ރައްޔިތުންގެ މަޖިލިސް

މަޖިލީހުގެ ކޮމިޓީތަކުގެ އަދަދު 17 އަށް އިތުރުކުރަން ނިންމައިފި

ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކުގެ އަދަދު 17 އަށް އިތުރުކުރަން މަޖިލިސް ގަވާއިދު އިސްލާހު ކުރަން އެކުލަވާލި ވަގުތީ ކޮމިޓީން ނިންމައިފި އެވެ.

ވަގުތީ ކޮމިޓީން މިއަދު ބޭއްވި ބައްދަލުވުމުގައި ކޮމިޓީތަކުގެ އަދަދު 17 އަށް އިތުރުކުރަން ފާސްކުރީ ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވި ހުރިހާ މެންބަރުންގެ އިއްތިފާގުންނެވެ. ކޮމިޓީތަކުގެ އަދަދު އިތުރު ކުރަން ހުށަހެޅުއްވީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފެވެ.

އެ ގޮތުން ކޮމިޓީން ފާސްކުރީ ކުރިން އޮތް 13 ކޮމިޓީގެ ތެރެއިން އިމްތިޔާޒު ކޮމިޓީއާއި ސުލޫކީ ކޮމިޓީ އެއް ކޮމިޓީއަށް ބަދަލު ކުރުމަށް ފަހު، އިތުރު ފަސް ކޮމިޓީއެއް އުފެއްދުމަށެވެ. މި ގޮތުން އިތުރު ކުރި ފަސް ކޮމިޓީއަކީ ޖުޑިޝަރީ ކޮމިޓީ، ލާމަރުކަޒީ ކޮމިޓީ، އެންވަޔަރަމަންޓް އެންޑް ކްލައިމެޓް ޗޭންޖް ކޮމިޓީ، ހިއުމަން ރައިޓސް އެންޑް ޖެންޑަ ކޮމިޓީގެ އިތުރުން ފޮރިން ރިލޭޝަންސް ކޮމިޓީއެކެވެ.

މަޖިލީހުގައި ދެން ހިމެނޭ ކޮމިޓީތަކަކީ އާންމު ކޮމިޓީ، ޕެޓިޝަން ކޮމިޓީ، ގަވާއިދު ކޮމިޓީ، މާލިއްޔަތު ކޮމިޓީ، އިޖުތިމާއީ ކޮމިޓީ، އިގްތިސާދީ ކޮމިޓީ، ސަލާމަތީ ހިދުމަތްތަކުގެ ކޮމިޓީ، ސަރުކާރުގެ މަސްއޫލިއްޔަތު އަދާ ކުރާ މިންވަރު ބަލާ ކޮމިޓީގެ އިތުރުން ގައުމީ ސަލާމަތުގެ ކޮމިޓީ، އަދި މިނިވަން މުއައްސަސާތަކުގެ ކޮމިޓީ އެވެ.

މީގެ އިތުރުން ކޮންމެ ކޮމިޓީއެއްގައި ތިއްބަވާނީ 11 މެންބަރުން ކަމަށް ވެސް ވަގުތީ ކޮމިޓީގެ ބައްދަލުވުމުގައި ވަނީ ފާސްކޮށްފަ އެވެ. ނަމަވެސް ކޮމިޓީތަކުގެ މެންޑޭޓްތައް މިއަދުގެ ބައްދަލުވުމުގައި ކަނޑައަޅާފައެއް ނުވެ އެވެ.

މިދިޔަ އަންގާރަ ދުވަހު ހުވާކުރެއްވި އާ މަޖިލީހުގެ ސާފު އަޣުލަބިއްޔަތު އޮތީ ވެރިކަން ކުރާ މައި ޕާޓީ، އެމްޑީޕީ އަށެވެ. މި ގޮތުން މަޖިލީހުގައި އެމްޑީޕީގެ 65 މެންބަރުން ތިއްބަވަ އެވެ. ދެން ތިއްބަވަނީ އެއްވެސް ސިޔާސީ ޕާޓީއަކަށް ނިސްބަތް ނުވާ ހަތް މެންބަރުންނާއި، ޖޭޕީގެ ފަސް މެންބަރުންނާއި، ޕީޕީއެމްގެ ތިން މެންބަރުންނާއި، ޕީއެންސީގެ ތިން މެންބަރުންގެ އިތުރުން އެމްޑީއޭގެ ދެ މެންބަރެކެވެ.