ރާއްޖޭގައި ގާއިމުވެފައި އޮތް އަދުލު އިންސާފުގެ ނިޒާމު ރަނގަޅު ކަމަށާއި، މުޅި ނިޒާމް ހަލާކުވެފައި ވަނީ އެ ދާއިރާގައި ތިބި މީހުންގެ ސަބަބުން ކަމަށް، ރާއްޖޭގެ ޖުޑީޝަރީ ދިރާސާކޮށް ސައުތު އެފްރިކާގެ ރިޓަޔާޑް ޖަސްޓިސް، ޔޮހާން ކްރީގްލާ ނެރުއްވި ރިޕޯޓުގައި ބުނެފި އެވެ.
ރާއްޖޭގެ ޝަރުއީ ދާއިރާގެ ދިރާސާ ހަދަން ބަންޑާރަ ނައިބުގެ އޮފީހުން ގެނައި ކްރީގްލާ ނެރުއްވި ރިޕޯޓުގައި ބުނެފައިވަނީ ގާނޫނު އަސާސީ އާއި ގާނޫނޫތަކުގެ މައްޗަށް އުފެދިފައިއޮތް އަދުލު އިންސާފުގެ ނިޒާމުގައި މާ ބޮޑު މައްސަލަތަކެއް ފާހަގަވެފައި ނުވާ ކަމަށެވެ.
އަދި ރާއްޖޭގެ ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި ގާނޫނު އަސާސީ އާއި ގާނޫނުތައް ބަދަލު ކުރުން ލާޒިމް ނޫން ކަމަށް ވެސް އެ ރިޕޯޓުގައި ފާހަގަ ކޮށްފައި ވެއެވެ.
"މައްސަލައަކީ އެ ނިޒާމުގައި ހަރަކާތްތެރިވާ މީހުން، ފަނޑިޔާރުން... ޖޭއެސްސީގެ މެންބަރުން އަދި ސިޔާސީ މީހުން،" އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އެގޮތުން، އެކަށީގެންވާ ގޮތެއްގައި އަދުލު އިންސާފުގެ ނިޒާމް ގާއިމުވެފައިވާ ބޭއްވުމަށް ބޭނުންވަނީ އެ އެންމެން ގާނޫނީ އިމުގެ ތެރެއިން، ނަޒާހަތްތެރިކަމާއެކު މަސައްކަތް ކުރުން ކަމަށް ރިޕޯޓްގައި ވެއެވެ.
ކްރީގްލާ އަކީ، 1994 ވަނަ އަހަރު ސައުތު އެފްރިކާގެ ކޮންސްޓިޓިއުޝަނަލް ކޯޓު އުފެދުނީއްސުރެ 2002 ވަނަ އަހަރުގެ ނިޔަލަށް އެ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު އަދާ ކުރައްވާފައިވާ، ސައުތު އެފްރިކާގައި ގާނޫނީ ދާއިރާގައި 25 އަހަރު މަސައްކަތް ކުރައްވާފައިވާ ބޭފުޅެކެވެ.
އަދި ކޮންސްޓިޓިއުޝަނަލް ކޯޓުގެ ފަނޑިޔާރެއްގެ ހައިސިއްޔަތުން މަސައްކަތް ކުރެއްވުމުގެ އިތުރުން، އޭނާ ވަނީ އެ ގައުމުގެ ޕްރޮވިންޝަލް އަދި އެޕެލެޓް ކޯޓުތަކުގައި ވެސް ފަނޑިޔާރެއްގެ ގޮތުގައި މަސައްކަތް ކުރައްވާފަ އެވެ.
އޭނާގެ ރިޕޯޓްގައި ޝަރުއީ ދާއިރާއާ ގުޅުންހުރި ގާނޫނުތަކުގައި އަދި އެ ގާނޫނުތައް ތަންފީޒު ކުރުމުގައި ހުރި ގޮންޖެހުންތައް ދިރާސާ ކުރުމާއި، ޝަރުއީ ދާއިރާގެ މިހާރުގެ އޮނިގަނޑާއި، އެ ދާއިރާގެ އެކި މުއައްސަސާތައް އެކުލެވިގެންވާ ގޮތް މުރާޖައާ ކުރުމާއި، ފަނޑިޔާރުން އައްޔަން ކުރުމާއި ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ބަލައި ފިޔަވަޅު އެޅުމުގެ ނިޒާމު މުރާޖައާ ކުރުމާއި، ޝަރުއީ ދާއިރާ އިސްލާހު ކުރުމަށްޓަކައި ސަރުކާރުން ހުށަހަޅާފައިވާ ހުށަހެޅުންތައް ވަޒަންކޮށް، އެކަމާގުޅޭ ހުށަހެޅުންތަކެއް ސަރުކާރަށް ހުށަހަޅާފައިވެ އެވެ.
ރިޕޯޓް އެކުލަވާލަން އޭނާ ވަނީ ދެ ފަހަރެއްގެ މަތިން ރާއްޖެ ވަޑައިގެން، ޝަރުއީ ދާއިރާ އާއި، ދައުލަތުގެ މުއައްސަސާތަކާއި، ރައްޔިތުންގެ މަޖިލީހުގެ ކަމާބެހޭ ކޮމިޓީތަކާއި، މަދަނީ ޖަމްއިއްޔާތަކާއި، ސިޔާސީ ޕާޓީތަކާއި، އެނޫން ވެސް ކަމާބެހޭ ފަރާތްތަކާ ބައްދަލު ކުރައްވާފަ އެވެ.
ބަންޑާރަ ނައިބުގެ އޮފީހުން އާންމު ކޮށްފައިވާ އެ ރިޕޯޓްގައި ޔޮހާން ކްރީގްލާ ލިޔުއްވާފައިވާ ގޮތުގައި އޭނާއަށް ފާހަގަ ކުރެވުނު ގޮތުގައި ރާއްޖޭގެ ޝަރުއީ ދާއިރާއަށް ރައްޔިތުންގެ އިތުބާރު ނެތް އެންމެ ބޮޑު ސަބަބަކީ ސުޕްރީމް ކޯޓުގެ އަމަލުތަކެވެ.
ފާއިތުވި 10 ވަރަކަށް އަހަރުގެ ތެރޭގައި، ރާއްޖޭގެ އެންމެ މަތީ ކޯޓުގައި އޭރު ތިއްބެވި ފަނޑިޔާރުން ގާނޫނު އަސާސީއާއި ގާނޫނުތަކާއި ހިލާފަށް ކޮށްފައިވާ އަމަލުތަކުގެ ސަބަބުން، ރާއްޖޭގައި ޑިމޮކްރެޓިކް ވެރިކަމެއް ކުރުމަށް އޮތް ނުރައްކަލަކަށް ސުޕްރީމް ކޯޓުވެފައިވާކަމަށް ބުނެފައިވެ އެވެ.
ސުޕްރީމް ކޯޓުން ގާނޫނު އަސާސީ ނުބައިކޮށް މާނަކޮށް، ދުސްތޫރީ މައްސަލަތައް ބެލުމުގެ ނަމުގައި ގާނޫނު އަސާސީން ދީފައި ނުވާ ބާރުތައް އަމިއްލަ އަށް ހޯދާފައިވާ ކަމަށެވެ.
އަދި މިއަހަރުގެ އޯގަސްޓް މަހު ރިޕޯޓް ތައްޔާރުކުރުމާ ހަމައަށް ސުޕްރީމް ކޯޓުގައި ތިއްބެވި ގިނަ ފަނޑިޔާރުންގެ މައްޗަށް ބޮޑެތި ތުހުމަތުތައް ކުރެވޭއިރު، އެ މައްސަލަތައް ބަލަން ގާނޫނުން މަތިކޮށްފައިވާ ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ އިހުތިސޯސް ތެރެއަށްވަދެ، ރައްޔިތުންގެ މަޖިލީހަށް ބަސްބުނުމުގެ ބާރެއް އެ ކޯޓަށް ލިބިގެންނުވާކަމަށްވެސް އެ ރިޕޯޓުގައި ބުނެފައިވެ އެވެ.
އޭގައިވާ ގޮތުން ގާނޫނު އަސާސީ އާއި ގާނޫނުތައް ޝަރުއީ ދާއިރާ އަށް ދިވެހިން ކުރާ އިތުބާރު ކުޑަވެ އެ ދާއިރާއާ މެދުގައި އިތުބާރު ގެއްލުނު މައިގަނޑު ސަބަބަކީ ސުޕްރީމް ކޯޓުގެ އަމަލުތަކެވެ.
"އެއީ ގާނޫނުއަސާސީގެ މައްސަލައަކުން ނޫން. އެއީ ފާއިތުވި ދިހަ ވަރަކަށް އަހަރު ތެރޭގައި ގާނޫނު އަސާސީއާއި ގާނޫނުތައް ނަހަމަ ގޮތުގައި ބޭނުން ކުރުމުގެ ސަބަބުން،" ރިޕޯޓުގައި ބުންޏެވެ.
އެހެންކަމުން، ޝަރުއީ ދާއިރާ އިސްލާހު ކުރަން ބޭނުން ނަމަ، އެންމެ ފުރަތަމަ އަޅަންޖެހޭ ފިޔަވަޅަކީ، ގާނޫނު އަސާސީ އާއި ގާނޫނުތަކާ ހިލާފުވެފައިވާ ފަނޑިޔާރުން މަގާމުން ވަކިކުރުން ކަމަށް ބުނެފައިވެ އެވެ.
ނަމަވެސް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ވަކި ކުރުމަކީ ބަދަލުހިފުމުގެ ރޫހެއްގައި ކޮށްގެންވާނެކަމެއް ނޫން ކަމަށާއި، އެފަދަ ފިޔަވަޅެއްވާންޖެހޭނީ މުޅި ޖުޑީޝަރީއަށްދެވޭ ފިލަވާޅެއް ކަމަށެވެ. އެހެންކަމުން، ފަނޑިޔަރާކާ ދެކޮޅަށް މައްސަލަތައް ބަލަންޖެހޭނީ ގާނޫނުތަކާ އެއްގޮތަށް ވަރަށް ފުރިހަމައަށްކަމަށްވެސް އެ ރިޕޯޓުގައި ލަފާދީފައިވެ އެވެ.
ސުޕްރީމް ކޯޓުން އަމިއްލައަށް އިސް ނަގައިގެން ސޫމޯޓޯކޮށް މައްސަލަތައް ބެލުން ކްރީގްލާ ބަލައިގެންފައެއް ނުވެއެވެ. އޭނާގެ ރިޕޯޓްގައި ބުނަނީ އެއީ ސުޕްރީމް ކޯޓަށް އޮތް ބާރެއް ނޫން ކަމަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ސުލޫކީ މައްސަލަތައް ޖޭއެސްސީން ބަލަން ޖެހޭނެ ކަމަށާއި މައްސަލަތައް ޖޭއެސްސީއިން ބަލާނަމަ އެކަން ކުރަން ވާނީ ގާނޫނުގައިވާ ގޮތުގެ މަތިން ފުރިހަމަ އިޖުރާއަތްތަކާއެކު ކަމަށް ވެސް ފާހަގަ ކުރައްވާފައިވެ އެވެ.
ކްރީގްލާގެ ރިޕޯޓަށް ރިއާޔަތް ކުރުމަށް ފަހު ޖޭއެސްސީއިން ވަނީ އުއްތަމަ ފަނޑިޔާރު ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ހަތަރު ފަނޑިޔާރުންގެ މައްސަލަ ބަލަން ނިންމާފަ އެވެ. ބަލަނީ ސުޕްރީމް ކޯޓުން އިހުތިސޯސުން ބޭރު ކޮށްފައިވާ ކަންކަން ބަލަން އެ ކޮމިޝަނުން އެކުލަވާލި ކޮމެޓީގެ ރިޕޯޓްގައި ހިމެނޭ މައްސަލަތަކުގައި ހިމެނޭ ފަނޑިޔާރުންގެ މައްސަލަތަކެވެ.
ޖޭއެސްސީއިން ސުޕްރީމް ކޯޓާ ގުޅޭ ގޮތުން ތައްޔާރުކުރި ރިޕޯޓް އާންމުކޮށް ރައްޔިތުންގެ މަޖިލީހަށް ހިއްސާކޮށްފައިވެ އެވެ. އެ ރިޕޯޓްގައިވާ ގޮތުން 17 މައްސަލައެއް ފާހަގަ ކޮށްފައިވެ އެވެ.
އޭގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ނައިބު ރައީސް އަދި ދިއްގަރު ދާއިރާގެ މެމްބަރު އަހުމަދު ނާޒިމްގެ މައްޗަށް ދައުވާކޮށް ކްރިމިނަލް ކޯޓަށް ހުށެހެޅި މައްސަލަ ބަލައި ނުގަތުމަށް ނިންމި ނިންމުމަށް ހައިކޯޓުން ތާއީދުކޮށް، އެ މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތު ހަމަވިތާ ހަތް މަސް ފަހުން ދައުލަތުން ކުރި އިސްތިއުނާފު ސުޕްރީމް ކޯޓުން ބަލައިގަނެ ނާޒިމްގެ މައްޗަށް ކުށް ސާބިތުވާ ކަމަށް ކަނޑައެޅުމަށްފަހު އެ ނިންމުން ތިން އަހަރު ފަހުން އަލުން ބަލައި ބަދަލުކުރީ ގާނޫނާ ހިލާފަށް ކަމަށް ޖޭއެއްސީގެ ރިޕޯޓުގައިވެ އެވެ.
މީގެ އިތުރަށް ރިޕޯޓުގައި ބުނަނީ އިސްތިސްނާފު ކުރުމުގެ މުއްދަތު ކުޑަކޮށް، އެ މުއްދަތާ ގުޅޭގޮތުން ކޯޓު ތަކުގެ ގާނޫނާއި ވަޒީފާއާ ބެހޭ ގާނޫނާއި ޓެކްސް ނެގުމާއި ބެހޭ އިދާރީ ގާނޫނާއި މައުލޫމާތު ހޯދައި ލިބިގަތުމުގެ ގާނޫނުގައި ކަނޑައަޅާފައިވާ މާއްދާތައް ސުޕްރީމް ކޯޓުން ބާތިލް ކޮށްފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
އަދި ރައީސުންނާއި ނައިބު ރައީސުންނާއި ވަޒީރުންނާއި މިނިވަން މުއައްސަސާތަކުގެ މެމްބަރުންނާއި މަޖިލީހުގެ ރައީސުންނާއި އަދި ފަނޑިޔާރުންގެ އިތުބާރު ނެތް ކަމާމެދު ރައްޔިތުންގެ މަޖިލީހުން ނިންމާ ކޮންމެ ނިންމުމެއް ސައްހަވާނީ އެ ނިންމުމެއް ސުޕްރީމް ކޯޓުން ކަނޑައެޅި ނިންމުމަކީ ވެސް ގާނޫނާއި ހިލާފު ނިންމުމެއް ކަމަށް ރިޕޯޓުގައި ބުނެފައިވެ އެވެ.
މީގެ ކުރިން ޖޭއެސްސީއިން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ކަމުގެ ހުންނެވި އަބްދުﷲ ދީދީގެ މައްސަލައެއް ބަލައި އޭނާ ވަކި ކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ނިންމާފަ އެވެ. މަޖިލީހުން ވަނީ ފަނޑިޔާރު ކަމުން އޭނާ ވަކިކޮށްފަ އެވެ. އޭގެ އިތުރުން އުއްތަމަ ފަނޑިޔާރު ޑރ. އަހުމަދު އަބްދުﷲ ދީދީ އާއި ޖޭއެސްސީގެ ރައީސްކަން ވެސް ކުރައްވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އަބްދުﷲ އަރީފާއި ފަނޑިޔާރު އާދަމް މުހައްމަދުގެ މައްސަލައެއް ބެލުމަށްފަހު އެ ތިން ފަނޑިޔާރުންނަށް ނަސޭހަތް ދިނުމަށް ވެސް ޖޭއެސްސީއިން ވަނީ ނިންމާފަ އެވެ.