އީދު ފާހަގަ ކުރުން

އީދަކީ އެކުވެރިކަން އާލާކުރަން ލިބުނު ފުރުސަތެއް: ރައީސް

Jun 3, 2019
1

އީދަކީ މުޅި މުޖްތަމައުގެ އެކުވެރިކަން އާލާކޮށް ދެމެހެއްޓުމަށް ލިބިފައިވާ ވަރަށް އަގުހުރި ފުރުޞަތެއް ކަމުގައި ދެކި، އެ ފުރުޞަތުގެ ބޭނުން ހިފުމަށް ރައީސުލްޖުމްހޫރިއްޔާ ގޮވާލައްވައިފި އެވެ.

ފިޠުރު ޢީދުގެ މުނާސަބަތުގައި މަރުހަބާ ދަންނަވާ ރައީސް އާންމު ކުރެއްވެވި ހިތޯބުގައި ވިދާޅުވެފައި ވަނީ އީދުގެ އުފާވެރިކަން އެތައް ގުނައަކަށް އިތުރުވެގެން ދަނީ، ބަރަކާތްތެރި ރޯދަ މަހުގެ ރޯދަ ހިފުމާއި ރޭ އަޅުކަން ކުރުމުގެ ހެޔޮ ނަސީބު މާތް ﷲ މިންވަރު ކުރެއްވީތީ ކަމަށެވެ.

ރައީސް ވިދާޅުވީ މިއަދަކީ އުފާކޮށް ސާފު ހިތަކާއިގެން އެކަކު އަނެކަކާ ސަލާން ކޮށް، އެކުވެރިކަމާއި ރަޙްމަތްތެރިކަން އާލާކުރަންވީ ދުވަސް ކަމަށާއި ލޯތްބާއެކު އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް އަލުން ދިރުވައި ދަމަހައްޓަންވީ ދުވަހެއް ކަމަށެވެ.

"... އެކަކު އަނެކަކަށް މަޢާފްކޮށް، ހިތްހެޔޮކަމާއި އޯގާތެރިކަމާއި ކުލުނާއެކު، އިޖްތިމާޢީ ގުޅުންތައް ބަދަހިކުރަންވީ ދުވަހެވެ. މި ހުރިހާ ކަމަކާއެކު، އަޅުގަނޑުމެން އެންމެ ބޮޑު ސަމާލުކަމެއް ދޭންޖެހޭނީ، ޢީދުގެ އުފާ ފައުޅުކުރުމުގައި މުޖްތަމަޢުގެ އެންމެން ޝާމިލު ކުރުމަށެވެ. ދިވެހީންގެ އެއްބައިވަންތަކަމުގެ ނަމޫނާ ސިފަތަކާއި، އެއްބައެއްވަންތަކަމުގެ ރީތި އަދަބުތަކާއި، އިޖްތިމާޢީ ސުލޫކާއި ހަމަތައް ނަގަހައްޓައި ހަރުދަނާ ކުރުމަށް، މިފަދަ އުފާވެރި މުނާސަބާތަކަކީ ރަނުގެ ފުރުޞަތުތަކެކެވެ." ރައީސްގެ ހިތޯބުގައި ވެއެވެ.

ރައީސް ވިދާޅުވޫ ޢީދުގެ އުފާވެރިކަން ހަނދާނަށް ގެނެސްދޭ އެންމެ މުހިންމު ކަމަކީ، މުޖްތަމަޢުގައި ތިބި ތަފާތު ފަންތިތަކުގެ މީހުންގެ ޙާލަތު ކަމަށާއި އުފާވެރި ޢީދަކާ މި ބައްދަލުކުރީ، ފަޤީރުންނާއި ނިކަމެތީންނާއި މިސްކީނުންގެ ޙާލަތު ހަނދާންކޮށްދިން މޫސުމަކަށްފަހު ކަމަށެވެ. އަދި މިއަދަކީ އެމީހުންނަށް އެހީތެރިކަން ފޯރުވައި، އެމީހުންގެ ދަތިތައް ފިލުވައިދިނުމަށް އަވަސްވެ ގަންނަންވީ ދުވަސް ކަމަށެވެ. އިޖްތިމާޢީ ޢަދާލަތުގެވެސް އެންމެ މުހިންމު މަޤްޞަދަކީ، މުޖްތަމަޢުގެ ފަރުދުން، އެއް ހަމަކޮށްދިނުމާއި، ތަފާތުކުރުމާއި ހަވާސާ ކުރުން ނެތިކޮށްލުން ކަމަށް ވެސް ރައީސްގެ ވިދާޅުވި އެވެ.

ޢީދު ފާހަގަކުރުމަކީ ހަމައެކަނި ދީނީ މުނާސަބަތެއް ނޫންކަން ފާހަގަ ކުރައްވާ ރައީސް ވިދާޅުވީ އިޖްތިމާޢީ ގުޅުންތަކާއި ޤައުމިއްޔަތުގެ އަގުތައް، ފުރިހަމަގޮތުގައި ދެމެހެއްޓުމަކީ ވެސް، ޢީދުގެ އުފާވެރިކަމުގެ ތެރެއިން ކުރެވޭނެ ވަރަށް މުހިންމު ކަންކަމެވެ.