ހަބަރު

ވިއްސާރާގައި ގެއްލުންވި އާއިލާތަކުގެ މައްސަލަ ބަލައިގެންފި

މިދިޔަ ހަފްތާ ތެރޭގައި ރާއްޖޭގެ ބައެއް ސަރަހައްދުތަކަށް ބޯކޮށް ވާރޭ ވެހި ބައެއް ރަށްރަށަށް ލިބުނު ގެއްލުންތަކުގެ މައްސަލަ މަޖިލީހުން ބަލާ އެކަންކަން ހައްލު ކުރުމަށް ބާރު އެޅުމުގެ މައްސަލަ މަޖިލީހުން ބަލައިގެންފި އެވެ.

ވިއްސާރާގައި ލިބުނު ގެއްލުންތަކުގެ މައްސަލަ ބެލުމަށް މަޖިލީހުގެ ތަޅުމަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު އެވެ. އެ މައްސަލަ ހުށަހަޅުއްވަމުން ޖާބިރު ވިދާޅުވީ ވިއްސާރައިގެ ސަބަބުން ބައެއް ރަށްތަކަށް ލިބުނު ގެއްލުންތަކުގެ އެސެސްމަންޓެއް ހަދާ، ހާލުގައި ޖެހުނު މީހުންގެ ތަފްސީލުތައް ހޯދަން ޖެހޭ ކަމަށެވެ. އަދި އެ މީހުންގެ ހުރި ކަންބޮޑުވުންތައް ހައްލު ކުރުމަށް ދައުލަތަށް ބާރު އަޅަން މަޖިލީހުން ޖެހޭ ކަމަށް ޖާބިރު ވިދާޅުވި އެވެ.

ޖާބިރު ހުށަހެޅުއްވި އެ މައްސަލަ ބަލައިގަތުމަށް 64 މެންބަރުން ވޯޓު ދެއްވި އެވެ. އެއާއެކު އެ ކުއްލި މައްސަލަ ބަލައިގަނެ އެއް ގަޑިއިރުގެ ބަހުސެއް ވަނީ ފަށައިފަ އެވެ.

މިދިޔަ ހަފްތާގައި ކުރި ވިއްސާރައިގައި އެންމެ ބޮޑަށް ފެންބޮޑުވެފައިވަނީ ތ. އަތޮޅާއި ލ. އަތޮޅާއި ގއ. އަތޮޅާއި ގދ. އަތޮޅު އަދި މ. އަތޮޅުގެ ރަށްތަކަށެވެ. އެގޮތުން 16 ރަށެއްގައި 300 އަށް ވުރެ ގިނަ ގެތަކަށް ފެން ވަދެ ގެއްލުންވެފައިވާ ކަމަށް ޑިޒާސްޓާ މެނޭޖްމަންޓް ސެންޓަރުން މައުލޫމާތު ދެއެވެ.