ކުޅިވަރު

ދެވަނަ ދައުރަކަށް އިންފެންޓިނޯ ފީފާއަށް

ފީފާގެ ރައީސް ކަމުގައި، މިހާރުވެސް ހުންނެވި ޖިއާނީ އިންފެންޓިނޯ ހަތަރު އަހަރުގެ އިތުރު ދައުރަކަށް އަނެއްކާވެސް އިންތިހާބު ކޮށްފި އެވެ.

އިންފެންޓިނޯ، ފީފާގެ ރައީސް ކަމަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ 2016 ވަނަ އަހަރު ބޭއްވި އިންތިހާބުގަ އެވެ. އެއި 2015 ވަނަ އަހަރު އިންތިހާބު ބޭއްވުމަށް ފަހު އަފަހަރު ރައީސް ކަމަށް އަލުން އިންތިހާބުވި ކުރީގެ ރައީސް ޖޯސެފް ބްލެޓާ އިސްތިއުފާ ދެއްވުމުން ބޭއްވި ކުއްލި އިންތިހާބުގަ އެވެ.

މިފަހަރުގެ އިންތިހާބުގައި އިންފެންޓީނޯއާ ވާދަ ކުރާނެ އިތުރު ކެނޑިޑޭޓެއް ނެތެވެ. ފްރާންސްގެ ވެރިރަށް ޕެރިހުގައި މިހާރު ކުރިއަށްދާ ފީފާގެ ކޮންގްރެސްގައި ގައުމުތަކުން އިމްފެންޓިނޯއަށް ރުހުން ދިން އެންމެ ބޮޑު ސަބަބަކީ ވޯލްޑްކަޕުގައި ކުޅޭ ޓީމުތަކުގެ އަދަދު 32 ން 48 އަށް އިތުރު ކުރުމެވެ.

އެމެރިކާ އާއި ކެނަޑާ އަދި މެކްސިކޯގައި 2026 ވަނަ އަހަރު ބާއްވާ ވޯލްޑްކަޕުގައި 48 ޓީމު ކުޅޭ ގޮތަށް ފީފާގެ ކޮންގްރެސްއިން ވަނީ މިދިޔަ އަހަރު ފާސްކޮށްފަ އެވެ. އިންފެންޓިނޯ ފީފާގެ ރައިސް ކަމަށް އެންމެ ފުރަތަމަ ވަޑައިގެންނެވީ ފީފާގެ އެތޭރެގައި ކޮރަޕްޝަނާއި މަކަރާއި އޮޅުވާލުން އިންތިހާއަށް އޮއްވަ އެވެ.އެ ހާލަތު ބަދަލު ކުރުމަށް މަސައްކަތް ކުރާނެ ކަމަށް އޭނާ ވައުދުވި އެވެ.

ޕްރޮފީޝަންއެއްގެ ގޮތުގައި ކުރިން ލޯޔަރުކަން ކުރި އިންފެންޓިނޯ ވަނީ ޔޫއެފާގެ ޖެނަރަލް ސެކެޓްރީކަން ވެސް ކުރައްވާފަ އެވެ.