ހަބަރު

ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު ކާށިދޫން މީހަކު ހައްޔަރުކޮށްފި

Jun 5, 2019
2

ކ. ކާށިދޫ ޕޮލިސް ސްޓޭޝަނުން ހިންގި އޮޕަރޭޝަނެއް ގިނަ އަދަދެއްގެ މަސްތުވާތަކެއްޗާއެކު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

އިއްޔެ ހިންގި އެ އޮޕަރޭޝަންގައި އެ މީހާ ހައްޔަރުކޮށްފައިވަނީ މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެހި ހުރި 51 ރަބަރު ޕެކެޓާއެކު ކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ. ފުލުހުން ދަނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.

ފަހަކަށް އައިސް، މަސްތުވާތަކެތީގެ ވިޔަފާރި ކުރާ ތަންތަން ބަލާ ފާސްކުރުމުގެ އޮޕަރޭޝަންތައް ފުލުހުން ވަނީ އިތުރުކޮށްފަ އެވެ. އިއްޔެ ވެސް މަސްތުވާތަކެތި ބޭނުންކޮށް އޭގެ ވިޔަފާރި ކުރަމުންދިޔަ ގެއަކަށް ފުލުހުން ވަދެ އެ ގެއިން 11 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ.

އޭގެ އިތުރުން ހޯމަ ދުވަހުގެ ރޭ ހުޅުމާލޭގައި، ކޯޓް އަމުރަކާއެކު ގޮސް ގެއެއް ބަލައި ފާސްކޮށް ތިން ކިލޯގެ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކުރި އެވެ. ނަމަވެސް، އިއްޔެ ކޯޓުން ވަނީ އެ ދެ މީހުން ދޫކޮށްލައިފަ އެވެ.