އިންޑިއާ ސަރުކާރުގެ ހިލޭ އެހީ އިން މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫގެ ދަރިވަރުން ސްކޫލަށް ދިއުމަށް ބޭނުންވާ ފެރީގެ ހިދުމަތް ހަމަޖައްސައިފިއެވެ.
އިންޑިއާ ސަރުކާރުން ދިވެހި ރާއްޖެއަށް ދެއްވާފައިވާ 106 މިލިއަން ދިވެހި ރުފިޔާ ގެ ހިލޭ އެހީގެ ތެރެއިން މާޅޮސްމަޑުލު ދެކުނުބުރީ ފެހެންދޫގެ ކިޔަވާ ކުދިން އެ އެރަށާ އެއްފަޅެއްގައި އޮންނަ އެ އަތޮޅު ގޮއިދޫ ސްކޫލަށް ކިޔަވަން ދިއުމަށް ރަނގަޅު ފެންވަރުގެ ފެރީއެއް ހަމަޖެއްސުމަށް 1.5 މިލިއަން ރުފިޔާ ކަނޑައަޅުއްވައިފިއެވެ.
ރަށުގެ އާބާދީ ކުޑަވުމުގެ ސަބަބުން ކުރީގެ ފެހެންދޫގެ ސްކޫލް ބަންދުކުރުމާ ގުޅިގެން، ފެހެންދޫގެ ކިޔަވާކުދިން ތައުލީމު އުގެނެމުން ދަނީ އެއް ފަޅެއްގައި އޮންނަ ބ. ގޮއިދޫ ސްކޫލަށް ކުޑަ ޑިންގީއެއްގައެވެ. މި ޕްރޮޖެކްޓުގެ ދަށުން މި މައްސަލައަށް ދާއިމީ ހައްލެއް ހޯދި، އެއްވެސް ހުރަހެއް ނެތި ފެހެންދޫގެ ކިޔަވާ ކުދިންނަށް ސްކޫލަށް ދެވޭނެ މަގު ފަހިވެގެންދާނެއެވެ.
މީގެ އިތުރުން އިންޑިއާ ސަރުކާރުގެ އެހީގައި ދެ ރަށެއްގައި އައިސް ޕްލާންޓް އެޅުމަށް ހަމަޖައްސައިދިނުމަށް ވެސް މިއަދު ވަނީ ފޮރިން މިނިސްޓްރީ އިން ނިންމައިފައެވެ.
ހިލޭ އެހީގެ ތެރެއިން އައިސް ޕްލާންޓް ގާއިމް ކުރަން ހަމަޖެހިފައިވަނީ ކޮން ރަށެއްގައި ކަމެއް ފޮރިން މިނިސްޓްރީން ހާމައެއް ނުކުރެ އެވެ. މިމަޝްރޫއުގެ ދަށުން 25 މެޓްރިކް ޓަނުގެ ދެ އައިސް ޕްލާންޓް ބަހައްޓައި އައިސް ޕްލާންޓް ހިންގުމުގައި ހަރަކާތްތެރިވާ ފަރާތްތަށް ތްމްރީނު ކުރާނެ އެވެ.
އައިސް ޕްލާންޓް ބަހެއްޓުމުން މަސްވެރިން ބާނާ މަސްތަށް އުކާލާ މިންވަރު މަދުވެ ތަޒާ މަސް ގަތުމުގެ ފުރުސަތު ލިބިގެންދާނެ އެވެ.
އިޖްތިމާއި އަދި އިގްތިސާދީ ތަރައްގީއަށް ބޭނުންވާ ޕްރެޖެކްޓްތަށް ހިންގުމަށް އިންޑިއާ ސަރުކާރުން ރާއްޖެއަށް ހިލޭ އެހީ ދޭން އެއްބަސްވީ މިދިޔަ މާޗު މަހު އެގައުމުގެ ފޮރިން މިނިސްޓަރު ޝުޝްމާ ސުވަރޭޖް ރާއްޖެއަށް ކުރެއްވި ދަތުރުފުޅުގަ އެވެ. މީގެ އިތުރުންވެސް އިންޑިއާގެ މި އެހީގެ ދަށުން ވަނީ ތިން ޕްރޮޖެކްޓެއް ހިންގުމަށް ނިންމައިފަ އެވެ.
އެއީ ހއ. އިހަވަންދޫގެ ހެލްތު ސެންޓަރުގައި އިމަޖެންސީ މެޑިކަލް ޚިދުމަތް ދިނުމަށް ތަނެއް ގާއިމު ކުރުމުގެ މަޝްރޫއާއި، ރ. ކިނޮޅަހުގައި ހަ ކްލާސް ރޫމް އަދި ނ. ޅޮހީގައި ހަ ކްލާސް ރޫމް އިމާރާތް ކުރުމުގެ މަޝްރޫއެކެވެ.