ހަބަރު

ކޯޓުން ދޫކޮށްލި ޑްރަގް ވިޔާފަރިކުރާ ދެ މީހުން އަލުން ހައްޔަރުކޮށްފި

ހޯމަ ދުވަހު ކޯޓް އަމުރަކާއެކު ގޮސް ގެއެއް ބަލައި ފާސްކޮށް ހައްޔަރު ކުރި ދެ މީހަކު ކްރިމިނަލް ކޯޓުން ދޫކޮށްލުމުން، ރޭ އަނެއްކާވެސް އެ ދެ މީހުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފި އެވެ.

ހޯމަ ދުވަހުގެ ރޭ ހުޅުމާލޭ ގެއަކުން ތިން ކިލޯގެ މަސްތުވާކެއްޗާއެކު ހަޔަރުކުރި ދެ ދިވެހިން ބަންދުގެ މުއްދަތު ޖަން ކްރިމިނަލް ކޯޓަށް ގެންދިއުމުން މުއްދަތު ޖަހައި ނުދީ އެ ދެ މީހުން ވެސް އިއްޔެ ވަނީ ދޫކޮށްލައިފަ އެވެ.

ނަމަވެސް، ކޯޓު އަމުރެއްގެ ދަށުން އެ ދެ މީހުންވެސް އަލުން ހައްޔަރުކޮށްފައިވާކަމަށް ފުލުހުން މިއަދު ވަނީ ބުނެފަ އެވެ. އެ މީހުން އަލުން ހައްޔަރުކޮށްފައިވަނީ ހުޅުމާލޭގައި އެ މީހުން ދިރިއުޅޭ ގެއިން ރޭ 03:17 ހާއިރު ކަމަށް ފުލުހުން އިތުރަށް ބުނެފައިވެ އެވެ.

ހައްޔަރުކުރި ދެ މީހުންގެ އޭގެ ތެރޭގައި 52 އަހަރުގެ އަންހެނަކު ވެސް ހިމެނޭކަމަށް ފުލުހުން ކުރިން ބުނެފައިވެ އެވެ. އެ ދެ މީހުން ހައްޔަރު ކުރީ މަސްތުވާތަކެތީގެ ވިޔަފާރީ ކުރާ ކަމުގެ ތުހުމަތުގަ އެވެ.

އެ ދެ މީހުން ދޫކޮށްލީ ޖިނާއީ އިޖްުރާއަތުގެ ގާނޫނުގެ 12 ވަނަ މާއްދާއަށް ރިޔާއަތްކޮށެވެ. އެ މާއްދާގައި ބުނަނީ ކޯޓް އަމުރުގެ ހުރިހާ ގަނޑެއްގައި ގާޒީގެ ނަމާއި ސޮއި އަދި ތައްގަނޑު އިންނަންވާނެ ކަމަށެވެ. ނަމަވެސް ފުލުހުން އެދިގެން ދިން ކޯޓް އަމުރުގައި ސޮއި އިނީ ހަމައެކަނި ފަހު ގަނޑުގަ އެވެ.