ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓުގެ ރިޓަޔާޑް ޖަސްޓިސް ޔޮހާން ކްރިގްލާ ދެއްކެވި ވާހަކަފުޅުތައް ބަޔާނުގައި ހާމަކޮށްފައި ވަނީ ހަގީގަތާއި އެއްގޮތަށް ކަމަށާއި އޭގެ ސަަބަބުން ކްރިގްލާގެ ނަމަށް ހުތުރުވާ ނަމަ އެ ކަމުން ހާމަވެގެން ދަނީ އެ ބޭފުޅާ ދެއްކެވީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިން ބުނެފި އެވެ.
ޑީޖޭއޭއިން މިހެން ބުނީ ސުޕްރީމް ކޯޓުން އިއްޔެ ނެރުނު ބަޔާނުގައި ކްރީގްލާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލުކޮށް ފަނޑިޔާރުން ވަކިކުރާނެ ކަމަށް ވިދާޅުވެ ފަނޑިޔާރުންނަށް އިންޒާރު ދެއްވައި ބިރު ދައްކަވާފައިވާ ކަމަށް ހާމަ ކުރުމުން އެ ބަޔާނުގައި ހުރީ ދޮގު ވާހަކަތައް ކަމަށް ބައެއް ފަރާތްތަކުން ބުނަމުން ދަނިކޮށެވެ. އަދި ޕީއެސްއެމް އަށް ދެއްވި އިންޓަވިއުއެއްގައި ކްރިގްލާގެ ނަމަށް ހުތުރުވާ ގޮތަށް ސުޕްރީމް ކޯޓުން ނޫސް ބަޔާން ނެރުނު ނަމަވެސް ފަނޑިޔާރުގެ އިސްލާހުވި ކަމަށް ނުވާނެ ކަމަށާއި އެކަމާ ހިތާމަ ކުރައްވާ ކަމަށް އެޓާނީ ޖެނެރަލް (އޭޖީ) އިބްރާހިމް ރިފްއަތު ވިދާޅުވެފައި ވަނިކޮށެވެ.
މިއަދު ޑީޖޭއޭގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޖުޑީޝަލް އެކަޑަމީގެ ޗާންސެލާގެ އަހްމަދު މާޖިދު ވިދާޅުވީ ޖަސްޓިސް ކްރިގްލާ ދެއްކެވި ވާހަކަފުޅުތައް ބަޔާނުގައި ވަނީ ހަގީގަތާއި އެއްގޮތަށް ކަމަށެވެ. އޭގެ ސަަބަބުން ކްރިގްލާގެ ނަމަށް ހުތުރު އަންނަ ނަމަ އެ ކަމުން ހާމަވެގެން ދަނީ އެ ބޭފުޅާ ދެއްކެވީ ރަނގަޅު ވާހަކަތަކެއް ނޫން ކަމަށެވެ.
"ޖަސްޓިސް ކްރިގްލާ ދެއްކެވި ވާހަަކަފުޅުތައް އެއީ އެއްވެސް އެއްޗެއް އިތުުރު ކުރުމެއް ނެތި ތެދަށް ހާމަ ކުރުމުން ޖަސްޓިސް ކްރިގްލާގެ ނަންފުޅަށް ހުތުރުކަން ލިބޭނަމަ އޭގެ މާނައަކީ އެ ދެކެވޭ ވާހަކަފުޅު ތައް ގޯހޭ!" މާޖިދު ވިދާޅުވިއެވެ.
މާޖިދު ވިދާޅުވީ ޖަސްޓިސް ކްރިގްލާއާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުން އެކަނި ބައްދަލު ކުރެއްވުމަށް ބޭނުންފުޅުވި
ކަމަށް ދެކެވުނު ވާހަކަ ތަކާއި އެހެން ބޭފުޅަކު އެ ބައްދަލުވުމުގައި ބައިވެރި ނުވެވޭނެ ކަމަށް ދެކެވުނު ވާހަކަތައް އެއީ ދޮގު ވާހަކަ ތަކެއް ކަމަށެވެ.
އަދި ވިދާޅުވީ، ބަންޑާރަ ނައިބުގެ އޮފީހުން އެހެން ބޭފުޅަކު އެ ބައްދަލުވުމުގައި ބައިވެރިވެ ވަޑައިގަތުމުގެ އިންތިޒާމު ކުރެވުނު ކަމަށެވެ.
"ބަންޑާރަ ނައިބުގެ އޮފީހުގެ އެހެން ބޭފުޅަކު މީޓިންއަށް ވަޑައިގަންނަވަން ވާހަކަ ދެކެވި އެ ބޭފުޅެއްގެ ނަންފުޅު ވެސް ގެނެވި އެ ބޭފުޅެއްގެ މީޓިންގައި ބައިވެރިވުމަށް އިންތިޒާމް ވެސް ކުރެވިފަ އޮތީ. އެކަމަކު މީޓިންއަށް ވަޑައިގެެންނެވި އިރު ބަންޑާރަ ނައިބު އޮފީހުން ބޭފުޅަކު ވަޑައެއް ނުގަންނަވާ."