މިއަދަކީ ސާފު ހިތަކައިގެން އެކަކު އަނެކަކާ ސަލާންކޮށް، މާފުކޮށް ގުޅުން ބަދަހި ކުރަންވީ ދުވަހެއް ކަމަށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ފިތުރު އީދުގެ މުނާސަބަތުގައި މިއަދު ނެރުއްވި ހިތޯބުގައި ރައީސް ސޯލިހު ވިދާޅުވީ މިއަދަކީ އެކުވެރިކަމާއި ރަޙްމަތްތެރިކަން އާލާކުރަންވީ ދުވަސް ކަމަށާއި ލޯތްބާއެކު އެއްބަނޑު އެއްބަފާކަމުގެ ގުޅުންތައް އަލުން ދިރުވައި ދަމަހައްޓަންވީ ދުވަސް ކަމަށެވެ. އަދި އެކަކު އަނެކަކަށް މަފްކޮށް، ހިތްހެޔޮކަމާއި އޯގާތެރިކަމާއި ކުލުނާއެކު އިޖްތިމާއީ ގުޅުންތައް ބަދަހިކުރަންވީ ދުވަސް ކަމަށް ރައީސް ވިދާޅުވި އެވެ.
ރައްޔިތުން މިއަދު ސަމާލު ކަން ދޭންވީ ކަމަކީ އީދުގެ އުފާ ފައުޅުކުރުމުގައި މުޖްތަމައުގެ އެންމެން ބައިވެރި ކުރުން ކަމަށް ރައީސް ވިދާޅުވި އެވެ. އަދި ދިވެހިންގެ އެއްބައިވަންތަކަމުގެ ނަމޫނާ ސިފަތަކާއި، ރީތި އަދަބުތަކާއި އަދި އިޖްތިމާއީ ސުލޫކާއި ހަމަތައް ނަގަހައްޓައި ހަރުދަނާ ކުރަން މިއަދަކީ ރަނުގެ ފުރުސަތެއް ކަމަށް ވެސް ރައިސް ވިދާޅުވި އެވެ.
"ކޮންމެ ކާމިޔާބެއްގެ އަސްލަކީ އަޅުގަނޑުމެންގެ މެދުގައި އޮތް އެކުވެރިކަމާއި އެއްބައިވަންތަކަން. އެކަމަކީ ކިތަންމެ މުހިންމު އަދި ހާސިލުކުރަން ކިތަންމެ ބޭނުން ކަމަކަށްވިޔަސް، އަޅުގަނޑުމެންގެ ތެރޭގައި އެކުވެރިކަން ނެތްނަމަ، އެކަމެއް ހާސިލުކުރުން ވާނީ ދަތި އުނދަގޫ ކަމަކަށް. އެހެންކަމުން، މިފަދަ މުނާސަބާތަކަކީ، މުޅި މުޖްތަމައުގެ އެކުވެރިކަން އާލާކޮށް ދެމެހެއްޓުމަށް ލިބިފައިވާ ވަރަށް އަގުހުރި ފުރުސަތެއް ކަމުގައި ދެކި، އެ ފުރުސަތުގެ ބޭނުން ހިފަމާތޯއެވެ," ރައީސް ސޯލިހު ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ އީދު ފާހަގަ ކުރުމަކީ ހަމައެކަނި ދީނީ މުނާސަބަތެއް ނޫން ކަަމަށެވެ. އޭގެ އިތުރުން އިޖްތިމާއީ ގުޅުންތަކާއި ގައުމިއްޔަތުގެ އަގުތައް އޭގެ ފުރިހަމަގޮތުގައި ދެމެހެއްޓުމަކީ ވެސް މިއަދު ކުރަން ޖެހޭ ކަމެއް ކަމަށް ރައީސް ވިދާޅުވި އެވެ. އީދުގެ އުފާވެރިކަން އަޅުގަނޑުމެންގެ ހަނދާނަށް ގެނެސްދޭ އެންމެ މުހިންމު ކަމަކީ މުޖްތަމައުގައި ތިބި ތަފާތު ފަންތިތަކުގެ މީހުންގެ ހާލަތު ކަމަށާއި ފަގީރުންނާއި ނިކަމެތީންނާއި މިސްކީނުންނަށް އެހީތެރިކަން ފޯރުވައި އެމީހުންގެ ދަތިތައް ފިލުވައިދިނުމަށް އަވަސްވެ ގަންނަން ޖެހޭ ކަމަށް ވެސް ރައީސް ވިދާޅުވި އެވެ.