ހަބަރު

މީޑިއާތަކަށް ފާޑުވިދާޅުވެ، ރިޝްވަތުގެ ތުހުމަތު ޑީޑީ ދޮގުކުރައްވައިފި

Jun 3, 2019
15

ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުގެ މައްޗަށް ޖަލު ހުކުމެއް އިއްވަން ރިޝްވަތުގެ ގޮތުގައި އެއް މިލިއަން ޑޮލަރުގެ ނެންގެވި ކަމަށް ކުރާ ތުހުމަތުތައް، ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ ދީދީ ދޮގު ކުރައްވައިފި އެވެ.

ދީދީއަށް އެ ތުހުމަތު ކުރައްވައި، އެ މައްސަލަ ސުލޫކީ މައްސަލައެއްގެ ގޮތުގައި ބަލަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އަށް ހުށަހަޅުއްވާފައިވަނީ އެ ކޮމިޝަންގެ މެންބަރުކަން ވެސް މިހާރު ކުރައްވާ ރައީސް ނަޝީދެވެ.

އެ ހަބަރު ރިޕޯޓު ކުރުމުން މީޑިއާތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ދީދީ ނެރުއްވި ބަޔާނެއްގައި ވިދާޅުވީ، ހަގީގަތެއް ނެތް ވާހަކަތަކެއް ފަތުރައިގެން އޭނާގެ އާއިލާވެސް ހިމެނޭ ގޮތަށް އަބުރު ގެއްލުވާލާފައިވާ ކަމަށެވެ. ކޮންމެ މީހެއްގެ ވެސް ރީތީ ނަމާއި އަބުރު ރައްކާތެރި ކުރުމަކީ ގަނޫނު އަސާސީން ލިބިދީފައިވާ ހައްގެއް ކަމަށް ފާހަގަ ކުރައްވަމުން، ދީދީ ވިދާޅުވީ ޖިނާއީ ތުހުމަތެއް ކުރެވޭނީ އެކަށީގެންވާ ހެއްކާއި ގަރީނާ ހުރެގެން ކަމަށެވެ.

އެ ބަޔާނުގައި ބުނެފައިވަނީ، މީހެއްގެ ބޭންކު އެކައުންޓަށް ޖަމާވާ ފައިސާއަކީ ދައުލަތުގެ ކަމާބެހޭ އިދާރާއަކުން ބޭނުންވެއްޖެ ހާލަތެއްގައި ލިބެންހުރި މައުލޫމާތު ކަމަށް ވާއިރު، ޖަވާބުދާރީވުމުގެ ފުރުސަތު ވެސް ނުދީ މީޑީއާތަކުން ކޮށްފައިވަނީ ވަރަށް ޣައިރު ޒިންމާދާރު އަމަލެއް ކަމަށެވެ.

"... ވީމާ ނޫސްތަކުގައި ފަތުރަމުންދާ ހަގީގަތާ ހިލާފު ވާހަކަތައް ދޮގުކޮށް، ހައްގު ނޫން ފައިސާއެއް އަޅުގަނޑުގެ ނުވަތަ އަޅުގަނޑާ ގުޅުންހުރި އެއްވެސް އެކައުންޓެއްގައި ނުހުންނާނެ ކަމުގެ ޔަގީންކަން ދެމެވެ،" ދީދީ ނެރުއްވި ބަޔާނުގައި ވިދާޅުވި އެވެ.

ރައީސް ނަޝީދުގެ މައްޗަށް ޓެރަރިޒަމްގެ ކުށް ސާބިތުކޮށް ކުރިމިނަލް ކޯޓުން 13 އަހަރުގެ ހުކުމެއް އިއްވި އެވެ. އެ ހުކުމް އިއްވި ބެންޗުގައި އަބްދުﷲ ދީދީ ހިމެނިވަޑައިގަންނަވަ އެވެ. އޭގެ މާގިނަ ދުވަސްތަކެއް ނުވަނީސް އަބްދުﷲ ދީދީ ހައިކޯޓަށް ބަދަލު ކުރެއްވި އެވެ.

ހައިކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގައި ހުންނަވަނިކޮށް އޭނާއަށް ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންކަން ދެއްވާފަ އެވެ. އެއީ އެކެއް ފެބުރުއަރީގައި ހިނގައިދިޔަ ކަންތައްތަކަށްފަހު އެވެ.

އެނގިފައިވާ ގޮތުގައި ރައީސް ނަޝީދުގެ ހުށަހެޅުއްވި މައްސަލާގައި ތުހުމަތުކޮށްފައިވަނީ އެމަނިކުފާނުގެ މައްޗަށް ހުކުމް އިއްވުމުގެ ބަދަލުގެ އެއް މިލިއަން ޑޮލަރު ޖަމާކޮށްފައިވަނީ ފަނޑިޔާރު އަބްދުﷲ ދީދީގެ އަނބިކަނބަލުންގެ އެކައުންޓަށެވެ. އެއީ އަބްދުﷲ ދީދީގެ އަނބިކަނބަލުން މެލޭޝިއާ ބޭންކެއްގައި ހުޅުވާފައިވާ އެކައުންޓަކަށް ކަމަށްވެ އެވެ. ނަމަވެސް އެ ފައިސާ ދިން މީހެއް ސާފެއް ނުވެ އެވެ.

މީގެކުރިން މި މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ވެސް ހުށަހެޅި އެވެ. ނަމަވެސް އެ ކޮމިޝަނަށް އެ މައްސަލާގެ ތަހުގީގު ކުރިއަށް ގެންދެވިފައެއް ނުވެ އެވެ.