ދުނިޔެ

ފިއްތައިގެން އެއްބަސްވުމަކަށް ނުދެވޭނެ: ޗައިނާ

އެމެރިކާއިން ޗައިނާއަށް ފިއްތުންތައް ކުރިމަތިކޮށްގެން ވިޔަފާރި އެއްބަސްވުމަކާއި ހަމައަށް ވާސިލް ނުވެވޭނެ ކަމަށް ޗައިނާގެ އިސް އޮފިޝަލަކު މިއަދު ވިދާޅުވެއްޖެ އެވެ. ކުރިއަށް އޮތް ޖީ-20 ސަމިޓުގައި ދެ ގައުމުން ބައްދަލުކޮށް އެއްބަސްވުމަކާއި ހަމައަށް ދިއުމަށް މަސައްކަތް ކުރާނެ ކަމާމެދު ވެސް މިހާރު ގިނަ ބަޔަކަށް ވަނީ ސުވާލުތައް އުފެދިފަ އެވެ.

ޗައިނާއިން އެ ގައުމުގެ އިގްތިސޯދީ ކަންކަން ރަނގަޅު ކުރާނެ ކަމަށް ވެފައިވާ ވައުދުތަކާއި ހިލާފު ވެފައިވާ ކަމަށް މިދިޔަ މަހު އެމެރިކާއިން ތުހުމަތު ކުރުމާއި ގުޅިގެން ދެ ގައުމުގެ މަޝްރަހު ވަނީ ހަލަބޮލިވެފަ އެވެ.

މައްސަލަ އިތުރަށް ހޫނު ވެފައިވަނީ އެމެރިކާއިން ޗައިނާގެ 200 ބިލިއަން ޑޮލަރުގެ މުދަލުން 25 ޕަސެންޓުގެ ޑިއުޓީ ނަގަން ފެށުމާއި ގުޅިގެން ނެވެ.

ކުއްލި ގޮތަކަށް އިންތިޒާމްކުރި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗައިނާގެ ކޮމާސް މިނިސްޓަރުގެ ނައިބު ވާންގް ޝޮއުވެން ވިދާޅުވީ ވައުދުތަކާއި ހިލާފުވެފައި ވަނީ ޗައިނާއިން ކަމަށް އެމެރިކާއިން ބުނާ ބުނުމަކީ ވަރަށް ދޯދިޔާ ވާހަކައެއް ކަމަށެވެ.

"އެމެރިކާއިން ބޭނުންވަނީ ފިއްތުންތައް ކުރިމަތިކޮށް، ދަތިކުރުމުގެ ފިޔަވަޅުތައް އަޅާ އެމެރިކާއަށް އެންމެ ފައިދާވާނެ ގޮތަށް ވިޔަފާރީގެ އެއްބަސްވުންތައް ނިންމުން ކަމަށް ވަނީނަމަ އެކަންތައް އެގޮތަށް ނިންމޭކަށް ނެތް. ހުރިހާ ފަރާތަކުން އެއްބަސް ނުވާހާ ހިނދަކު އެއްވެސް ކަމަކާ އެއްބަހެއް ނުވެވޭނެ" އެމެރިކާއާއެކު ޗައިނާއިން ވިޔަފާރީގެ މަޝްވަރާތައް ކުރާ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޝޮއުވެން ވިދާޅުވި އެވެ.

ކުރިއަށް އޮތް ޖީ-20 ސަމިޓުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގް އާއި ބައްދަލު ކުރައްވާނެ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވަމުން ދާއިރު އެފަދަ ބައްދަލުވުމަކާ ގުޅޭގޮތުން އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް ވެސް ޝޮއުވެން ވިދާޅުވި އެވެ.