ދިވެހި ދައުލަތް ހިންގުން ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރުމާގުޅޭ ހުރިހާ ލިޔެކިޔުންތަކެއް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ތައްޔާރުވެފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.
އަމިއްލަ ގޮތުން ވާދަ ކުރައްވާ ކާށިދޫ ދާއިރާގެ ގޮނޑި ކާމިޔާބު ކުރެއްވެވި މަޝްހޫރު ވިޔަފާރިވެރިޔާ ޖާބިރު ރޭ އަވަސް އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ ރާއްޖޭގެ ވެރިކަމުގެ ނިޒާމް ބަރުލަމާނީ ނިޒާމަކަށް ބަދަލު ކުރަން ދައުލަތުގެ ހުރިހާ މުއައްސަސާތަކުން ތައްޔާރުވުމާއި ގުޅޭ ލިޔެކިޔުންތައް ލިޔެ ތައްޔާރުކޮށް މިހާރު ނިންމާފައިވާނެ ކަމަށެވެ.
އޭނާގެ ގާނޫނީ ޓީމުގެ އެންމެ ފަހުގެ ބެލުންތައް ބަލައި ނިމުމުން އަދި ކުޑަ އީދުގެ ބަންދަށްފަހު މަޖިލީސް ހުޅުވޭއިރަށް އެ ލިޔެކިޔުންތައް ރަސްމީކޮށް ހުށަހަޅުއްވާނެ ކަމަށެވެ.
"އޭގައި ހިމެނޭނެ ބަރުލަމާނީ ނިޒާމަކަށް ރާއްޖެ ބަދަލު ކުރުމާ ގުޅޭ ހުރިހާ ގާނޫނީ ޑޮކިއުމަންޓުތަކެއް. ނިޒާމް ބަދަލުކުރަން ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއް ނެގުމުގެ ކަންކަން ވެސް އޭގައި އަޅުގަނޑުވާނީ ހިމަނާފައި. އަންނަ ހަފުތާގައި މަޖިލީސް ހުޅުވޭއިރަށް އަޅުގަނޑު އެ ޑޮކިޔުމަންޓުތައް މަޖިލީހަށް ގެންދާނަން، ނޫނީ އެހާ ހިސާބުގައި ވައްދާނަން،" ޔޮޓް ޓުއާސްގެ ޗެއާމަންކަން ވެސް ކުރައްވައި ޖާބިރު ވިދާޅުވި އެވެ.
ޖާބިރު ވިދާޅުވީ ވެރިކަމުގެ ނިޒާމާމެދު ގޮތެއް ނިންމަން ޖެހެނީ ވަކި ލީޑަރަކަށް، އަދި މީހަކަށްޓަކައި ނޫން ކަމަށައި އެ ނިންމުން އަންނަން ޖެހެނީ ރާއްޖެއަށްޓަކައި ދިވެހިންގެ ތަރައްގީ އާއި ރާއްޖެއިން ގެއްލިފައިވާ އިޖުތިމާއީ އަދާލަތަށްޓަކައި ކަމަށެވެ.
ރާއްޖޭގައި މީގެ ކުރިން ނެގި ނިޒާމީ ވޯޓްގައި ރިޔާސީ ނިޒާމަށް ޖާގަ ލިބުނީ ވޯޓް އޮޅުވާލައިގެން ކަމަށް ޖާބިރު ތުހުމަތު ކުރެއްވި އެވެ. އޭނާ ވިދާޅުވީ އިތުބާރު ހިފޭ ސައްހަ ރެފަރެންޑަމެއްގައި ކުރި ހޯދާނީ ބަރުލާމާނީ ނިޒާމް ކަމަށެވެ. އަދި ނިޒާމެއްގެ ތެރެއިން ދެން ރާއްޖެ ތަރައްގީ ވާނީ ވެސް ބަރުލަމާނީ ނިޒާމްގެ ތެރެއިން ކަމަށެވެ.
ނަވާރަ ވަނަ މަޖިލީހުގައި އެމްޑީޕީއަށް ތަނަވަސް އަޣުލަބިއްޔަތެއް ލިބިފައިވާއިރު، ބަރުލަމާނީ ނިޒާމަކީ ރާއްޖެއަށް އެންމެ ރަނގަޅު ނިޒާމް ކަމަށާއި އެއީ އެ ޕާޓީގެ ފަލްސަފާ ކަމަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ ތަކުރާރުކޮށް ވިދާޅުވެފަ އެވެ. އަދި ނިޒާމް ބަދަލު ކުރަން ތާއީދު ކުރައްވާ ކަމަށް ވެސް ރައީސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.
ނަމަވެސް، އެކަމުގައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުއާ ހިޔާލުތަފާތުވުންތަކެއް އުޅޭ ކަމުގެ ވާހަކަތައް ދޭތެރެ ދޭތެރެއިން ދެކެވެ އެވެ. އެގޮތުން، ނިޒާމް ބަދަލު ކުރާ ނަމަ، އެ ވާހަކަ އިސްވެ ދައްކަވަން ޖެހޭނީ ރައީސް ސޯލިހު ކަމަށް ރައީސް ނަޝީދު ވެސް ވަނީ ކުރީން ވިދާޅުވެފަ އެވެ.
މި މައްސަލަ މަޖިލީހަށް ހުށަހަޅުއްވާނެ ކަމަށް ވިދާޅުވި މެންބަރު ޖާބިރަކީ ރައީސް މުހައްމަދު ނަޝީދުގެ އެޑްވައިޒަރެވެ. އަދި ރައީސް ސޯލިހުގެ ސްޕެޝަލް އެންވޯއީ އެވެ. އަދި މިހާރުގެ އިދިކޮޅު ލީޑަރު ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމަކީ ވެސް ޖާބިރުގެ ވަރަށް އަރިސް ބޭފުޅެކެވެ.