އެފްއޭއެމް

އެފްއޭއެމް ފުޓްސަލް ކަޕުގެ ޗެމްޕިއަން ބީޖީ އާއި ޕޮލިސް

އެފްއޭއެމުން ބޭއްވި ފުޓްސަލް ކަޕުގެ ފިރިހެން ޑިވިޝަންގެ ޗެމްޕިއަންކަން ޕޮލިސް ކުލަބު ހޯދައިފި އެވެ. އަންހެން ޑިވިޝަންގެ ޗެމްޕިއަންކަން ހޯދީ، ބީޖީ ސްޕޯޓްސް ކުލަބެވެ.

ފިރިހެން ފައިނަލުގައި، ޕޮލިސް ކުލަބާ ދެކޮޅަށް ނިކުތީ، ދިވެހި ސިފައިންގެ ކުލަބު ޑީއެސްސީ އެވެ. މެޗު ޕޮލިސް ކުލަބު ކާމިޔާބު ކުރީ 5-1 ންނެވެ. މެޗުގައި، އަލީ ރިޝްވާން އާއި އަލީ މުނާޒް، ވަނީ ކޮންމެ ކުޅުންތެރިޔަކު ދެ ލަނޑު ކާމިޔާބު ކޮށްފަ އެވެ. އަނެއް ލަނޑު ކާމިޔާބު ކުރީ ނީޝާދު އަލީ އެވެ. ޑީއެސްސީގެ ލަނޑު ކާމިޔާބު ކުރީ ހުޒައިފަތު ރަޝީދެވެ.

އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ ޕޮލިސް ކުލަބުގެ ނީޝާދު އަލީ، އަލީ ރިޝްވާން، އަދި ޑީއެސްސީގެ ދެ ކުޅުންތެރިން ކަމަށްވާ ހަސަން ފަވާޒް އަދި ހުޝާމް އިބްރާހިމް އެވެ. އެންމެ މޮޅު ގޯލް ކީޕަރަކީ ޕޮލިސް ކުލަބުގެ އިބްރާހިމް އައްސަދު އެވެ. އެންމެ މޮޅު ކޯޗަކީ ޕޮލޮސް ކުލަބުގެ ހަސަން ހަމީދެވެ.

އަންހެން ފައިނަލުގައި، ބީޖީއާ ދެކޮޅަށް ނިކުތީ، ޑީއެސްސީ އެވެ. މެޗުގެ ނަތީޖާ ނެރެން ޖެހުނީ ފުރިހަމަ ވަގުތު ހަމަހަމަ ވުމުން ޕެންލަޓީ ޖަހައިގެންނެވެ. ޕެނަލްޓީގައި ބީޖީން މެޗު ކާމިޔާބު ކުރީ 5-4 ންނެވެ.

އަންހެން ޑިވިޝަންގެ އެންމެ މޮޅު ހަތަރު ކުޅުންތެރިންނަކީ، ޑީއެސްސީގެ ފަދުވާ ޒާހިރު އާއި މަރްޔަމް ރިފާ އަދި ބީޖީގެ ފާތިމަތު ސާލިޔާ އަދި އާމިނަތު ޝާމިލާ އެވެ. އެންމެ މޮޅު ގޯލްކީޕަރަކީ ބީޖީގެ އިޝާރަތު ހަމީދެވެ. އެންމެ މޮޅު ކޯޗަކީ ބީޖީގެ އަހްމަދު ވިޝާލް އެވެ.