. އަދި ޓޫރިޒަމަށް ރަށް ދޫކުރުމުގެ އުސޫލަށް ބަދަލު ގެނައުމުން ކުންފުންޏަށް ހިރިލެވޭނެ ގޮތެއް ނުވީ. އެހެންވެ، ކާމިޔާބު ނުވަނީ. އޭގެ ގެއްލުން އަދިވެސް އެ ކުންފުނި ތަހައްމަލް ކުރަން ޖެހިފައި އެވަނީ،" އޭނާ ވިދާޅުވި އެވެ.
އެމްއައިޓީޑީސީ ކޮރަޕްޝަނާއެކު ހުލި
މެދު ފަންތީގެ އެނދު ތަކެއް ތަރައްގީ ކުރަން ސަރުކާރުން މޯލްޑިވްސް އިންޓަގްރޭޓެޑް ޓޫރިޒަމް ޑިވްލޮޕްމެންޓް ކޯޕަރޭޝަން (އެމްއައިޓީޑީސީ) އުފެއްދީ 2017 ވަނަ އަހަރު އެވެ. މައިގަނޑު މަގުސަދަކީ ރާއްޖޭގެ ޓޫރިޒަމްގައި ނެތް އިންޓަގްރޭޓެޑް ޓޫރިޒަމް މޮޑެލެއް ގެނައުމެވެ. ޓޫރިޒަމަށް އާ ރަހައެއް ގެނައުމެވެ.
އެއީ ކިތަންމެހާވެސް ރަނގަޅު މޮޑެލެކެވެ. ސަބަބަކީ އާއްމުކޮށް ރިސޯޓުތަކުގައި އެއް ޕްރޮޕަޓީއަކުން މުޅި މަޝްރޫއު މެނޭޖުކުރާ ގޮތުގެ ބަދަލުގައި ގިނަ ބަޔަކަށް ފައިދާ ކުރާނެ ގޮތަށް ބައިތަކެއް ހަވާލު ކޮށްގެން ހިންގާ މޮޑެލްއެއް ރާއްޖެއަށް ގެނެވޭނެ އެވެ.
މި މަގުސަދަދުގައި އެމްއައިޓީޑީސީއިން ފެށި ފުރަތަމަ މަޝްރޫއަކީ ލ. ބަރެސްދޫގައި ގެސްޓްހައުސް އައިލެންޑުގެ ނަމުގައި މަޝްރޫއެއް ހިންގުމެވެ. އަދި އެކަން ކުރުމަށްޓަކައި ގިނަ އަދަދެއްގެ ވިޔަފާރިވެރިންނަށް ބިން ދޫކޮށް އެޑްވާންސް ފައިސާ ވެސް ވަނީ ނަގާފަ އެވެ. ނަމަވެސް، އޭގެ ފަހުން އަޑުއިވިގެން ދިޔައީ ކ. ކާށިދޫ އާއި އައްޑޫގައި ވެސް މިފަދަ މަޝްރޫއު ތަކެއް ފަށަން ނިންމި ވާހަކަ އެވެ. އެ ފަހަރު ވާހަކަ ފެތުރު ގޮތުން ހީވީހަމަ ދެންމެދެންމެ ފެށިދާނެ ހެނެވެ. ނަމަވެސް ކާށިދޫ މަޝްރޫއަށް މިލިއަނެއްހާ ޑޮލަރު ހޭދަކޮށްގެން ފެންނަން ހުރީ އެންމެ އިމާރާތެކެވެ.
އެ ކުންފުނި އުފެއްދިތާ ތިން އަހަރު ފަހުން މަންޒަރު މުޅިން ބަދަލުވެއްޖެ އެވެ. ކުންފުނިން ހިންގި މަޝްރޫއުތައް ޕޭޕަރުން ކާމިޔާބު ކަމަށް ދެއްވި ނަމަވެސް މަޝްރޫއުތައް އޮތީ ބޮޑު އޮޅުން ބޮޅުން ގަނޑެއްގެތެރޭގަ އެވެ. ސަރުކާރު ކުންފުނީގެ މި މަޝްރޫއާމެދު އިންވެސްޓަރުން ތިބީ އުންމީދު ކަނޑާލާ ހިސާބުގަ އެވެ.
އެމްއައިޓީޑީސީގެ އާ މެނޭޖިން ޑިރެކްޓަރު، މުހައްމަދު ރާއިދު ވިދާޅުވި ގޮތުގައި ނިމިދިޔަ ސަރުކާރުގައި އެ ކުންފުނިން ކުރިއަށް ގެންދިޔަ ދެ މަޝްރޫއު އަށް ނެގި ފައިސާ އަށް ވީނުވީއެއް ނޭނގެ އެވެ. ކުންފުނީގެ ފައިސާ ހޭދަކޮށްފައި ވަނީ މާލިއްޔަތު ގާނޫނާއި ކުންފުނީގެ ހިސާބު ބަލަހައްޓަން ޖެހޭ ގޮތްކާވެސް މުޅިން ހިލާފަށެވެ.
އުންމީދީ ކުންފުނީގެ، މިހާރުގެ މާލީ ހިސާބުތައް ދައްކާ ގޮތުގައި ހަމައެކަނި އޮތީ 25 މިލިއަން ރުފިޔާގެ ދަރަންޏެކެވެ. އެ ކުންފުނިން އާއްމު ކުރި ތަފާސް ހިސާބުތައް ދައްކާ ގޮތުން ކުންފުނިން އެމްއެމްޕީއާރުސީ އަށް 34 މިލިއަން ރުފިޔާ ވަނީ ލިބިފަ އެވެ. އަދި މީގެ ތެރެއިން 14 މިލިއަން ރުފިޔާ ވަނީ އެމްއައިޓީޑީސީ އަށް ބަދަލުވި ފަހުން އެ ކުންފުންޏަށް ދީފަ އެވެ. މި ފައިސާގެ ތެރޭގައި ހިމެނެނީ ބިޑް އިންކަމްގެ ގޮތުގައި ލިބުނު 319،018ރ. އާއި ބިމުގެ އެޑްވާންސް ފައިސާ ގޮތުގައި އެމްއައިޓީސީ އަށް ލިބުނު 20 މިލިއަން ރުފިޔާ އެވެ. އަދި މިހާތަނަށް މުޅި މަޝްރޫއަށް އެ ކުންފުންޏަށް ވަނީ 55 މިލިއަން ރުފިޔާ ލިބިފަ އެވެ.
ރާއިދު ވިދާޅުވި ގޮތުގައި ބަރެސްދޫ މަޝްރޫއަށް އެކި ވިޔަފާރި ތަކުން ދިން ފައިސާއަށް އެއްވެސް ގުޅުމެއް ނެތް ކަންކަމަށް ވެސް ފައިސާ ހޭދަކޮށްފައިވެ އެވެ. އެގޮތުން ޕްރޮޖެކްޓުގެ ބޭރުން ނުވަ މިލިއަން ރުފިޔާ ހޭދަކޮށްފައިވެ އެވެ.
ހުޅުމާލޭގައި އެޅި ވާނުވާ ނޭނގޭ ހޮޓާ!
ރާއްޖެއަށް އެތެރެކުރާ ބޭހާއި ތެލަށް ބަރޯސާވެފައިވާ އެސްޓީއޯއަށް އަބަދު ވެސް ބޭރު ފައިސާގެ ދަތިކަން އޮވެ އެވެ. އެހެންވެ އެ ކުންފުނިން 2007 ވަނަ އަހަރު ޓޫރިޒަމަށް ނުކުންނަން މަސައްކަތް ކޮށްފަ އެވެ. އެ މަގުސަދުގައި އެމެރިކާގެ ކާލްސަން ގްރޫޕާއެކު "ރެޑިސަން ބްލޫ" ގެ ނަމުގައި ހޮޓަލެއް ތަރައްގީ ކުރުމުގެ މަސައްކަތް ފެށި އެވެ. ހޮޓަލުގެ މަސައްކަތް ހަލުވިކޮށް ހުޅުވާނެ ތާރީހު ވެސް ފައިނަލް ކުރި އެވެ. ނަމަވެސް އެ މަޝްރޫއު ވެސް ކުރިއަށްދާ ގޮތެއް ނުވި އެވެ.
މި މަޝްރޫއުގެ ދަށުން ހުޅުމާލޭގައި އަޅަން ނިންމާފައިވާ 250 ކޮޓަރީގެ ހޮޓަލަށް ވަނީ ބޮޑު ހޭދައެއް ކޮށްފަ އެވެ. މި ހޮޓަލުގެ މަޝްރޫއު ފަށައިގެންފައިވަނީ 60 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ. މި މަސައްކަތް ފެށުންވެސް ފުރަތަމަ ދިޔައީ ގޯސްކޮށެވެ. އެއް ސަބަބަކީ ހުޅުމާލޭގައި އޭރު ހުރި ބިމު ކުއްޔަށްވުރެ ބޮޑު އަގެއްގައި ހޮޓާ އަޅަން ބިން ނެގުމެވެ. ތަޖުރިބާކާރުންގެ ނަޒަރުގައި އެ މަސައްކަތް ފެއިލްވުމުގެ މައިގަނޑު ސަބަބަކީ އެއީ އެވެ.
އެ ކުންފުނީގެ އަހަރީ އާއްމު ޖަލްސާގައި މެނޭޖިން ޑިރެކްޓަރު ހުސެއިން އަމްރު ވިދާޅުވި ގޮތުގައި ފުރަތަމަ ކުލީގެ ގޮތުގައި ދައްކަން އެއްބަސްވެފައިވަނީ ބޮޑު އަދަދު ބޮޑުކަން ރިއަލައިޒް ވެގެނެވެ. އެ އަދަދު ދަށްކުރި އެވެ.
"އެ އަދަދު [އެޗްޑީސީ އަށް ދައްކަން ޖެހުނު] އަދަދަކީ ފީސިބަލް އަދަދަކަށް ނުވާތީ، 2014 ވަނަ އަހަރު އެއްބަސްވި އެނދަކަށް 2400 ޑޮލަރު، އަހަރު 1.2 މިލިއަން ޑޮލަރު ދައްކަން. ކުޑަކުރީ،" އަމްރު ވިދާޅުވި އެވެ.
ފަހުންވެސް މި ހޮޓަލުގެ މަސައްކަތް ކުރިއަށް ގެންދެވޭތޯ އެސްޓީއޯއިން ބެލި އެވެ. އެކަން ކުރުމަށްޓަކައި ތައި އެގްޒިމް ބޭންކުން ލޯނު ނަގައިގެން މަސައްކަތް ކުރި އެވެ. ނަމަވެސް މިފަހަރު މިކަން ހުއްޓުވީ ސަރުކާރުންނެވެ. އޭރު ހޮޓަލުގެ 55 ޕަސެންޓް އޮތީ ނިމިފަ އެވެ. ނަމަވެސް 2014 ވަނަ އަހަރު ރައީސް އަބްދުﷲ ޔާމީންގެ ސަރުކާރުގައި ރައީސް އޮފީހުން އަންގައިގެން މަސައްކަތް ހުއްޓާލި އެވެ. ދެން ރައީސް އޮފީހުން 2015 ވަނަ އަހަރު ސިޓީއެއް އައީ ހޮޓާ ވިއްކާލާށެވެ. މިއީ މި މަޝްރޫއަށް މައްސަލަ ދިމާވި އަނެއް ސަބަބެވެ. އެހެންވެ އަދިއަދަށްދާންދެން ވެސް ހޮޓަލުގެ މަސައްކަތް އޮތީ ހުއްޓިފަ އެވެ. ނަމަވެސް އެސްޓީއޯއިން އަދިވެސް މަސައްކަތް ކުރަނީ އެ މަސައްކަތް ކާމިޔާބު ކުރުމެވެ.
ކޮންމެއަކަސް ސަރުކާރު ކުންފުނި ތަކުން ޓޫރިޒަމްގެ ތެރެއަށް ނުކުނަން ލައްކަ މަސައްކަތް ކޮށްފި އެވެ. އެކަމަކު އަދި ސަރުކާރު ކުންފުންޏަކުން ފެށި ޓޫރިޒަމްގެ މަސައްކަތެއް ކާމިޔާބުވާ ގޮތެއް ނުވެ އެވެ. ރާއްޖޭގެ ޓޫރިޒަމްގެ އެނދުގެ އަދަދު ބައިލައްކަ އަށް އަރާއިރު ސަރުކާރު ކުންފުންޏެއްގެ އެންމެ ޓޫރިސްޓު އެނދެއްވެސް ނެތެެ. އަދި ސަރުކާރު ކުންފުންޏަކުން ޓޫރިޒަމްގައި ކުރި ކާމިޔާބު ޓޫރިޒަމް ވާހަކައެއްގެ އެންމެ ސަފުހާއެއްވެސް ފޮތަކުން ފެންނާކަށް ނެތެވެ. އެހެންވެ، ސަރުކާރު ކުންފުނިތަކުގެ ޓޫރިޒަމް ވާހަކަ މީހުން ކިޔާ ހިތެއްނެތެވެ.