ދުނިޔެ

ނޭމާގެ މައްޗަށް ރޭޕުގެ ތުހުމަތު

ބްރެޒިލްގެ މަޝްހޫރު ފުޓްބޯޅަ ކުޅުންތެރިޔާ ނޭމާ ޑަސިލްވާ ސަންތޯސް ގަދަކަމުން އަންހެނަކަށް ޖިންސީ ގޯނާ ކުރިކަމުގެ މައްސަލައެއް ފެންމަތި ވެއްޖެ އެވެ.

ބްރެޒިލްގެ ސައޮ ޕައޮލޯގައި ފައިލްކޮށްފައިވާ ޕޮލިސް ރިޕޯޓެއްގައި ވާގޮތުން ނޭމާ އެ އަންހެން މީހާއަށް ހަމަލާ ދީފައިވަނީ ނޭމާ ޕެރިސް ސެއިންޓް-ޖާމެއިން (ޕީއެސްޖީ)އަށް ކުޅެމުންދާ ސިޓީގެ ހޮޓަލެއްގެ ތެރޭގަ އެވެ.

އެ ތުހުމަތުގެ ގުޅިގެން މިވަގުތު ގައުމީ ޓީމާއެކު ޓްރޭނިންގް ނަގަން ބްރެޒިލްގައި ހުރި ފުޓުބޯޅަ ކުޅުންތެރިޔާގެ އެއްވެސް ޖަވާބެއް ލިބިފައެއް ނުވެއެވެ.

ޕޮލިސް ރިޕޯޓުގައި ވާގޮތުން ނަން ހާމަކޮށްފައި ނުވާ އެ އަންހެން މީހާ ނޭމާއާއި ބައްދަލުވީ ސޯޝަލް މީޑިއާ އެޕް އިންސްޓަގްރާމުން ނެވެ. އެއަށް ފަހު ދެމީހުން ޕެރިސްގައި ދިމާވެލަން ނޭމާ އެދުނެވެ. ރިޕޯޓުގައި ވާގޮތުން ބްރެޒިލް އިން ފްރާންސްއަށް ދާން ޓިކެޓް ނަގައިދީ ޕެރިސްގެ އަގުބޮޑު ހޮޓަލެއްގައި ރިޒަވޭޝަން ހައްދައިދިނީ ވެސް ނޭމާ އެވެ.

މެއި މަހުގެ 15 ވަނަ ދުވަހު ނޭމާ އެ ހޮޓަލަށް ދިޔައިރު އޭނަ ހުރީ ރާބޮއެގެން މަސްތުވެފައި ކަމަށް އަންހެން މީހާ ބުނެފައި ވެއެވެ. އަދި ކުޑަ ވަގުތުކޮޅެއް ވަންދެން ވާހަކަ ދެއްކުމަށް ފަހު ނޭމާ އޭނައާއި ގައިގޯޅިވެ ކުއްލިއަކަށް ހަރުކަށިވާން ފެށިކަމަށް އަންހެން މީހާ ބުނެއެވެ. އެއަށް ފަހު ނޭމާ އޭނައަށް އަނިޔާކޮށް ގަދަކަމުން ޖިންސީ ގުޅުން ހިންގި ކަމަށް ރިޕޯޓުގައި ވެއެވެ.

އަންހެން މީހާ ދީފައިވާ ބަޔާނުގައި ވާގޮތުން އޭގެ ދެ ދުވަސް ފަހުން ޕެރިހުގެ ޕޮލިހުގައި އެ މައްސަލަ ނުޖައްސާ އަންހެން މީހާ އެނބުރި ބްރެޒިލްއަށް ދިޔައީ އޭނައަށް ލިބިފައި ހުރި ޝޮކެއްގެ ބޮޑުކަމުންނާއި ގޮތް ނޭނގޭ ބޭރު ގައުމެއްގައި އެ މައްސަލަ ޖައްސަން ނުކެރިންގެން ނެވެ.

ޕޮލިހުގައި ޖައްސާފައިވާ މައްސަލައާއި ގުޅިގެން ނޭމާގެ ބައްޕަ އަދި އެޖެންޓު ބްރެޒިލްގެ ބޭންޑް ޓީވީއަށް ދިން އިންޓަވިއުގައި ބުނަނީ އެ މައްސަލައަކީ ރޭވުމެއްގެ ތެރެއިން ކުރިއަށްދާ ކަމެއްކަން ވަރަށް ސާފުކޮށް އެންގެން އެބައޮތް ކަމަށެވެ.

އަދި އެ މައްސަލައިގެ ހަގީގަތް ހާމަ ނުކުރެވިއްޖެ ހާލަތެއްގައި މައްސަލަ ވަރަށް ގޯސްވެގެން ދާނެކަން އެނގޭއިރު މުޖުތަމައުއިން ނޭމާއާމެދު ދެކޭގޮތް ވެސް ބަދަލުވެގެން ދާނެކަން ދަންނަ ކަމަށް އޭނާ ބުނެއެވެ.

އެހެންވުމުން ނޭމާގެ ކުށެއް ނެތްކަން ޔަގީންކޮށްދޭން އަންހެން މީހާއާއި ނޭމާއާއި ދެމެދު ވަޓްސްއެޕް އަދި އިންސްޓަގްރާމްގައި ކޮށްފައިވާ މުއާމަލާތްތައް ދައްކަން ޖެހިއްޖެ ހާލަތެއްގައި އެކަން ކުރަން ތައްޔާރަށް ތިބި ކަމަށް ވެސް އޭނާ ބުނެއެވެ.