ދުނިޔެ

ލައިބީރިއާ: ރޭޕް އިތުރުވުން ގައުމީ ނުރައްކަލެއް ކަމަށް ކަނޑައަޅައިފި

Sep 13, 2020
1

މޮންރޯވިއާ (ސެޕްޓެމްބަރު 13) - ލައިބީރިއާގައި ރޭޕާއި ޖިންސީ ގޯނާގެ މައްސަލަތައް އިންތިހާއަށް އިތުރުވުމާ ގުޅިގެން އެކަން ގައުމީ ކުއްލި ނުރައްކަލެއްގެ ގޮތުގައި އެ ގައުމުގެ ރައީސް ޖޯޖް ވެއާ ކަނޑައަޅުއްވައިފި އެވެ.

ލައިބީރިއާގެ ރައީސް އެ ނިންމުން ނިންމަވާފައިވަނީ، ރޭޕްގެ މައްސަލަތައް އިންތިހާއަށް އިތުރުވުމާ ދެކޮޅަށް އެތަކެއް ހާސް އާއްމު ރައްޔިތުން ވެރިރަށް މޮންރޯވިއާގައި ނުކުމެ މުޒާހަރާކޮށްފައިވަނި ކޮށެވެ.

ރައީސް ވެއާ ވިދާޅުވީ ރޭޕް މައްސަލަތަކަށް ހާއްސަ ޕްރޮސެކިޔުޓަރެއް އައްޔަނު ކުރައްވާނެކަމަށާއި، ޖިންސީ ގޯނާ ކޮށްފައިވާ މީހުން ރެޖިސްޓްރީ އެއް ވެސް އެކުލަވާލައްވާނެ ކަމަށެވެ.

އޭގެ އިތުރުން، ޖިންސީ ގޯނާގެ މައްސަލަތަކާ ދެކޮޅަށް ނެޝަނަލް ޓާސްކް ފޯހެއް އެކުލަވާލާނެކަމަށްވެސް ސަރުކާރުން ބުނެފައިވެ އެވެ.

ރޭޕްގެ މައްސަލަތައް އަބަދުވެސް ގިނަ ލައިބީރިއާގައި، 2015 ވަނަ އަހަރު 800 އަށް ވުރެ ގިނަ ޖިންސީ ގޯނާގެ މައްސަލަތައް ރިޕޯޓުކޮށްފައިވާއިރު، ހުކުމަކާ ހަމައަށް ގޮސްފައިވަނީ އޭގެ ތެރެއިން އެންމެ ދެ ޕަސަންޓް ކަމަށް އދ. އިން ވިދިގެން އައި އަަހަރު ނެރުނު ރިޕޯޓެއްގައި ފާހަގަކޮށްފައިވެ އެވެ.

ނަމަވެސް، މިއަހަރު ޖިންސީ ގޯނާގެ މައްސަލަތައް ވަނީ ފިއްކަނޑައިގެންދާ މިންވަރަށް އިތުރުވެފަ އެވެ.

އެގޮތުން، ލައިބީރިއާގައި އަންހެނުންގެ ހައްގުގައި މަސައްކަތްކުރާ މަދަނީ ޖަމިއްޔާއަކުން ބުނެފައިވަނީ، މިދިއަ ޖޫން މަހުން ފެށިގެން އޯގަސްޓްގެ ނިޔަލަށް 600 އެއްހާ ރޭޕްގެ މައްސަލަ ރެކޯޑްކުރެވިފައިވާ ކަމަށެވެ.

އެއީ މިދިއަ މެއި މަހާ އަޅާބަލާއިރު، 80 އާއި 100 އާ ދެމެދުގެ އިތުރުވުމެއްކަމަށް އެ ޖަމިއްޔާ އިން ބުންޏެވެ.